ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނު ފުރިހަމަކުރި ބައިވެރިންގެ ތެރެއިން، ފަންނީ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 66 ބައިވެރިން ބ. ކިހާދުއަށް ދިއުމަށް ފުރައިފިއެވެ.
މިއީ ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްތަކުގެ ތެރެއިން ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިން ފުރިހަމަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.
ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު އެކްސް ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަމިއްލަ ނަފުސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ރައްޔިތެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ ދިވެހި ވަޠަނީ ޚިދުމަތުގެ އިނީޝަލް ތަމްރީނު ފުރިހަމަ ކުރި ޒުވާނުންގެ ތެރެއިން، ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގައި ބައިވެރިވުމަށް ކުރިމަތިލި ބައިވެރިން ބ. ކިހާދޫގައި ޤާއިމު ކޮށްފައިވާ އެމްއެންޑީއެފްގެ ތަމްރީނު މަރުކަޒަށް މިއަދު ފުރާފައިވާ ކަމަށެވެ.
މި ތަމްރީނުގައި 66 ޒުވާނުން ބައިވެރިއިރު، އެއީ ރާއްޖޭގެ 35 ރަށަކަށް ނިސްބަތްވާ 16 އަހަރާއި 19 އަހަރާއި ދެމެދުގެ ޒުވާނުން ކަމަށާއި އެ ޒުވާނުން ބައިވެރިވާ ތަމްރީނުގައި ތަފާތު ފަންނީ ދާއިރާތަކުން ތަމްރީނު ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ރައސް ވިދާޅުވި އެވެ.
ހަތަރު މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރުމަށް ހަމަޖެހިފައިވަނީ ބ. ކިހާދޫގައި ހުންނަ ސްކޫލް އޮފް އިންޖިނިއަރިންގް އެންޑް ލޮޖިސްޓިކްސްގައެވެ. މި ތަމްރީނު ފުރިހަމަކުރާ ދަރިވަރުންނަށް އެންމެ ދަށްވެގެން ލެވެލް 3 ގެ ސެޓްފިކެޓެއް ލިބޭނެ ކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވެއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމަކީ ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ، މަސައްކަތަށް އަހުލުވެރި ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމުގެ މަޤްޞަދުގައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގެ 344 ދަރިވަރުން ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ތަމްރީނު ފުރިހަމަކޮށް ދަސްވެނިވެފައެވެ.





