ފައިތިލަ ފަޅައިގެން ދިއުން، ފަސޭހަ ކުރެވިދާނެ!

iStock-530194498-1024x683.jpg

 

ވަރަށް ގިނަ ބަޔަކު ތަހައްމަލު ކުރަމުން ގެންދާ ވޭން ހުރި ކަމެކެވެ. ފައިތިލައިގެ އަރިމަތިންނާއި ފައިގެ ބުޑުން ފަޅައިގެން ދިއުމެވެ. ފައިތިލައިގެ ރީތިކަން ގެއްލުމުގެ އިތުރުން ހިނގާ ބިނގާވެ އުޅުމަށް އުނދަގުވާ ހިސާބަށް މި ބަލި ބޮޑުވެގެން ދެއެވެ.

ވިސްނާލަމާ ހިނގާށެވެ. އަހަރެމެންގެ ބޭނުންތަކަށް އެއްތަނުން އަނެއްތަނަށް ދިއުމަށް ބޭނުން ކުރާ އެންމެ މުހިއްމު ގުނަވަނަކީ ފައިތިލައެވެ. އެކަމަކު މި ގުނަވަނުގެ މުހިއްމުކަން ގިނަ މީހުންނަށް އިހުސާސް ކުރެވެނީ ކޮންމެވެސް ސަބަބެއް މެދުވެރިވެގެން ފައިތިލައިގާ ރިއްސަން ފެށުމުންނެވެ. އޭގެ ކުރީގައި  ފައިތިލައަށް ދޭން ޖެހޭ ސަމާލުކަން ދިނުމުގައި ފަރުވާ ކުޑަކުރެވެއެވެ.

ތިމާ އަރަން ގެންގުޅޭ ފައިވާނަކީ ހިރަފުސް މަގުތަކުގައާއި ހިރަފުހާއި ކުނިބުނިން ތަޣައްޔަރުވެފައިވާ މާހައުލުގައި އެއްތަނުން އަނެއްތަނަށް ގެންދެވޭ ސަވާރީއަކަށް ވާއިރު ކޮންމެ ދުވަހަކުވެސް ސާފު ކުރަން ޖެހެއެވެ. އެހެން ނޫންނަމަ އެއީ ބައިވަރު ޖަރާސީމުތަކުން ފުރިފައިވާ ސަވާރީއެކެވެ. ހާއްސަކޮށް ހަމުގެ ބަލިތަކެވެ. ފައިތިލަ ކްރޭކްވުން ނުވަތަ ފަޅައިގެން ދިއުމާއި ފައިތިލައިގެ އެހެނިހެން ބަލިތައް އުފަން ވެގެން އައުމުގެ މައިގަނޑު އެއްސަބަބަކީ މިއީއެވެ.

ފައިތިލައާމެދު ރައްކާތެރިވެ ސާފުކޮށް ގެންގުޅުނު ކަމަށް ވިޔަސް ފައިތިލައިގެ ބަލި ތަކުން ސަލާމަތް ނުވެވެސް ދެއެވެ. އެކަމަކު އަހަރެމެންގެ ތެރެއިން އާއްމުކޮށް ފެންނަ، ފައި ފަޅައިގެން ދިއުމާއި ފަންގަސް ޖެހުން ފަދަ ބަލި ތަކަކީ ފައިތިލައާމެދު އިހުމާލު ވުމުގެ ނަތީޖާ އެވެ.

އެހެން ވިޔަސް މިއީ ފަސޭހަކުރެވިދާނެ ބައްޔެކެވެ. ބޮޑު ހަރަދެއް ކުރާކަށްވެސް ނުޖެހެއެވެ. ޑޮކްޓަރަކާ ހަމައަށް ނުގޮސް ގޭގައި އަމިއްލައަށް ތައްޔާރު ކޮށްލެވޭ ބޭހަކުން ރަނގަޅު ކުރެވިދާނެއެވެ.

ތަޖްރިބާ ކޮށްލަމާ ހިނގާށެވެ.

އެސްޕިރިން، އާއްމުކޮށް ބޭނުން ކޮށް އުޅެނީ ބޮލުގައި ރިއްސުމާއި ހުން އައުމާއި އަދި ލޭ ދައުރުކުރުން ރަނގަޅު ކުރުމަށެވެ. އެކަމަކު މިފަހަރު އެސްޕިރިން އިން ލިބޭ ފައިދާތަކުގެ ތެރެއަށް އިތުރުވެގެން މިދަނީ ހަމުގެ ބަލިތަކުން ދިފާއުވުމާއި ފައިގެ އިގިނލި ތަކާއި ފައިތިލައިގެ ބަލިތަކެވެ. ފަންގަސް އުފެދި ފެތުރިގެން ދިއުން ހުއްޓުވުމުގެ އިތުރުން ފައި ކެހުމުންވެސް ރައްކާތެރި ވެވިދާނެ ފަރުވާއެއް ދެވޭ ބޭހަކަށެވެ. މި ބޭހުން ހަންގަނޑުގައި މަރުވެފައިހުންނަ ސެލްތައް ނައްތާލެވި އާސެލްތައް އުފެދި ފައިތިލަ ރީތިވެގެން ދެއެވެ.

ފައިތިލަ ފަޅައިގެން ދިއުމުގެ ފުރަތަމަ ނިޝާނަކީ ފައިތިލައިގެ އެހިސާބުގެ ހަންގަނޑު ބޯ ވާން ފެށުމެވެ.  އެކަމަށް ވިސްނައިގެން ފައިތިލައިގެ ހަންގަނޑު ބޯވިޔަނުދީ ބަލަހައްޓަން ޖެހެއެވެ. އަމިއްލައަށް ތައްޔާރުކުރެވޭ މި ބޭހުން ކޮށްދޭ މައިގަނޑު ކަމަކީ ހަންގަނޑު ބޯވިޔަ ނުދީ ހިފެހެއްޓުމެވެ. އަދި ބޯވެފައިވާ ހަންގަނޑު އާދައިގެ ހާލަތަށް ގެނެސް ދިނުމެވެ.

ބޭނުންވާ ތަކެތި

ލުނބޯ ޖޫސް (1 ޔުނިޓް )                                                އެސްޕިރިން (5ޔުނިޓް )                                                    ފައި ގާނަން ގެންގުޅޭ ކަހަލަ އެއްޗެއް 1 ޔުނިޓް Pumice stone

ތައްޔާރު ކުރާނޭ ގޮތް

އެސްޕިރިން، ހިމުންކޮށް މުގުރާލާފައި ލުނބޯ ޖޫސްކޮޅުގެ ތެރެއަށް އަޅާލައިގެންް ޕާސްތާ ގަނޑެއްހެން އެއްކޮށްލާށެވެ.

ބޭނުން ކުރާނެ ގޮތް

ފައިތިލަ ރީތި ކޮށް ދޮވެފައި ސާފު ކޮށްލާށެވެ. ދެން ފަޅައިގެން ގޮސްފައިވާ ހިސާބުގައި ކުޑައެތިކޮޅެއް  އުނގުލާާފައި 30 މިނިޓް ވަންދެން ބައްޓާށެވެ. އެއަށްފަހު ދޮވެލާށެވެ. އެތަން ހުންނަނީ ފުދޭ ވަރަކަށް މަޑުވެފައެވެ.

ދެން ފައި ގާންނަ ގެނގުޅޭ ގާކޮޅުން އެތަން ގާނާލާށެވެ. އޭރުން މަރުވެފައިވާ ސެލްތައްވެސް ނެތިގެން ގޮސް އެހިސާބު އެއްކޮށް ސާފުވެގެން ދާނެއެވެ.

އަނެއްކާވެސް ތާފަނާ ފެނުން ދޮވެލާފައި ރީތިކޮށް ހިއްކާލާށެވެ. (މައުލޫމާތު :ހެލްތު ޑައިޖެސްޓް)

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top