ޕައިލެޓް ސްކޮލާޝިޕްތައް މާގިނަ، ގައުމީ މައްސަލައަކަށް ވެދާނެ

big_ako4WSHljj3b4ed1Acq1Q0l4T.jpg

މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން

ޕައިލެޓުކަން ކިޔަވަން ކުރީ ސަރުކާރުން ސްކޮލާޝިޕްތައް ދީފައިހުރީ ރާއްޖޭގައި އެ ދާއިރާއިން ވަޒީފާ ލިބެން ހުރި މިންވަރަށް ނުބަލައި ކަމަށާއި ޕައިލެޓުކަން ކިޔަވައިގެން އައިސް ވަޒީފާ ނުލިބި އެތައް ބަޔަކު އެބަތިބި ކަމަށާއި ކުރިއަށް އޮތް ދެއަހަރެއްހާ ދުވަހުގެ ތެރޭގައި މިކަން ގައުމީ ބޮޑު މައްސަލައަކަށް ވެދާނެ ކަމަށް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިދިޔަ އަހަރުގެ ކުރީކޮޅު ގިނަ ދާއިރާތަކަކުން ސްކޮލާޝިޕް ސްކީމަށް ހުޅުވާލިއިރު ޕައިލެޓް ޓްރެއިނިންއަށް 400 ފުރުސަތެއް ދިން ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެ ފުރުސަތު ހުޅުވާލަން ވާނީ އެ ކުދިން ކިޔަވައިގެން އައިސް އަދާކުރާނެ ވަޒީފާތަކެއް ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން އުފައްދައިދީގެން ކަމަށެވެ.

އެގޮތަށް ނުވިސްނައި، ޕައިލެޓް ޓްރެއިނިން ސްކޮލާޝިޕްތަކަށް ހުޅުވައިލީ ސިޔާސީ ބޭނުމެއްގައި ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އަދި، އޭނާއަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ސްކޮލާޝިޕްތަކަށް ހުޅުވާލިއިރު ވެސް އަލަށް ތަމްރީނު ހެދި 65 ކެޑޭޓް ޕައިލެެޓުން ވަޒީފާ ނުލިބިފައި ތިބި ކަމަށް ވިދާޅުވިއެވެ.

”މި އަދަދުތަކުގެ ތެރެއަށް އަނެއްކާ 400 އެއް އިތުރުވެގެން މިދިޔައީ ހަޔާ އެޑިއުކޭޝަންގެ ތެރެއަށް،“ އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދެން ބަލަން ޖެހޭނީ ޕައިލެޓް ކަން ކިޔަވައިގެން އަންނަ ކުދިންނަށް ރާއްޖޭގެ މިންގަނޑުން ވަޒީފާ ދެވެން ހުރި ގޮތްތަކަށް ކަމަށެވެ. ޕައިލެޓް ކަން ކިޔަވައިގެން އަންނަ ގިނަ ކުދިން ކިޔަވަނީ ކެޑޭޓް ޕައިލެޓް ކަން ކަމަށާއި އެއްވެސް އެއާލައިނަކަށް ކެޑޭޓް ޕައިލެޓުން ލައިގެން އެ އެއާލައިން ނުހިންގޭނެ ކަމަށް ވިދާޅުވި އެވެ.

ހަމައެއާއެކު، އިތުރު 200 ކުދިން މިހާރު ވެސް ބޭރުގައި ޕައިލެޓުކަން ކިޔަވަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން ޕައިލެޓް ކަން ކިޔަވަން ބޭނުންވާ ކުދިންނަށް ހުޅުވާލާފައިވާ ސްކޮލާޝިޕްތަކުގެ މައްސަލަ ހައްލުކުރުމަށްޓަކައި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީއާ މަޝްވަރާ ކުރެއްވުމަށްފަހު ސްކޮލާޝިޕް ލިބުނު ކުދިންނަށް ވިސްނައިދީގެން ކިޔެވުން އެހެން ދާއިރާއަކަށް ބަދަލުކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

“މިހާ ނުރައްކާތެރިކޮށް ވަޒީފާ ފުރުސަތު ހުޅުވާލާފައިވާއިރު ހަޔާ އެޑިއުކޭޝަން އާއި ސިވިލް އެވިއޭޝަންގެ ފަރާތުން ޕްރޯއެކްޓިވްކޮށް އެ ފުރުސަތު ލިބިފައިވާ ކުދިންނާ ވާހަކަ ދައްކަން ޖެހޭ އެބަ” އަމީން ވިދާޅުވި އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top