ރައީސް ޔާމީން އޭދަފުއްޓާ، ތުޅާދުއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ

53114_31f134bf-a_.jpg

ރައީސް ޔާމީން 2014 ވަނަ އަހަރު އޭދަފުށީގެ ބިންހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ. މިމަހު މެދުތެރޭގައި އޭދަފުއްޓަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައި / ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ރަސްމީ ދަތުރުފުޅެއްގައި ބ. އަތޮޅު އޭދަފުއްޓާ، ތުޅާދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމުގެ ހަބަރުތައް ލިބެން ފަށައިފިއެވެ.

މިކަމާ ގުޅޭގޮތުން އޭދަފުށީ ކައުންސިލްގެ އޮފިޝަލަކު ނަންނުޖަހާގޮތަށް އީވީއަށް ވިދާޅުވީ ރައީސް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ނުވަތަ 18 ވަނަ ދުވަހު ކަމަށާ، ބ. އަތޮޅުން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އޭދަފުއްޓާ ތުޅާދޫ އެކަނިކަމަށެވެ. ނަމަވެސް މިދަތުރުގެ ތެރެއިން ރ އަތޮޅު މީދޫ، ފައިނު އަދި މަޑުއްވަރީއަށް ދަތުރު ކުރައްވާނެކަމަށްވެސް ވެއެވެ.

އޮފިޝަލް ވިދާޅުވީ މިދަތުރުފުޅާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި ހަމަޖައްސަންޖެހޭ ކަންކަން ހަމަޖެއްސުމަށްޓަކައި ހޯމް މިނިސްޓްރީގެ ޓީމެއް މާދަމާ އޭދަފުއްޓަށް އައުމަށް ހަމަޖެހިފައިވެއެވެ.

ރައީސް ޔާމީންގެ މިދަތުރުފުޅަކީ ރާއްޖޭގެ ވަލިއްޔުލް އަމްރުގެ މަޤާާމާ ހަވާލުވެ ވަޑައިގަތުމަށްފަހު ޔާމީން ބ. އަތޮޅަށް ކުރައްވާ 3ވަނަ ދަތުރުފުޅެވެ. ފުރަތަމަ ދަތުރުފުޅުގައި އޭދަފުށީގެ ބިންހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވުމަށް 2014 އޭޕްރީލްމަހު އޭދަފުއްޓަށް ވަޑައިގަތެވެ. ދެވަނަ ދަތުރުފުޅުގައި 2015ވަނަ އަހަރު ވަޑައިގަތީ ބ. ގޮއިދޫއަށެވެ. އެފަހަރު ގޮއިދޫގައި ޕީޕީއެމް ޖަގަހައެއް ހުޅުއްވައިދެއްވީއެވެ.

މައުލޫމާތު ލިބޭގޮތުގައި ރައީސް ޔާމީން އޭދަފުއްޓަށް ވަޑައިގަންނަވަނީ އޭދަފުށީގެ ބިންހިއްކުމުގެ މަޝްރޫއު ނިމުން ފާހަގަކުރުމަށާއި، އޭދަފުށިގައި ކުރިޔަށްދާ ތަރައްޤީގެ މަޝްރޫއުތައް ބައްލަވާލެއްވުމަށްޓަކައެވެ. ބައެއް މަސްދަރުތަކުން މައުލޫމާތުދޭގޮތުގައި ރައީސްގެ މިދަތުރުފުޅުގައި އޭދަފުއްޓާ، ތުޅާދޫގައި އިތުރު ތަރައްޤީގެ މަޝްރޫއެއް އިޢްލާންކުރައްވަންވެސް ހަމަޖެހިފައިވެއެވެ.

ރައީސްގެ މިދަތުރުފުޅުގައި މަހާރެހެންދި ފާތިމަތު އިބްރާހީމްވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށްވެއެވެ.

2014 ވަނަ އަހަރު އޭދަފުއްޓަށް ރައީސް ކުރެއްވި ދަތުރުގެ ހަނދާނީ ފޮޓޯތައް ތިރީގައި / ފޮޓޯ: ރައީސް އޮފީސް

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top