މާލެއިން ރަށްރަށަށް މީހުން ފޮނުވުން މެދުކަނޑާލަން ޖެހިދާނެ -މިނިސްޓަރު

DSCN3341.jpg

ކޮރޯނާވައިރަސް، ކޮވިޑް-19 ގެ ހާލަތު މާލޭގައި އިތުރަށް ގޯސްވާތީވެ، މާލޭގައި ތާށީވެފައި ތިބި އެކި ރަށްރަށުގެ މީހުން ރަށްރަށަށް ފޮނުވުން މެދުކަނޑާލަން ޖެހިފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މާލެ ލޮކްޑައުންކުރުމުން ރަށްރަށަށް ނުދެވި މާލޭގައި އަތޮޅުތަކުގެ ވަރަށް ގިނަ މީހުން ރަށަށް އެނބުރި ނުދެވިފައި އެބަތިއްބެވެ.

މިދިޔަ ހަފްތާއިން ފެށިގެން ޖެންޑާ މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަދި ކައުންސިލްތަކާ ގުޅިގެން އެފަދަ މީހުން 14 ދުވަހަށް ކަރަންޓިން ފެސިލީޓީތަކުގައި ބޭތިއްބުމަށްފަހު ރަށަށް ފޮނުވުުމުގެ އިންތިޒާމް ވަނީ ފަށާފަ އެވެ. އެގޮތުން މިހާތަނަށް އެފަދަ 42 މީހަކު ކަރަންޓީން ކޮށްފައިވާ ކަމަށް އެންއޯއީސީން ވަނީ ބުނެފަ އެވެ.

“ރާއްޖެ ޓީވީ”އަށް މިނިސްޓަރު އިމްރާން ރޭ ދެއްވި އިންޓަވިއެއްގައި ވިދާޅުވީ ކުރިއަށްއޮތް ދުވަސްތަކުގައި ބަލި ފެތުރުން އިތުރުވެދާނެ ކަމަށް ސިއްހީ މާހިރުން ލަފާދިނުމުން ރަށްރަށަށް މީހުން ފޮނުވުމުގެ އުސޫލު އަނެއްކާވެސް ރިވިއުކުރަން ޖެހިފައިވާ ކަމަށެވެ.

“އިއްޔެ ކުއްލިއަކަށް މި ބަލި ފެތުރުން އިތުރުވެގެން ދާނެ ކަމަށް ޕްރޮޖެކްޓް ކުރެވުމުން މިހާރު އަނެއްކާ މިއޮތީ އެކަން ރިވިއުކުރަން ޖެހިފައި. މިކަމުގެ ނުރައްކާތެރިކަމާއި ނާޒުކުކަން ހުރިހާ ރައްޔިތުން ވެސް ގަބޫލުކުރަން ޖެހޭ. މިހާރު ކުރަމުންދާ ކަންކަން މާދަމާ ވެސް ބަދަލުކުރަން ޖެހިދާނެ ކަމަށް ގަބޫލުކުރަން ޖެހޭ. ރަށްރަށަށް މީހުން ފޮނުވުން ހުއްޓާލަން މި ޖެހިގެންދާން ޖެހޭ ސަބަބަކަށްވީ ކުއްލިއަކަށް ފުޅާދާއިރާއެއްގައި ބަލި ފެތުރިގެންދިއުމުން،” މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ލުއިފަސޭހަވާ، ހިތްހަމަޖެހޭ ގޮތަކަށް އަވަހަށް ކަންތައްތައް ކުރަން އުޅުމަކީ ބަލި އިތުރަށް ފެތުރި، އޭގެ ސަބަބުން ނިކަމެތިކަމަކާ ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށާއި ފަސޭހަކަމާއެކު ދަތުރުކުރެވޭނެ ގޮތްތައް އިންތިޒާމުކުރެވޭނީ ބަލި ފެތުރުމުގެ ފުރުސަތު ނޯންނާނެ ގޮތަކަށް ނުވަތަ ފުރުސަތު އެންމެ ކުޑަ ގޮތަކަށް ކަމަށެވެ.

މާލޭގައި ތާށިވެފައި ތިބި ރައްޔިތުންގެ ހާލަތު ދެނެވަޑައިގަންނަވާ ކަމަަށާއި މިކަމުގައި ރައްޔިތުން ކެތްތެެރިވުމަށްވެސް އިމްރާން އިލްތިމާސްކުރެއްވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top