ހުކުރު ދުވަހުގެ ކުރުވާހަކަ : މައިން ބަފައިންނަށް އިހްތިރާމް ކުރާށެވެ.

motherlode-old-picasso-tmagArticle.png

އުމުރުން 80 އަހަރުގެ މުސްކުޅި ބައްޕައަކު އޭނާގެ ކިޔަވައިގެން ހުރި ތައުލީމީ ދަރިފުޅާއެކު ގޭގެ ސިޓިންގރޫމްގެ ސޯފާގައި އިށީދެގެން އިނެވެ. ގޯތިތެރެ ރީތިކޮށް ފެންނަންހުރި އެ ސޯފާގައި ބައްޕަ ބޭރު ބަލަން އިންދާ ކުއްލިއަކަށް ފެންބޮވައިގެންފައި އިން ކާޅެއް އައިސް ކުޑަދޮރު މަތީގައި އިށީދެއްޖެއެވެ. އެތަން ފެނުމުން ދަރިފުޅުގާތު ބައްޕަ އެހިއެވެ. “ދަރިފުޅާ! އެއީ ކޯއްޗެއް ؟”

“ކާޅެއް .” ދަރިފުޅު ޖަވާބުދިނެވެ.

ކުޑައިރުކޮޅެއްގެ ފަހުން ދެވަނަ ފަހަރު އަނެއްކާވެސް ބައްޕަ އެހިއެވެ. “އެއީ ކޯއްޗެއް ؟ ”

“ބައްޕާ ! ހަމަދެންމެ އަހަރެން ބުފެފީމެއްނު އެއީ ކާޅެކޭ .”

އަނެއްކާވެސް އިރުކޮޅެއްގެ ފަހުން ތިންވަނަ ފަހަރު ބައްޕަ އަހައިފިއެވެ. “އެއީ ކޯއްޗެއް ؟ ” ދަރިފުޅު ވަރަށް ހިތްހަމަނުޖެހި އަދި ނުރުހުމާއެކު ތަންކޮޅެއް ބާރަށް ބުނެފިއެވެ. “ކާޅެއް. ކާޅެކޭ .  ކާޅެއް. ”

އިރުކޮޅެއްގެ ފަހުން އަނެއްކާވެސް ބައްޕަގެ ސުވާލު ހަތަރުވަނަ ފަހަރު ތަކުރާރު ކޮށްފިއެވެ. “އެއީ ކޯއްޗެއް ؟ ”

ދަރިފުޅު ހަޅޭއްލަވައިގަތެވެ. “ހަމަ އެއް ސުވާލެއް ކީއްވެގެންތަ ތިޔަ ތަކުރާރު ކުރަނީ ؟ކިތަންމެ ފަހަރަކު ބުނެފިން މިހާރު ، އެއީ ކާޅެކޭ .ކީއްވެގެންތަ ބުނާއެއްޗެއް ނޭގިގެން ތިޔަ އުޅެނީ ؟ ”

އިރުކޮޅަކުން ބައްޕަ އެތަނުން ތެދުވެގެން ކޮޓަރިއަށް ގޮސް އެނބުރި އައީ އޭނާގެ މުސްކުޅި ޑައިރީ ހިފައިގެންނެވެ. އެޑައިރީގައި އޭނާގެ މި ދަރިފުޅު ދުނިޔެއަށް ނޭވާލާން ފެށީއްސުރެ އަންނަނީ ލިޔަމުންނެވެ.

ޑައިރީ ހުޅުވާލުމަށްފަހު އެތަނުން ސަފްހާއެއް ދަރިފުޅަށް ދެއްކުމަށް ފަހު ކިޔާލަދިނުމަށް އެދުނެވެ.

ދަރިފުޅު ކިޔަމުން ގެންދިޔައެވެ. ޑައިރީގައި ލިޔެފައިވެއެވެ.

“މިއަދު އަހަރެންގެ ތުއްތު ދަރިފުޅުގެ އުމުރަކީ ތިން އަހަރެވެ. އޭނާ އަހަންނާއެކު ސޯފާގައި އިށީދެގެން އެބައިނެވެ.

ކާޅެއްއައިސް ކުޑަދޮރުމަތީގައި އިށީދެއްޖެއެވެ. ކާލު ދައްކާފައި ދަރިފުޅު އަހަރެންގެ ގާތު އަހަނީއެވެ. އެއީ ކޯއްޗެއް ހެއްޔެވެ؟ އަހަރެން ބުނީމެވެ. އެއީ ކާޅެކެވެ. އިރުކޮލަކުން އަނެއްކާވެސް އެހިއެވެ. މިގޮތަށް 23 ފަހަރު އެއީ ކޯއްޗެއްތޯ އެހިއެވެ. އަހަރެން 23 ފަހަރު އެއީ ކާޅެކޭ ބުނީމެވެ. އަހަރެންގެ ގާތު އެއީ ކޯއްޗެއްހޭ އަހާ ކޮންމެ ފަހަރަކު ދަރިފުޅުގެ ކުޑަކުޑަ ހަށިގަނޑުގައި ދެއަތްވަށާލައި ލޯބިން އޮޅުލައިގަނެވެއެވެ. އެންމެ ފަހަރަކުވެސް ކުށެއްނެތް ދަރިފުޅުގެ ސުވާލުތަކުގެ ސަބަބުން ނުރުހުންވެ ހިތްހަމަނުޖެހުމެއް އިހްސާސެއް ނުވެއެވެ.”

އުމުރުން ތިންއަހަރުގެ ކުޑަ ދަރިފުޅު 23 ފަހަރު ބައްޕަގެ ގާތުގައި މީ ކޯއްޗެއްހޭ އަހަމުންދިޔައިރުވެސް ބައްޕަގެ ހުރީ އުފަލުންނެވެ. 23 ފަހަރު ޖަވާބު ދިން އިރުވެސް ކުޑަވެސް ނުރުހުމެއް ނެތި ޖަވާބު ދެމުން ގެންދިޔައެވެ. އެކަމަކު މިއަދު އެދަރިފުޅު ގާތު ބައްޕަ އެންމެ ހަތަރުފަހަރު އެސުވާލު ކުރުމުން ދަރިފުޅަށް ވީގޮތް ނިކަން ދެކިބަލާށެވެ.

ވީމާ ……

މައިންބަފައިން މުސްކުޅިވެ ގައިބާރު ދެރަވާދުވަހު އެމީހުންނާމެދު އެއީ އުފުލަންޖެހިފައިވާ ބުރައެއްކަމުގައި ދެކިގެން ނުވާނެއެވެ. އެމީހުންނާ ވާހަކަ ދެއްްކުމާ ހުރިހާ މުއާމަލާތެއް ކުރުމުގައިވެސް ގެންގުޅެންވާނީ އޯގާތެރިކަމާ މަޑުމައިތިރިކަމެވެ.

އަދި ﷲ އަށް ދަންނަަވާށެވެ. އަހަރެންގެ މައިންބަފައިންނަށް އެންމެ ފުރިހަމަގޮތުގައި ޚިދުމަތަ ކުރާނަމުއެވެ. އަހަރެންގެ މައިންބަފައިންނަށް ކުޑައިމިސްބަހެއް އަދި ބާރަށް އެންމެ ބަހެއްވެސް ނުބުނާން އަޒުމް ކަނޑައަޅައިފީމުއެވެ.އެއީ މި ދުނިޔެއަށް އަހަރެން ނޭވާލުމާއެކު އަހަންނާހަވާލުވެ ރަސްދަރިއެއް ފަދައިން އަހަރެން ރަނގަޅު މީހަކަށް ހެދުމަށްޓަކައި ރެއާދުވާ އެއްކޮށްލައިގެން ވަރުބަލިކަމެއްނެތި ބުރަމަސައްކަތް ކުރި މީހުންނެވެ.

މަސްދަރު :ނޭޗަރ ހެލްތް އެންޑް ބިއުޓީ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top