ބ.ގޮއިދޫ : ކުޅިވަރުގެ އެންމެ އުހުގައި

31165905_1679581388757060_7343759595801030622_n-1.jpg

މިއަހަރުގެ ކަލާސް އެވޯޑް ލިބުނު ގޮއިދޫ ސްކޫލުގެ ދަރިވަރުން ޕްރިންސިޕަލާއެކު ފޮޓޯއަކަށް ހުއްޓިގެން

އަނެއްކާވެސް ގޮއިދޫގެ ވާހަކަ އެވެ. މިދިޔަ ހަފްތާއަކީ ގޮއިދޫގެ ތާރީޚްގައި އައި އެންމެ އުފާވެރި  ކުޅިވަރުގެއީދެވެ. އެވާހަކަ ދައްކާ އަދިވެސް ނުނިމެއެވެ. އެއުފާވެރި މަހެފިލްގެ ކުލަތަކާއި ހަނދާންތައް އަދިވެސް ހުރީތާޒާކަން މަތީގައެވެ.  ރާއްޖޭގެ ކުޅިވަރުގެ ބެލެނިވެރިޔާ ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ ) ގެ އަހަރީ އާއްމު ބައްދަލުވުން އެރަށުގައި ބޭއްވިގެން ދިޔައީ ކުޅިވަރުގެ ބޮޑު އީދަކާ އެކުގައެވެ. އެކުޅިވަރު ތަކުގައި ގޮއިދޫ ޒުވާނުން ކުރިއަށް ޖެހިފައިވާ މިންވަރު އެކަން އެންމެ ބޮޑަށް ދައްކަން ބޭނުންވި ފަރާތްތަކަށް ފެނިއްޖެއެވެ. ދައްކައިފިއެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން އެބައްދަލު ވުން ގޮއިދޫގައި ބާއްވަން ނިންމިއިރުވެސް އެރަށުގައި ކުޅިވަރަށް އޮތް ލޯތްބާއި ކުޅިވަރުގައި ކުރިއަށް ދިއުމަށް ކުރާ މަސައްކަތް ވަޒަން ކުރެވިފައެއް ނުވެ އެވެ. އެކަން އެ ބޭފުޅުންނަށް އިހުސާސްކުރެއްވުނީ ގޮއިދޫގެ ކައުންސިލުން އެދުވަހު ހުށަހެޅި ޕްރެޒެންޓޭޝަނުން ކަމަށް އެމްއޯސީ އިން ވަނީ ބުނެފައެވެ.

“އެ ޕްރެޒެންޓޭޝަން ފެނުމާ އެކު މި އޭޖީއެމް މި ބޭއްވީ އެކަމަށް އެންމެ އެކަށޭނެ ރަށުގައިކަން ގަބޫލުކުރެވުނު،” އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު ވިދާޅުވިކަމަށް މިހާރު ނޫހުގައި ލިޔެފައިވެއެވެ.

އެ ބައްދަލުވުން ނިމިގެން ދިޔައިރު ގޮއިދޫ ރައްޔިތުންނަށް ލިބުނު އުފާވެރިކަން ފިލައިގެން ނުގޮސް އުޅެނިކޮށް އަނެއްކާ މިއަދު ގޮއިދޫ ފާހަގަކުރަމުން އެ ގެންދަނީ ކުޅިވަރުގެ ރޮނގުން ފާހަގަކޮށްލެވޭ ދަރިވަރުންނަށް ދެމުން އަންނަ “ނެސްލޭ މައިލޯ ކަލާސް އެވޯޑު” ގޮއިދޫ ސްކޫލުގެ ހަތް ދަރިވަރަކު މިއަހަރު ވެސް ހޯދުމުގެ އުފާވެރި މުނާސަބާއެވެ. މި ފުރުސަތުގައި މިދިޔަ އަހަރުވެސް  ގޮއިދޫ ސްކޫލުގެ 8 ދަރިވަރުން މި އެވޯޑް ހާސިލުކޮށްފައިވާކަން ހަނދާން ކުރަން ޖެހެއެވެ.

އެހެންވީމާ ކުޅިވަރުގެ ރޮނގުން ގޮއިދޫ އަކީ ރާއްޖޭގެ ނިސްބަތުން އެއްވަނައޭ ބުނެވެން ޖެހެއެވެ. އެހެން  ރަށްރަށާ ޚިލާފަށް ވަކި ކުޅިވަރަކަށް ޚާއްސަ ވެފައިވާ ރަށަކަށް ނުވުމާ އެރަށުގެ ޒުވާނުން ކުޅޭ ކޮންމެ ކުޅިވަރެއްގައިވެސް ފާހަގަ ކުރެވޭ ކާމިޔާބީ ތަކެއް ހޯދަމުން އަންނާތީއެވެ.

އާބާދީގައި ހަތްސަތޭކައެއްހައި މީހުން ދިރިއުޅޭ ގޮއިދޫ ޒުވާނުން ހުސް ވަގުތު ބޭނުންކުރަމުން ގެންދަނީ ވޮލީބޯޅަ އާއި ބާސްކެޓް ބޯޅަ އަދި ހޭންޑް ބޯލް އާއި ބެޑްމިންޓަން ފަދަ ކުޅިވަރުތައް ކުޅުމުގައެވެ. ފުޓްބޯޅަ އާއި ބަށިކުޅުމުގެ ޒަމާންވީ ކުޅިވަރުތަކާވެސް އެކުގައެވެ. ޚާއްސަކޮށް ކައިޓްސާފިންގ އާއި ބައެއްކަހަލަ މޫދު ކުޅިވަރުތަކުގައިވެސް ރާއްޖޭގެ އެހެން ރަށަކުން ނުފެންނަ ވަރަށް ޒުވާނުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މި ކުޅިވަރުތަކުން ޒުވާނުން އަންނަނީ ރަށަށް ރީތި ނަން ހޯދައި ދިނުމުގެ އިތުރުން ގައުމަށްވެސް ރީތި ނަން ހޯދައިދެމުންނެވެ. ހެއްކަކީ އުމުރުން އެންމެ 12 އަހަރުގެ ގޮއިދޫގެ މަޝްހޫރު ކައިޓް ސާފަރ ހަންޓޭއާއި، ހަސަން އަދި ޝުޖާއުވަނީ މިދިޔަ އަހަރު ޖުލައިމަހު ރެޑްބުލްއިން ލަންކާގެ ކޮލްޕިޓިއާ ބީޗްގައި ބޭއްވި ކައިޓް ސާފިންގް ޓުއާގައި ބައިވެރިވެ ދުނިޔޭގެ ޗެމްޕިއަން އާއެކު ކައިޓް ސާފް ކޮށް ،ކުޅިބަލަން ތިބި މީހުންނާއި އެކަން އިންތިޒާމްކުި ފަރާތްތަކަށް ދާންދެން ވަނީ ހައިރާން ކޮށްލުވާފައެވެ. އާދަޔާ ޚިލާފު ކަމަކީ އެރަށުގެ ޒުވާން އަންހެން ކުދިންވެސް ކައިޓް ސާފްކުރުމާއި ވޮލީ އާއި ފުޓްބޯޅައިގާވެސް ފިރިހެންނުންނަށް ދޫނުކުރާތީއެވެ.

އެ ޒުވާން އަންހެން ކުދިންގެ އަޒުމެއް އޮވެއެވެ. ކުޅިވަރުކަމަށް ވިޔަސް ފިރިހެންނުންނާއި އެއް ހަމައެއްގައި ވާދަ ކުރެވި ފިރިހެނުންނަށް ވުރެ މޮޅުވެސް ވެވިދާނެކަމެވެ. “އަންހެނަކަށް ވީތީ ނުކުރެވޭނެ” އެއީ އެކުދިންގެ ފޮތުގައި އޮންނަ ވާހަކައެއް ނޫނެވެ.

ބައެއް އަންހެން ކުދިން ވަނީ ހަތަރު ފަސް އަހަރު އިންޓަރ ސްކޫލް ވޮލީ މުބާރާތިުގައި ބައިވެރިވެ މުޅި މުބާރާތުގެ އެންމެ މޮޅު ދަރިވަރުންގެ ތެރޭގައި ހިމެނިފައެވެ.

ސްކޭޓް ކުރުމަކީ ގޮއިދޫ ތުއްތު ކުދިންގެ މެދުގައިވެސް ފޯރިއާއި ޝައުގުވެރިކަން ހުރި ކުޅިވަރެކެވެ. އެކަށީގެންވާ މާހައުލަކާ ވަސީލަތްތައް ފަހި ވެފައި ނެތް ނަަމވެސް އެކަށީގެން ނުވާ ތަންތަކުގައި ވެސް ސްކޭޓް ކުރަމުން ގެންދާތަން އެރަށަށް އަރާ މެހްމާނުންނަށް ފެންނާނެއެވެ.

މިމަންޒަރު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއަށް ފެނި މިހާރުވަނީ އެކުދިންނަށް ސްކޭޓް ކުރާ ޓްރެކެއް އަޅައިދޭން ނިންނައި އެތަނުގެ ބިންގާ ވެސް އަޅާދީފައެވެ.

ގޮއިދޫގައި އަޅާ ސްކޭޓް ބޯޑް ޕާކް އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން – ފޮޓޯ : އިމޭޖްސް .އެމްވީ

ކުޅިވަރުގެެ ރޮނގުން ގޮއިދޫ މިހާ ކުރިއަށް ދިޔައީ ކީއްވެގެން ހެއްޔެވެ.  ކުޅިވަރުގެ ރޮނގުން މުޅި ރާއްޖެއަށް ގޮއިދޫ މަޝްހޫރުވުމުގެ ސަބަބަކީ ކޮބާ ހެއްޔެވެ. މިސުވާލުގެ ޖަވާބު ދެއްވަމުން ގޮއިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރު ވިދާޅުވީ ކާމިޔާބީގެ ސިއްރަކީ މައިން ބަފައިންނާ ބެލެނިވެރިންގެ އެއްބާރު ލުން ކަމުގައެވެ. އަދި މިއީ މިރަށުގައި އޮތް ހަމަޖެހުމާ އެކުވެރިކަމުން ލިބޭ ކާމިޔާބީތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު އޭނާ ވިދާޅުވީ ގޮއިދޫ ސްކޫލްގެ ޕްރިންސިޕަލް ނާޒިމްއަކީވެސް ގޮއިދޫގެ ތައުލީމާ ކުޅިވަރުގެ ރޮނގުން ހޯދާ ކާމިޔާބީގެ ހިއްސާ ދާރެއްކަމުގައެވެ.

ގޮއިދޫ ގައި ކުޅިވަރުގެ އާދަޔާ ޚިލާފު ރޫހު އޮތް ވަރު ފެނި ހައިރާން ކޮށްލީ ހަމައެކަނި އޮލިމްޕިކް ކޮމިޓީއެއް ނޫނެވެ. ކުޅިވަރު ކުޅުމާއި ކުޅެދިނުމުގައި މުޅި ރައްޔިތް ޝާމިލްވެފައިވާ މިންވަރު  އެރަސަށް ޒިޔާރަތް ކުރާ ކޮންމެ މީހަކަށްވެސް ފެނި އެކަމާ ހައިރާން ވާނެއެވެ.

ކޮންމެއަކަސް މި ކުޑަކުޑަ އާބާދީގެ ކާމިޔާބީގެ ފަހަތުގައި އޮތީ ރަށު ކައުންސިލްގެ ރައީސް ވިދާޅުވިހެން  އެކުވެރިކަމާއި އެއްބާރު ލުމެވެ. މި އެއްބާރު ލުމާއި އަޚް ވަންތަ ކަން ގާއިމް ކުރަން ދަންނަ ރަށު ކައުންސިލުން ތިބޭ ކޮންމެ ރަށެއްވެސް ގޮއިދޫއަކަށް ވެވިދާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top