ޑޮކްޓަރެއްގެ ލަފާ ނުހޯދައި ބޭސް ބޭނުން ނުކުރަން އެދެފި

JHBMN-5.jpg

ރޯގާގެ އަލާމާތްތައް ފެނުމުން ޑޮކްޓަރުގެ ލަފާ ނުހޯދައި އެންޓިބަޔޮޓިކްސް ނުވަތަ ބޭސް ބޭނުން ނުކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން މި އިލްތިމާސްކުރީ އުމްރާގެ އަޅުކަމަށްފަހު އުމްރާވެރިން ރާއްޖެ އަންނަ ދުވަސްވަރު އާންމު ރޯގާ އިތުރުވަމުންދާތީ، ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުންނެވެ.

އެތަނުގެ ކޮންސަލްޓަންޓް ސަބްސެޕްޝަލިސްޓް އިން ރެސްޕިރޭޓަރީ މެޑިސިން، ޑރ. ނަޒްމީ އަބްދުލް ލަތީފް ވިދާޅުވީ މިހާރު ރާއްޖޭގައި އެންމެ ހަލުވިކޮށް ފެތުރެމުން ދަނީ އާންމުކޮށް ޖެހޭ ރޯގާ އާއި އިންފުލުއެންޒާ އަދި ޑެންގޫ ކަމަށެވެ. އޭނަ ވިދާޅުވީ މި ބަލިތަކުގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ނޭވާ ކުރުވުން، ކެއްސުން، އަދި ކަރަށް ތަދުވުން ފަދަ ކަންކަން ދިމާވާނެ ކަމަށެވެ. އަދި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި، އުމުރުން ދުވަސްވީ މީހުންނަށް މީގެ އަލާމާތްތައް ނުފެނި ހިނގައިދާނެ ކަމަށް ނަޒްމީ ވިދާޅުވި އެވެ.

އެހެންވެ ބަލީގެ އެއްވެސް އަލާމާތެއް ފާހަގަކުރެވޭ ނަމަ ޑޮކްޓަރަށް ދައްކައި އަދި ޑޮކްޓަރުގެ ލަފާ ހޯދަންވާނެ ކަމަށް ވިދާޅުވި އެވެ.

”އެންޓިބަޔޮޓިކްސް އަސްލު ބެކްޓީރިއަލް އިންފެކްޝަނެއް ކަމަށް ޔަގީން ނުވާ ހިނދަކު ބޭނުން ކުރުމަކީ ބުއްދިވެރި ކަމެއް ނޫން، އަދި ރެކޮމެންޑެޑް ކަމެއް ވެސް ނޫން،“ ނަޒްމީ ވިދާޅުވި އެވެ. ”އެހެންވީމަ އާންމުކޮށް ވައިރަލް ރޯގައިތައް ހުންނާނީ ދެން. ވައިރަލް ރޯގައި ރަނގަޅު ވަމުން ދާއިރު ސެކަންޑަރީ ބެކްޓީރިއަލް އިންފެކްޝަންއެއްވެސް ފަހުން ޖެހިދާނެ.“

ބަލިން އަވަހަށް ރަނގަޅުވުމަށްޓަކައި ގޭގައި އަރާމުކުރުމާއި، ގިނައިން ދިޔާ ތަކެތި ބޭނުންކުރުން މުހިންމުކަމަށް ޑޮކްޓަރު އިރުޝާދު ދެއްވިއެވެ. ނަމަވެސް ބަލިވެ އުޅޭ ދުވަސްވަރު މައިލޯ ފަދަ ކުލަގަދަ ބުއިންތައް ބޭނުންކުރުން މަދުކުރުމަށް ލަފާދެއްވިއެވެ.

އަދި ބަލީގެ އަލާމާތްތައް ފެންނަނަމަ އާންމުންގެ ތެރެއަށް ނުކުމެ އުޅުން މަދުކޮށް، ގިނައިން އަތްދޮވެ ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަކީ ބަލި ފެތުރުން ހުއްޓުވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top