ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފިއެވެ.
މެޓްއޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 11:00 އިން ހަވީރު 5:00 އަށެވެ.
އެލާޓް ގައި ބުނެފައި ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ރާއްޖެ އަށް މިހާރު ކުރަމުން އަންނަ ވިއްސާރައަކީ ދެމޫސުން ބެދޭ ދުވަސްވަރު އާއްމުކޮށް ކޮންމެ އަހަރަކު ވެސް މިދުވަސްވަރު ކުރާ ވިއްސާރައެވެ. މިހާރު ކުރަމުން އަންނަ ވިއްސާރަ ހަފްތާއެއްހައި ދުވަހަށް އަދި ދިގު ދެމިގެންދާނެ ކަމަށް ލަފާކުރެވެއެވެ.