ބ.އޭދަފުށީގައި އުމުރުން ދުވަސް ވީ ީހެއްގެ ގައިގާ ޕިކަޕަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ރޭ އިރާކޮޅު ހިނގައިފި އެވެ.
މިއެކްސިޑެންޓް ހިނގީ ރޭ މަޣުރިބު ނަމާދުން ނިމިގެން މިސްކިތުން ނުކުމެ ބޮޑުމަގުން ހިނގާފައި ގެއަށް އަންނަނިކޮށް އެކްސިޑެންޓްވެ އަނިޔާވީ އުމުރަކީ 82 އަހަރުގެ އޭދަފުށީ، ސީސަންގެ އަބޫބަކުރު އަބްދުالله އަށެވެ.
މި އެކްސިޑެންޓާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ރޭ ވިދާޅުވީ، މި އެކްސިޑެންޓްގައި ހިނގާފައި ދިޔަ އެ މީހާއަށް އަނިޔާވެގެން ބ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަަމަށާއި އަނިޔާވެފައި ވަނީ އުމުރުން 82 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓްގައި ފިކަޕްގެ ފުރޮޅު އަބޫކުރުގެ ވާތު ފަޔަށް އެރުމުުގެ ސަބަބުން ފަޔަށް ވަނީ ސީރިޔަސް އަނިޔާތަކެއް ވެފައެވެ.
މަންޒަރު ދުށް މީހުން ކިޔައިދިން ގޮތުގައި އެކްސިޑެންޓްވީ ޕިކަޕު ދުއްވަން އިންމީހާ ބަލަން ޖެހޭ ވަރަށް ނުބަލާ ދުއްވުމުން ނެވެ.
ޕިކަޕު ދުއްވި އުމުރުން 62 އަހަރުގެ މީހާ އަކީ ގަވާއިދާ ހިލާފަށް ޕިކަޕު ދުއްވައިގެން މީގެ ކުރީން ވެސް ލައިސަންސް ހިފަހައްޓާފައިވާ މީހެއް ކަމަށް ވެއެވެ.
އޮފިޝަލް ވިދާޅުވިގޮތުގައި މި އެކްސިޑެންޓާއި ގުޅިގެން، ޕިކަޕު ދުއްވި މީހާ ވަނީ ފުުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.






