މިނިވަން ޗެންޕިއަންޝިޕްގައި އިއްޔެ އޭދަފުއްޓާ، ދަރަވަންދޫ ބައްދަލުކުރި މެޗް ވަރުގަދަ ކުރިމަތިލުމަކަށްފަހު، 0-1ގެ ނަތީޖާއަކުން އޭދަފުށި މޮޅުވެއްޖެއެވެ.
އޭދަފުށީގެ ޓީމްގެ އަރަމުން އަންނަ އުއްމީދީ ކުޅުންތެރިޔާ 17 އަހަރުގެ ހައިޝަމް ހަސަން މެޗްގެ ފަހު ދިހަ މިނެޓްގެ ތެރޭގައި އޭދަފުއްޓަށް ކާމިޔާބުކޮށްދިން ރީތި ލަނޑު ޖަހާފައިވަނީ ފޯވާޑް މުހައްމަދު ފާސިރު (ފާއްޓޭ) ތަނަވަސްކުރި ފުރުސަތެއްގައެވެ. މިއީ މިފެންވަރުގެ މުބާރާތެއްގައި ހައިޝަމްގެ ފުރަތަމަ ގޯލެވެ.
މާބޮޑު ޕްރެކްޓިސްއެއް ނެތި އިއްޔެ މެޗަށް ނުކުތް ޗެމްޕިއަން އޭދަފުށީ ޓީމަށް ދަރަވަންދޫ ކުޅުންތެރިން ކުރިމަތީގައި މާ މޮޅު ކުޅުމެއް ނުދެއްކުނެވެ. އެއާ ޚިލާފަށް ދަރަވަންދޫ ޓީމް، ގިނަ ވަގުތު މޮޅު ކުޅުމެއްކުޅެ، ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. އޭދަފުށިން ޖެހި ލަނޑުގެ ކުރިން ދަރަވަންދޫ ޓީމަށް ލީޑުނެގުމަށް ވަރަށް ހުސްފުރުސަތެއް ލިބި ބޭކާރުވެސްވިއެވެ.
މިނިވަން ޗެމްޕިއަންޝިޕްގައި އޭދަފުއްޓާ ދަރަވަންދޫގެ ފުރަތަމަ މެޗް ހަނި ތަފާތަކުން އޭދަފުށި މޮޅުވިޔަސް، ދެވަނަ ލެގަށް ނުކުންނައިރު ދަރަވަންދޫ ޓީމުން އުއްމީދު ދުލެއް ނުކުރެއެވެ. އެޓީމްގެ މެނޭޖްމަންޓުން ބުނީ އޭދަފުށި ބަލިކުރެވޭނެ ފެންވަރު އެބަހުރިކަމަށާ، ޓާގެޓަކީ އެއީކަމަށެވެ.
“މިއަދުގެ މެޗުންވެސް ވަރަށް ރަނގަޅަށް ސާބިތުކޮށްދޭ ދަރަވަންދޫ ޓީމްގެ ކުޅުންތެރިންގެ އެބަހުރިކަން ފެންވަރި. އޭދަފުށީ ބަލިކޮށް ޒޯންއަށް ދިއުން އަދިވެސް ޓާގެޓަކީ” އޮފިޝަލަކު ބުންޏެވެ.
އޭދަފުށީ ޓީމްގެ ކޯޗް ބައްޓޭބުނީ ހުރިހާވެސް މައްސަލައަކީ ޕްރެކްޓިސް މަދުވުންކަމަށާ، ނަމަވެސް ހެދުނުގޯސްތައް ރަނގަޅުކޮށް ދެވަނަލެގުގައި ދަރަވަންދޫ ބަލިކުރެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމުގައެވެ.
“މިސްޓޭކްސްތައް ހުންނާނެ. ކުއްލިއަކަށް މިވަރުގެ ވާދަވެރި މެޗަކަށް ނުކުންނައިރު. އަދި ޕްރެކްޓިސްވެސް މަދީ. ދެވަނަ ލެގްވެސް ކާމިޔާބުކުރެވޭނެ އިރާދަކުރެއްވިއްޔާ” ބައްޓޭ ބުންޏެވެ.
މިނިވަން ޗެމްޕިއަންޝިޕް ބ. އަތޮޅު ބުރުގައި އޭދަފުއްޓާއި ދަރަވަންދޫ ބައްދަލުކުރާ ދެވަނަ މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހު ހަވީރު އޭދަފުށީގައެވެ.
މިނިވަން ފުޓްބޯޅަ މުބާރާތުގައި މިއަހަރު ބ. އަތޮޅުން ބައިވެރިވެފައިވަނީ އޭދަފުށްޓާއި ދަރަވަންދޫ އެވެ.