ޝައިޚް މަޖީދުގެ ދަރެސް: މައިން ބަފައިންނަށް ހެޔޮ ދުޢާ ކުރުން

10929990-3x2-940x627.jpg

މައިންބަފައިންގެ މައްޗަށް ދަރީން ހެޔޮދުޢާ ކުރުމަކީ، އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅާ ކަމެކެވެ. އެހެނީ އެކަމަކީ، މައިންބަފައިން ދުނިޔޭގައި ދިރިހުރި ޙާލުގައްޔާއި މިދުނިޔެ ދޫކޮށް، މަރުވެފައިވާ ޙާލުގައިވެސް އެދެމީހުންނަށް މަންފާ ކުރާނޭކަމެކެވެ. އަދި ﷲ ގެ ޙަޟްރަތުގައި އެދެމީހުންގެ ދަރަޖަ އުފުލިގެން ދާނޭ ކަމެއްވެސް މެއެވެ.

މައިންބަފައިންނަށް ހެޔޮ ދުޢާ ކުރުމަށް މާތްﷲ ކީރިތި ޤުރްއާނުގައި ވަޞިއްޔަތް ކުރައްވައި، ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވަނީ “އަދި އޯގާވެރިވުމުގެ ގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށް ޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރި ރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީ ދުވަހު، އެ ދެމީހުން މިއަޅާ ބަލައި ބޮޑުކުރި ފަދައިން، އެ ދެމީހުންނަށް ރަޙުމަތް ލައްވާނދޭވެ!” (އިސްރާއު ސޫރަތުގެ 24 ވަނަ ޢާޔަތުގެ މާނަ)

މައިން ބަފައިންނަށް ހެޔޮދުޢާ ކުރުމާ ބެހޭގޮތުން، ކީރިތި މާތް ނަބިއްޔާ ޞައްލަﷲޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވަނީ “އިންސާނާ މަރުވެއްޖެއްޔާ ތިންކަމެއް ފިޔަވައި އެހެން ހުރިހާ ކަމެއް އޭނާއާ ގުޅުން ކެނޑިގެންދާހުއްޓެވެ. (ގުޅުން ނުކެނޑޭ ތިންކަމަކީ) (އޭނާ ކޮށްފައިވާ) ދެމިހުންނަނިވި ޞަދަޤާތެކެވެ. އަދި އޭނާ ދޫކޮށްފައިވާ އެއިން މަންފާ ކުރަނިވި ޢިލްމެކެވެ. ނުވަތަ އޭނާ ތަރުބިޔަތު ކޮށްފައިވާ، އޭނާއަށްޓަކައި ހެޔޮދުޢާ ކުރާނެ ޞާލިހު ދަރިއެކެވެ. (އެބަހީ: އެފަދަ ދަރިއެއްގެ ދުޢާއެވެ.”)

އިސްވެދިޔަ ބަސްފުޅުން ޔަޤީންވަނީ، ތިބާ ހެޔޮލަފާ ޞާލިޙު މީހެއްގެ ގޮތުގައި ހުރެ މައިންބަފައިންނަށް ހެޔޮދުޢާ ކުރާނަމަ އެ ދެމީހުން ކަށްވަޅުގައި އޮންނައިރުވެސް އޭގެ މަންފާ ކުރާނެކަމެވެ.

މައިން ބަފައިންނަށް ކުރެވިދާނެ ކިތަންމެ ދުޢާތަކެއް ކީރިތިޤުރްއާނާ ކީރިތިމާތް ނަބިއްޔާ ޞައްލަﷲޢަލައިހިވަސައްލަމަގެ ސުންނަތުގައި ވާރިދުވެފައިވެއެވެ.

ކީރިތިޤުރްއާނުގައި ވާރިދުވެފައިވާ އެއް ދުޢާއަކީ، އިބްރާހީމް ސޫރަތުގެ 41 ވަނަ އާޔަތެވެ.

﴿ رَبَّنَا ٱغْفِرْ لِى وَلِوَٰلِدَىَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ ٱلْحِسَابُ 

މާނައީ “އަޅަމެންގެ ވެރިރަސްކަލާކޮ! ޙިސާބު ޤާއިމުވާ ދުވަހު، އަޅާއަށާއި، އަޅުގެ މައިންބަފައިންނަށާއި، މުއުމިނު ތަކުންނަށް ފާފަ ފުއްސަވާނދޭވެ!”

يَا ﷲ ! އަޅަމެންގެ ދުޢާ އިޖާބަ ކުރައްވާދޭވެ! އާމީން.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top