ދިވެހިންގެ ނަމުގައި ބިދޭސީން ވިޔަފާރި ހިންގާނަމަ ބޮޑެތި އަދަބުތަކެއް

big_beTeTTuYUjVHYInb1qINaoa84.jpg

ދިވެހީންގެ ނަމުގައި ނުވަތަ އަމިއްލަ މީހުންގެ ވިޔަފާރި ހިންގުމުގައި ބިދޭސީން އުޅޭނަމަ ބޮޑެތި އަދަބުތަކެއް ދެވޭ ގޮތަށް “އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގަވާއިދު” އެކުލަވާލައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން އެކުލަވާލައި އަމަލުކުރަމުންދާ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގަވާއިދުގައިވާ ގޮތުން ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ކަމަށް ވިޔަސް ބިދޭސީއަކަށް މަންފާ ލިބޭ ގޮތަށް އަމިއްލަ ފަރުދުންގެ ވިޔަފާރި ހިންގުން މަނާވާނެ އެވެ.

މި ގަވާއިދުގައި ވަނީ ބިދޭސީ ފަރާތްތަކަށް ވިޔަފާރީގެ މަންފާ ލިބޭ ކަމަށް ކަނޑައެޅޭނެ ހާލަތްތައް ބަޔާންކޮށްފައެވެ. އެގޮތުން އަމިއްލަ ވިޔަފާރީގެ މުއާމަލާތްތަކާ ގުޅިގެން، ބިދޭސީ ފަރާތެއްގެ ބޭންކު އެކައުންޓަށް ފައިސާ ޖަމާކުރާކަމުގެ ހެކި ހުރެއްޖެނަމަ، އެ ވިޔަފާރިއަކީ ސީދާގޮތުން ނުވަތަ ނުސީދާގޮތުން ބިދޭސީ ފަރާތަކަށް ވިޔަފާރީގެ މަންފާ ލިބިދިނުމަށްޓަކައި ހިންގާ ވިޔަފާރިއެއް ކަމަށް ކަނޑައެޅޭނެއެވެ.

އެފަދަ ހާލަތެއްގައި ވިޔަފާރިއަކަށް ފިޔަވަޅު އެޅުމުގެ ބާރު އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓްރާއަށް ލިބިގެންވާ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

އެގޮތުން ބިދޭސީ މީހާއަށް ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުމާއި ވިޔަފާރީގެ މަސްއޫލުވެރިޔާ އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުން ހިމެނެ އެވެ. މީގެ އިތުރުން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އެމީހަކަށް އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ރަޖިސްޓަރީ ނުކުރެވޭނެ އެވެ. އަދި ވިޔަފާރީ ރަޖިސްޓަރީ ބާތިލުކުރުމުގެ ބާރުވެސް ވަނީ ދީފަ އެވެ.

ރާއްޖޭގައި ހިންގާ ބޭންކްތަކާއި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ ޚިދުމަތްދޭ ތަންތަނަށް ބޮޑު ޒިންމާއެއް މި ގަވާއިދުގައި ދީފައިވެ އެވެ.

އެގޮތުން ބިދޭސީއެއްގެ ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރުމުގައި އަދި ރާއްޖެއިން ބޭރަށް ފައިސާ ގެންދަން އެދޭއިރު އެ މީހަކަށް ލިބޭ އާމްދަނީގެ ގޮތުގައި ޑިކްލެއާކޮށްފައިވާ އަދަދާ ނުބައްދަލު މުއާމަލާތްތައް ހުއްޓުވާ އެފަދަ މުއާމަލާތްތަކަކީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ މުއާމަލާތްތަކެއްގެ ގޮތުގައި ޝައްކުކުރެވޭނަމަ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް އަންގަން ޖެހެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top