ކޮލަމް ސާންޑް: މިލިޔަނަރަކަށް ނުވި މިލިއަން ބަކުރު

DSCN8154.jpg

އިސްކޮޅުގައި ފަސް ފޫޓުވެސް ހަމަ ނުވާ ނިކަމެތި ހަށިގަނޑެކެވެ. މި ހަށިގަނޑުގައި އެހާ ބުރަކޮށް މަސައްކަތް ކުރުމުގެ ބުންވަރާއި ހިތްވަރު ހުންނާނެކަމަށް ގަބޫލު ނުކުރެވިދާނެއެވެ. ބަރުދަނުގައި 50 ކިލޯއަށްވުރެ ދުވަހަކުވެސް އިތުރުނުވާ މި ނިކަމެތި ހަށިގަނޑަކާއެކު ދިރިއުޅުމުގެ ބުރަ ދުވަސް ނިންމާލާފައިވާ އުމުރުން މިހާރު 70 އަހަރުގެ މި މީހާއަކީ މީހުން ގަބޫލު ކުރާ ގޮތުގައި މިލިޔަނަރަކަށް ނުވި މިލިޔަން ބަކުރެވެ. އެކަމަކު ހަގީގަތުގައި މިލިޔަނަރެކެވެ. އެއީ މާވަހަރެއް ނުވަތަ ވާރުތާ މުދާ ގަނޑެއް ލިބިގެން ނޫނެވެ. މުލައްދަނޑީގެ ބާރުން ހަލާލު ގޮތުގައި ބުރަމަސައްކަތުން ހޯދި ފައިސާއެވެ. ގަބޫލު ނުކުރިޔަސް ދުވާލު ހަތަރު ދަމާއި ރޭގަނޑު އެތައް ދަމެއް ވަންދެން މަސައްކަތްކޮށްގެން ބ.އޭދަފުށީ ޑޭޒީމާގޭ އަބޫބަކުރު އާދަމް (ބަކުރު) ވަނީ މިލިޔަނުން ގުނާލެވެ އަދަދަށް ފައިސާ ހޯދާފައެވެ.

ކުރިން ހީކުރީ މިލިއަން ބަކުރުގެ ނަމަކީ ވަނަމެއްގެ ގޮތުން ނޫނީ މަލާމާތެއްގެ ގޮތުން ކިޔަމުން އައި ނަމެއް ކަމުގައެވެ. ބަކުރުވެސް ގަބޫލު ކުރަނީ އެގޮތަށެވެ. ޅާނބެއް ހިފައިގެން ، ނޫނީ ކަރަންޓު ކީހެއް ކޮނޑު އަޅައިގެން ކޮންމެވެސް ގަހަކާ ދިމާއަށް ބަލަން ހުންނަ މީހަކަށް މިލިޔަނަކާ ހަމައަށް ދަތުރު ކުރެވޭނެ ގޮތެއް އޮންނާނެކަމަށް ގަބޫލު ނުކުރެވެނީއެވެ. އެކަމަކު ކޮންމެ ނަމެއް ބޭނު ކުރިޔަސް ފަރުވާލެއް ނެތް ކަމަށް ބުނަމުން ފަހުރުވެރިކަމާއެކު ބަކުރު ބުނަނީ ބުރަ މަސައްކަތް ކޮށްގެން މި ރަށުގެ އެއްވެސް މީހަކު ނުހޯދާވަރަށް އޭނާ ހުންނާނީ ފައިސާ ހޯދާފައެވެ.

މީގެ ތިން އަހަރުކުރިން އޮޑިހަރުގެ އެއް އަޅަން އުޅުމުގެ ތެރޭގައި ހަރުގެ މަތިން ވެއްޓި އަނިޔާވުމާ ހަމައަށް އޭނާ ދިރިއުޅެމުން އައީ މިގޮތަށެވެ.

ފަތިހު ހޭލާނެއެވެ. މުސްލިމަކަށް ވީތީ އަދާ ކުރަންޖެހޭ އަޅުކަމަށް ފަހު އޭނާ ގެންގުޅޭ ޓޫޓީ އިންޖީނެއް އަޅާފައި ހުންނަ ކުޑަދޯނީގައި ދެން ނައްޓާލާނީ އޭދަފުށިން ފުރައިގެން ބައިގަޑިއެއްހައި އިރުން ދެވޭހައި ކައިރީގައި އޮންނަ ކޮރައިދޫ ފަޅަށެވެ. މޫސުން ގޯސް ދުވަހެއްނަމަ މެންދުރު ވަންދެން ކުރާ މަސައްކަތަކީ ތޮށިން ގާނަގައިގެން އަމިއްލައަށް އުފުލޭ ވަރަށް ފަޅިފަޅިކޮށް ތޮށިމަތީގައި ފުންޏަކަށް ޖަހާފައި ބެހެއްޓުމެވެ. މޫސުން ރަނގަޅު ދުވަސް ދުވަހު ފަޅި ކޮށްފައި ހުރި ގާތަކުން ދޯނި ބަރުކޮށްގެން ރަށަށެވެ.

“ގާ ބަލާ ދަނީ އެކަނި. ގާ އަރުވަނީވެސް އެކަނި. ގާ ތަޅަނީވެސް އެކަނި. ގޮޅި ޖަހަނީވެސް އެކަނި. މި މަސައްކަތުން ދުވާލަކު 660 ރުފިޔާ ހޯދަން. އެއީ މުޅި ދުވަހަށް ބަލާނަމަ ހަ ދޯނީގެ ގާ. މެންދުރު ކުރީގައި 3 ދޯނި މެންދުރު ފަހު 3 ދޯނި .110 ރުފިޔާއަށް ދޯންޏެއް.” މީގެ ވިއްސަކަށް އަހަރުކުރިން ފެށިގެން ގަވާއިދުން ކުރަމުން އައި މަސައްކަތާ ބެހޭގޮތުން ބަކުރު ބުންޏެވެ.

ބަކުރު ބުނަނީ އިންޖީނުގައި ވީމާ އިރު ކޮޅަކުން ދޯންޏެއް ގެނެސް ފަޅަށް އަޅާލާކަށް އެއީ މާބޮޑު ކަމަކަށް ނޫންކަމަށެވެ.

މެންދުރުފަހު ގަލަށް ނުދާނަމަ ދެން އޮންނާނީ ރުއްރުކަށް އެރުމާ ރުއް ކެނޑުމާ ގަސް ކެނޑުމާ ބަނބުކެޔޮ ކެނޑުން ފަދަ ބިމުންމަތީގައި ކުރާ މަސައްކަތްތަކެވެ.

އެމަސައްކަތަށް ބަކުރު ކުޅަދާނައެވެ. ނިކަން ހަލުވިވެސް މެއެވެ. ރުކެއް ކަނޑަން ނަމަ ރުކަށް އަރާނީ ކަރަންޓު ކީސް ހިފައިގެންނެވެ. އަނެއްކާ މޮޅު ކަމަކީ ރުއް ކަނޑާއިރު ބަކުރު އިންނާނީ ރުކު ކުރީގައެވެ.

މިކަމަށް އޭނާ ފަރިތަ ވެލާފައި ހުރިވަރު އީވީއާ ހިއްސާ ކުރިއެވެ.

“ނުކުނޑޭނެއޭ ބުނި ކިތަންމެ ރުކެއް ކިތަންމެ ގަހެއް ކަނޑާފައި ހުންނާނެ. ފުރާޅު މައްޗަށް ވާގޮތަށް ހުންނަ ރުއްރުއްވެސް ބޭނުން ދިމާއަކަށް ކަނޑާލާފައި ބޭލުމަކީ އެއްވެސް ކަމެއް ނޫން. ފުރާޅު ތެރެއިން ޓިނުން ކަނޑާލާފަ ނުކުމެ ހެދިފައި ހުންނަ ރުއްރުއް ވެސް ފުރާޅަށް ގެއްލުމެއް ނުކޮށް ކަނޑާ އުކާލަން.”

ބަކުރު ކަރަންޓް ކީސް ހިފައިގެން ރުއްރުކަށް އަރާ ރުއްކަނޑާ ގޮތް ބަލަން ފަތުރުވެރިންވެސް ހައިރާންވެ ފޮޓޯ ނަގަން އެދެއެވެ. ރުއްކަނޑާ ތިރިކޮށް ބުރިބުރިއަށް ކީހާލުމަށްފަހު ކޮނޑުމައްޗަށް ތިރިކޮށްލާފައި ދެން ބިންމައްޗަށް އެއްލާލުމުގައި އެހުންނަ ފަރިތަކަން ފެނިފައި އެވެރިންގެ ގިނަ ބަޔަކު ފޮޓޯ ނަގާފައި ހުންނާނެ ކަމަށް ބަކުރު ފަހުރުވެރި ކަމާއެކު ބުނެއެވެ.

ބަކުރު ރުކެއް ކަނޑައިދެމުން އައީ 300 ރުފިޔާ އަށެވެ. ރުކަކަށް އަރައިދެނީ ވިހި ރުފިޔާ އަށާއި ފަނަރަ ރުފިޔާ އަށެވެ. އެއީ މީގެ 15ވަރަކަށް އަހަރު ކުރިން ފެށިގެންނެވެ.

ދިވެހިންގެ އާއްމު ދިރިއުޅުމަށް ބަލާއިރު ދުވާލު ހަތަރުދަމު މަސައްކަތް ކުރުމަށް ފަހު ރޭގަނޑަކީ އަރާމު ކުރުމުގެ ވަގުތެވެ. ބަކުރު ތަފާތެވެ. އޭނާ އެންމެ ކުރާހިތުން މަސައްކަތް ކުރަނީ ރޭގަނޑުއެވެ.  އޭދަފުށީގައި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ ކުރިން އޭނާގެ ރޭގަނޑު ކުރާ އެއް މަސައްކަތަކީ ގޭގޭގެ ފާހާނާ ޖަންކްޝަން ސާފު ކޮށްދިނުމެވެ.

“މިރަށުގެ ހުރިހާ ޖަންކްޝަނެއްހެން ސާފުކުރާނީ އަހަރެން .8ފޫޓު4 ފޫޓުގެ ޖަންކްޝަނެއް ސާފުކޮށްދެނީ  2000 ރުފިޔާ އަށް. އެއަށް ވުރެ ކުޑަނަމަ 1000 ރުފިޔާ.” ޖަންކްޝަން ސާފުކޮށްދޭ އަގު ބަކުރު ބުންޏެވެ.

ރޭގަނޑު ކުރާ އަނެއް މަސައްކަތަކީ ސޮނެވާފުށިން އޭދަފުއްޓަށް މީހުން ގެނައުމާ އެމީހުން އަނބުރާ ރިސޯޓަށް ގެންދިއުމެވެ.

“އެމީހުން ގުޅީމާ ދަނީ އަހަރެން ގެންގުޅޭ އައުޓްބޯޑު އިންޖީނެއް އަޅާފައި އޮންނަ ދޯނީގައި. ކޮޅަކަށް 10 ޑޮލަރު ނަގަން. ދިވެހިންކަމަށް ވިޔަސް ފައިސާ ދިނުން އޮންނާނި މި ގޮތަށް. އެމީހުން އޭދަފުއްޓަށް އަންނާނީ މީހުންނާ ބައްދަލު ކޮށްލާށާ މަޖާކޮށްލަން. ގިނަވެގެން ނަގާނީ ދެގަޑިއެއްހައި އިރު. އޭދަފުއްޓަށް ގެނެސް އެމީހުން އެނބުރި އަންނަންދެން އަހަރެން އިންނާނީ ދޯނީގައި. މިއީވެސް ވަރަށް ގިނައިން ލާރި ލިބުނު މަސައްކަތެއް.”

މިއީ ބަކުރު ދުވަސް ފުރިހަމަ ކުރާ ގޮތެވެ. މި ގޮތުގައި ވިއްސަކަށް އަހަރު ހޭދަކުރިއިރު ފައިސާވެސް ހުރީ މަސައްކަތާ ނުބައްދަލުވާ ވަރަށް ޖަމާވެފައެވެ. އެކަމަކު އެހިސާބުން ހުރިހާ މަސައްކަތެއްވެސް ހުއްޓާލަން ޖެހުނީއެވެ. ކުރިންވެސް ބުނިހެން ހަރުގެއިން ވެއްޓި އަނިޔާވީއެވެ.

“ފަރުވާ އަށް އިންޑިއާއަށް ފުރަތަމަ ފަހަރު ދިޔައީ 2000ޑޮލަރާ އެއްލައްކަ ރުފިޔާ ހިފައިގެން . މަސައްކަތް ކޮށްގެން ހޯދި ފައިސާ އެއީ. އެގޮތަށް ދެފަހަރު އިންޑިއާ އަށް ހިނގައްޖައިން. ހަމަ އެގޮތަށް ދެމަފިރިން ހައްޖުވެ އުމުރާގެ އަޅުކަންވެސް ވާނީ އަދާ ކޮށްފަ. ހަތް ދަރިންނަށް އެކުދިން ބޭނުން ވަރަކަށް އޮންނާނީ ކިޔަވައިދީފައި.”

ބ.އެދަފުށީ ޑޭޒީމާގޭ އަބޫބަކުރު އާދަމް -އީވީ ފޮޓޯ :ގައްޔޫމް

 

މި ކަހަލަ ދުވަހެއް އަތުވެދާނެކަމަށް ބަލައިގެން އޭނާ ވަނީ އާމްދަނީ ލިބޭނެ އެހެން މަގުތައް ވެސް ތަނަވަސް ކޮށްފައެވެ. ގޭގައި ކޮޓަރި ބައރިއެއްހަދައި އެތަންތަން މިހާރުވެސް ހުންނަނީ ކުއްޔަށް ދީފައެވެ. “އެތަންތަނުން ކުލީގެ ގޮތުގައި ލިބޭ ފައިސާއިންނާއި 65 އަހަރުވުމުން ލިބޭ ފަސް ހާސް ރުފިޔާ އިން ދިރިއުޅުން ވަރަށް އުފާވެރި.” މިހާރު ކާފަ ދަރިންވެސް ތިބި ބަކުރު ބުންޏެވެ.

“ހާދަ ފައިސާއެއް ލިބުނޭ. މަގޭ ހަތް ދަރިން ސްކޫލްގައި ގެންގުޅެމުން ދެމަފިރިން ހައްޖުވެ އުމުރާވީ. ދެން ހަމަ މަތީ ފެންވަރުގެ ކޮޓަރިތަކެއް ހަދައިގެން އެތަންތަން އެހެރީ މިހާރުވެސް ކުއްޔަށް ދީފަ.” ބަކުރު ތަކުރާރު ކުރަމުން ބުންޏެވެ.

ބަކުރު ބުނަނީ މިހާރު ހުންނަނީ މަސައްކަތް ކުރުން ހުއްޓާލައިގެން ކަމުގައެވެ. އެކަމަކު އެއްވެސް މަސައްކަތެއް ނުކޮށް ހުންނަން ޖެހުމުން ފޫހިވާތީ މިހާރުވެސް ކޮންމެވެސް ވަރަކަށް ރުކަށް އެރުން ފަދަ ކަންތައް ކުރެއެވެ. އެކަމަކު މިހާރުގެ ޒުވާނުންނަށް ގޮން ޖަހާލާފައި އޭނާ ބުނެއެވެ. “ލާހިކެއް ނޫން މަގޭ ކުރި މަސައްކަތް ކުރާކަށް މިއުޅޭ އެއްވެސް ޒުވާނަކަށް. ވަރަށް ކެރިގެން މި ބުނަނީ. އެހިތްވަރެއް އެ ބުންވަރެއްވެސް ނުހުންނާނެ.”

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top