ގަބުރުސްތާނު ސާފުނުކޮށް އޮތް އޮތުމަކީ ނުރައްކަލެއް – ބ. އަތޮޅު ހޮސްޕިޓަލް

12-1.jpg

އޭދަފުށީ ގަބުރުސްތާނުގައި ހުރި ކުނިތަކެއް. މިތަނުގައި ކުނިގިނަ ވުމަކީ ނުރައްކަލެއްކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުނޭ / އީވީ ފައިލް ފޮޓޯ

އޭދަފުށި ގަބުރުސްތާނުގައި ވިނަ ބޯވެ، ކުނިބުނި ގިނަވެފައިވާ މައްސަލައަކީ ސިއްހީގޮތުން ބަލާއިރު ނުރައްކާތެރި މައްސަލައެއްކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ސިފަކޮށްފިއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ ރޯގާއާއި، ހުން ފެތުރުން އިތުރުވަނީ ރަށުތެރޭގައި ކުނިބުނި ގިނަވެ، މަދިރިއާލާވުމުގެ ފުރުސަތު ބޮޑުވުމުންކަމަށާ، އޭދަފުށި ގަބުރުސްތާން ކުނިބުނީގެ ހާއްޔަކަށް ވަމުންދާކަމަށެވެ. އެހޮސްޕިޓަލްގެ ޕަބްލިކް ހެލްތް ޔުނިޓްގެ ހެޑް ސިދުގީ އަބްދުﷲ ދުނިޔޭގެ ސިއްހަތުދުވަހާ ގުޅިގެން އީވީއަށް ދެއްވި އިންޓަވިއުއެއްގައި މިއަދު ވިދާޅުވީ ގަބުރުސްތާނު ސާފުކުރުމަށް ކައުންސިލްގައި އެދެމުންދާކަމަށާ، އެކަން އަވަސްކުރަންޖެހޭ ކަމަށެވެ.

“އެންމެފަހުން ރޯގާ އެންމެ ވަރުގަދައަށް ފެތުރުނު ދުވަސްވަރު އަޅުގަނޑުމެން ޓީމްތައް ގޮސްގެން ގަބުރުސްތާނު ބެލިން. ވަރަށް ގިނަ ދަޅާ ފުޅި ފަދަ ތަކެތި އެބަހުރި އަޅާފައި. އަދި ކޮބާތޯ އެތަކެތި ނަގާ ސާފުކުރެވެން އަންނަނީވެސް އެތަނުގައި ހެދިފައިވާ ގަސްތައް ކޮށާ ސާފުކޮށްގެން. އެހާވަރަށް އެތަނުގަ ގަސްބޯ. މީދާވެސް އެހާގިނަ. އެކަން އަވަސްކުރަން ދަންނަވަމުން މިގެންދަނީ އިނގޭތޯ.” ސިދުގީ ވިދާޅުވިއެވެ.

ސިދުގީ ވިދާޅުވީ އޭދަފުށީ ކުނިކޮށީގައި ޖަމާވަމުންދާ ކުނީގެ މައްސަލަތައްވެސް އެހާބޮޑު ކަމަށާ، އަވަސް ހައްލެއް މިކަންކަމަށް ބޭނުންވާކަމަށެވެ. އަދި ކުނިތައް ތިލަފުއްޓަށް ގެންދިއުން އަވަސްކުރުމާ ބެހޭގޮތުން ކައުންސިލްގައި ދަންނަވަމުންދާކަމަށްވެސް ސިދުގީ ވިދާޅުވިއެވެ.

ގަބުރުސްތާނުގައި ވިނަބޯވެ، ޖަންގައްޔަކަށް ބަދަލުވަމުންދާތީ، އެތަން ސާފުކޮށްދޭނެ ބަޔަކު ހޯދަން މިދިޔަމަހު ކައުންސިލުން އިޢްލާންވެސް ކުރިއެވެ. ނަމަވެސް އެކަމަށް މާބޮޑު މަސައްކަތްތަކެއް ކުރެވެމުންދާތަން އަދި ނުފެނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top