ރައީސް ޔާމީނާއި އިބޫ : ވޯޓްދޭންވީ ކާކަށް؟

big_smTw74RVG33wlaSSUeSZeMHCt.jpg

ރިޔާސީ އިންތިޚާބު އައިސް ބޯމަތި ވެއްޖެއެވެ. ރާއްޖޭގެ ބަރުލަމާނީ ހަޔާތް އެފުށް މިފުށަށް ފުރޮޅެމުން އައިސް އަނެއްކާވެސް އާ ރައީސަކު ހޮވުމަށް ވޯޓް ލާންޖެހޭ ދުވަސް އައިސް ޖެހުނީ އެވެ.

ގައުމުގެ ހުންގާނު ކުރިއަށް އޮތް ފަސް އަހަރަށް ހަވާލު ކުރާނޭ މީހަކު ނިންމުމަކީ ރައްޔިތުންގެ  ޒިންމާއެކެވެ. އަދާކުރަން ޖެހިފައިވާ ގައުމީ ވާޖިބެކެވެ. މި ވާޖިބާއި ޒިންމާ އަދާކުރުމުގެ ގޮތުން ގައުމުގެ އިއްޔެއާ މިއަދު މިހިނގާ ކަންކަމާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާ ފަރާތެއްގެ ސަބަބުން ގައުމަށް އަތުވެދާނެ ބަދަލަކާ މެދު ފުންކޮށް ވިސްނަން ޖެހެއެވެ. ގައުމުގައި އޮތް އަމާން ކަމާ ވެރިކަމުގެ ފަރާތުން ރައްޔިތުންނާމެދު ވެފައިވާ އިހުމާލާއި ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށް ކުރެވިފައިވާ މަސައްކަތަކީ ކޮބައިތޯ ބަލަން ޖެހެއެވެ. އެއީ މާދަމާ އަށް ޓަކައެވެ. މި ގޮތުން އަހަރުމެން ދިރިއުޅޭ މިވެށީގެ ހަމަޖެހުމާ ފުދުންތެރިކަމަށް އައްފައިވާ ބަދަލަށް ބަލައިގެން މާދަމާގެ ތަސްވީރެއް ކުރެހިދާނެއެވެ. އެތަސްވީރުން ވޯޓުލާންވީ މީހާ ބުނެދޭނެއެވެ.

ވޯޓް ދޭން ވާނީ ގައުމީ ބަތަލަކަށެވެ. އެކަމުގެ ފެންވަރާއި ހިތްވަރު ހުރި މީހަކަށެވެ. އެމީހާ ވާން ޖެހޭނީ ޕާޓީއަށް ވުރެ ގައުމު އިސްކުރާ ރައްޔިތުންގެ ކެންޑިޑޭޓަކަށެވެ. ޕާޓީގެ ފަރާތުން ކުރިމަތިލީ ނަމަވެސް އޭނާ އެ އަންނަނީ ޕާޓީގެ ވެރިއެއްގެ ބަދަލުގައި ރައްޔިތުންގެ ވެރިއަކަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި މި ހިނގާ ދިޔަ ފަސް އަހަރަކީ ދިވެހި ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ރާއްޖޭގައި ވެރިއަކަށް ހުންނެވި މީހަކަށް ކުރިމަތިވާނޭ އެންމެ ބޮޑެތި ދަތިތަކާ ގޮންޖެހުންތަކާ ދުއްތުރާ ތައް ކުރިމަތި ކުރުވި ފަސް އަހަރެވެ. ތަފާތު ބޮޑެތި ތުހުމަތު ތައް އަޅުވައި އަބުރު ކަތިލަމުން ހަގީގަތާ ޚިލާފު ވާހަކަތަކާ ހަގީގަތެއް އޮތް ވާހަކަތަކަށް ފޮނިތޮށި ކާފޫރު ތޮޅި އަޅައިގެން ބޮޑުކޮށްގެން ފަތުރަމުން ގެންދިޔައެވެ. ހިންދެމިލާނެ ފުރުސަތެއްވެސް ނުދީ ކޮންމެ ދުވަހަކުހެން އާ ވާހަކަތަކެއް އުފަންް ކުރުވައިގެން ޕްރެޝަރ އަށް ގެންދިޔައެވެ. ރާއްޖޭގެ ނަން ކިލަނބު ކުރަމުން ރާއްޖޭގެ އިގްތިސާދުގެ މައިނާރު ކަމުގައިވާ ޓޫރިޒަމާ ކުޅެމުން ރާއްޖެއަށް ޓޫރިސްޓުން ނައުމަށް ގޮވަމުން ދިޔައެވެ. އެންމެ ބާރުއަޑަކަށް ވީ ކޮރަޕްޝަނާ ފަސާދައާއި އަނިޔާވެރިކަމުގެ ވާހަކައެވެ. ރާއްޖޭގައި ޑިމޮކްރަސީ ނެތް ވާހަކައާއި ޝަރުއީ ދާއިރާ އަށް އަތްގަދަ ކުރާ ވާހަކައެވެ.

މިހުރިހާ ގޮންޖެހުން ތަކަކާ ބޮޑެތި ސިންގާ ތުހުމަތުތަކާ ވެސް ރައީސް ޔާމީން ގެންދެވީ މާލެއާ އަތޮޅު ތެރެއަށް ތަރައްގީގެ އިންގިލާބެއް ގެންނަމުންނެެވެ. ވަގުތުތައް ފުރަމުން ގެންދެވީ އިދިކޮޅު މީހުންނަށް ޖަވާބުދާރީ ވުމުގެ ބަދަލުގައި ގައުމަށް ކަމެއް ކޮށްދެވޭތޯއެވެ.

ރައީސް ޔާމީން އަށް ޕްރެޝަރ ބޮޑުކުރަމުން އައީ ހަމަ  އެކަނި ވާދަވެރި ފަރާތްތަކަކުންނޫނެވެ. ގައުމުގެ ބޭރުން ވެސް މެއެވެ. ޚާއްސަކޮށް ކުރިންވެސް ރާއްޖެ އަޅުވެރި ކުރުމުގެ ނާކާމިޔާބު މަސައްކަތް ތަކެއް ކުރަމުން ގެންދިޔަ ހޮޅިންނާއި މަލާބާރީން ގެ ގައުމުންނެވެ. އެހެންނަމަވެސް ރައީސް ޔާމީން މިކަމުގައި ގެންގުޅުއްވި ސިޔާސަތުގެ ސަބަބުން މި ރާއްޖޭގެ މައްޗަށް ބާރު އެމީހުން ބޭނުންހާ ގޮތަކަށް ބޭނުންވާ މިންވަރަށް ފޯރުވޭނެ ގޮތެއް ނުވިއެވެ.

މި ގޮތުން ބަލާއިރު ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މަރްހޫމް އިބްރާހީމް ނާސިރުގެ ޚާރިޖީ ސިޔާސަތާ ދާދި އެއްގޮތް ރައީސެއްގެ ގޮތުގައި ބޭރުންނާއި އެތެރެއިން ރައީސް ޔާމީން ދެކެން ފެށި ހިސާބަކީ ކުޑަކުޑަ ދިވެހި ރާއްޖެ ކޮމަން ވެލްތަށް ގޮން ޖެހުމަށް ފަހު ވަކިވެ އިންޑިޔާ އާމެދު ގެންގުޅުނު “އެޅިހާ ބަތަކަށް ރިހަަ ” ނުކިއުމުގެ ސިޔާސަތަށް އަމަލު ކުރަން ފެށި ހިސާބުންނެވެ.

ކޮމަން ވެލްތުން ވަކިވެ އާބާދީގެ ގޮތުން ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު އިންޑިއާ އަށް ގޮންޖެހުމަކީ އާދައިގެ ލީޑަރަކަށް ކުރަން ކެރޭނެ ކަމެއް ނޫނެވެ. ނަމަވެސް އެގަޓު ނުވަތަ އެހިތްވަރު ހުރިކަން ރައީސް ޔާމީން ވަނީ ވަނީ ސާބިތު ކޮށްދީފައެވެ. އެހެންވީމާ ރައީސް ޔާމީން ފަދަ ވަތަނީ ވެރިއަކު މި ދިވެހި ޖުމްހޫރިއްޔާ އަދި ދެކެފައި ނުވާ ކަމަށް ބުނެވިދާނެއެވެ.

ރައީސް ޔާމީން ގެ ސަރުކާރުގައި ކޮރޮޕްޝަން އާއި ފަސާދަ އެބައޮތެވެ. ވައްކަމާއި އަނިޔާވެރިކަމުގެ ވާހަކަ އަކީ ކޮންމެ ދުވަހަކުހެން އިވެމުން ދާ ވާހަކަ ތަކެކެވެ. އެކަމަކު އެވާހަކަ އެންމެ ގިނައިން ދައްކަވަމުން ގެންދަވާ ބޭފުޅުންނާއި އެބޭފުޅުން ތާއީދު ކުރެއްވި ސަރުކާރު ތަކުގައި ވެސް ކޮރަޕްޝަނާއި ފަސާދަ ހެސް ކިޔާފައި އޮތެވެ. އަނިޔާވެރިކަމާއި ޝަރީއަތަށް ނުފޫޒު ފޯރުވުމާއި ބާރުތައް މައްސުނި ކުރުމުގެ އަމަލުތައް ވެސް ހިންގާފައިވެއެވެ. އެބޭފުޅުންގެ ދޫފުޅުން އެއީ މި ސަރުކާރުގައި އެކަނި އޮތް ކަމެކޭ ބުނުމަކީ ގުދޯ ގުދޯ ގޮވުމެވެ. ހަގީގަތް ފޮރުވައިގެން ތިބެ އެހެން މީހުންގެ ބޮލުގައި ބަދުނާމު އެޅުވުމުގެ ނާ ތަހުޒީބީ އަމަލެކެވެ.

ރައީސް ނަޝީދުގެ ތިން އަހަރުގެ ސަރުކާރަށް ބަލާއިރު އެސަރުކާރުގައި ހިނގާ ދިޔަ ކޮރަޕްޝަން އެންމެ ދިމާލަކުން ބަލާލިޔަސް އެތައް ބިލިޔަން ރުފޔާއަށް އަރައެވެ. މިހެން މި ދެންނެވީ ދައުލަތުގެ ވަކި މުވައްސަސާ އެއްކަމުގައިވާ އޯޑިޓް އޮފީހުން ނެރެފައިވާ އޮޑިޓް ރިޕޯޓްގައި ހުރި އަދަދުތަކަށް ބަލާފައެވެ. އެމައްސަލަ ބަލަން ޖެހިފައި އޮތީ މި ސަރުކާރަށެވެ. އެކަން ބަލަމުން ޚިޔާނާތް ތެރިވެފައިވާ ފަރާތްތަކަށް އެފައިސާ ދައްކަން އަންގަމުން ގެންދާ ކަމަށާ ބައެއް ފަރާތްތަކުން އަންނަނީ ފައިސާ ދައްކަމުން ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

ހަމައެހެން ރައީސް މައުމޫންގެ ސަރުކާރުގައިވެސް ކޮރަޕްޝަނާ ފަސާދަ އޭރުގެ ނިސްބަތުން ބޮޑު ކޮށް އޮތެވެ.

އެހެން ނަމަވެސް ރައީސް ޔާމީންވަނީ މިކަމުގައިވެސް ތަފާތު ދައްކާފައެވެ. މި ދައުރުގައި ހިނގާދިޔަ އެންމެ ބޮޑު ވައްކަން ކަމުގައި ބުނާ އެމްއެމް ޕީއާރްސީގެ ޚިޔާނާތުގެ މައްސަލަ އެނގުނު ހިސާބުން ފެށިގެން އެކަން ބަލަން ފެށިއެވެ. އެމައްސަލަ ބަލަން އިސް ނެންގެވީ ރައީސް ޔާމީންއެވެ. މި ވާހަކަ ނުދެކެވެނީ ކީއްވެގެން ހެއްޔެވެ.

ރައީސް ޔާމީންގެ ސަރުކާރަށް ނިސްބަތްކޮށް ޝަރުއީ ދާއިރާއަށް އަތްބާނަމުން ދާ ވާހަކަ ދައްކަމުން ދާއިރު ރައީސް ނަޝީދުގެ ސަރުކާރުގައި ޝަރުއީ ދާއިރާ އާމެދު ކަންތައް ކުރީ ކިހިނެއްތޯއެވެ. ސުޕްރީމް ކޯޓުގައި ތަޅުއެޅުުވުމާ ގާޒީއަކު ވަގަށް ނެގުމާ ކޯޓް އަމުރެއްނެތި މީހުން ބަންދު ކޮށްގެން ގެންގުޅުން ފަދަ ކަންތަކަކީ ހިނގާފައި ހުރި ކަންކަމެވެ. އެކަންކަން ހަނދާން ނެތޭހައި ދުވަހެއް އަދި ނުވެއެވެ.

މިއަދުގެ ސިޔާސީ ހަގީގަތަށް ބަލާއިރު ޕީޕީއެމް ގެ ކެންޑިޑޭޓް ރައީސް ޔާމީންގެ ތައާރަފުގައި ދައްކާނެ އާ ވާހަކަ އެއް ނެތެވެ. މި ސަރުކާރުގެ ބިޒީ އަދި ހަލުވި ދުވެލީގައި ގައުމު ބިނާ ކުރަމުން ތަރައްގީގެ އުސް އަލިތައް ހުރިހާ ދިމާލަކުންވެސް އަންނަނީ ފެންނަމުންނެވެ. ތައުލީމީ ގޮތުންނާއި އިގްތިސާދި ގޮތުން އަދި ރައްޔިތުންނަށް އުފަލާއެކު ފުދުންތެރި ދިރިއުޅުމަކަށް މަގު ފަހިކޮށްދިނުމުގެ ގޮތުން ހިންގަމުން އަންނަ މަޝްރޫއު ތަކުގެ ވާހަކަ ދެއްކުމަކީ ބަސަރާ އަށް ކަދުރު ވިއްކުން ކަމަށްވާތީ އެވާހަކަ އެއް ނުދައްކާނަމެވެ.

ދެން އޮތީ އަނިޔާގެ ވާހަކައެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ޖަލުގައި ތިއްބެވި ސިޔާސީ ބޭފުޅުންނަކީ އެމަނިކުފާނުގެ އޯޑަރަށް ޖަލަށް ލާފައި ތިއްބެވި ސިޔާސީ ބޭފުޅުންނެއް ނޫނެވެ. އެއީ ކުށެއްގެ ސަބަބުން  ސަރިއަތުން ނިޔާ ކަނޑައަޅައިގެން ހުކުން ތަންފީޒު ކުރަމުން ދާ ބޭފުޅުންނެވެ. އެކަމަކު އެބޭފުޅުންނަކީ އެބޭފުޅުން ނުކުރައްވާ ކުށެއް ނުވަތް ފްރޭމް ކޮށްގެން ޖަލަށް ލާފައިވާ ބޭފުޅުން ކަމަށް ވާނަމަ އެއީ  ނުހައްގުން އެބޭފުޅުންނަށް ދެމުންދާ އަނިޔާއެވެ.

އެމްޑީޕީގެ ކެނޑިޑޭޓަކީ އާ ބޭފުޅަކަށް ވާތީ އެއީ ކިޙާ ވަރެއްގެ ބޭފުޅެއްތޯ ބަލައިލަން ޖެހެއެވެ. އެންމެ ކުރުކޮށް ބުނާނަމަ އެމްޑީޕީ ކެނޑިޑޭޓް އިބޫ އަކީ ކެޔޮނިރު ބުޝްރީ ވިދާޅުވެފައިވާ ފަދައިން މިއުޒިކް ޝޯއެއް ނަމަ، އަސްލު ބޭންޑް ނުކުތުމުގެ ކުރިން ވޯމްއަޕް ކޮށްލަން ނެރޭ ކުޑަކުޑަ އެކްޓަރެކެވެ. އެކަން އެނގެނީ މި މަގާމަށް އެމްޑީޕީއިން އިބޫ ނެރެފައިވަނީ 18 މަސް ދުވަހަށް ކަމަށް ވާތީއެވެ. ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް ހިންގުމުގެ ނަމުގައި ގާނޫނު އަސާސީ ދަންނަ ކަމަކަށް ނުވުމާއެކު ވެސް މެއެވެ. އެކަމަކު ބޮޑު މަންޒަރަށް ބަލާއިރު ފެންނަނީ އިބޫ ހޮވިއްޖެ ނަމަ ނައިބު ރައީސް ކަމުން ފައިސަލް ވަކިކޮށް އެމަގާމަށް އަންނި އިސްކުރާ ތަނެވެ. އެއަށްފަހު އަންނި ރައީސް ކަމަށް ގެންނަން އިބޫ އިސްތިއުފާ ދެއްވަނީއެވެ. މިއީ މިކުޅިގަނޑު ރާވާފައިއޮތް ގޮތެވެ.

ހަނދާން ކުރަން ޖެހެނީ އެމްޑީޕީ ކޮންގްރެސް އަށް ރައީސް ނަޝީދު ދެއްވި ވީޑިއޯ މެސެޖްގައި ވިދާޅުވެފައިވާ ވާހަކަ ކޮޅެވެ. ވިދާޅުވެފައިވަނީ “ކުރިމަގުގައި ގާނޫނީ ގޮތުން ފުރުސަތު ލިބި ވަޑައިގެންނެވުމާއެކު ރައީސް ކަމަށް ކުރިމަތި ލައްވާނެ” ކަމަށެވެ. މި މަންޒަރަށް ހަގީގީ ކުލަ ގެނައުމަށް ހުރިހާ ތަދުބީރެއް ކޮށް ނިމިގެން ރައީސް ނަޝީދު އެ ހުންނަވަނީ ދޮޅު އަހަރު ފަހުން ގައުމާ ހަވާލުވާން ދުވަސް ގުނާލަ ގުނާލަ އެވެ.

ވޯޓު ދޭއިރު ދެން ވިސްނަންވީ އިއްތިހާދީ ސަރުކާރެއް ވޭތުވެ ދިޔަ ދެ ދައުރުގައިވެސް ރަނގަޅަށް މަސައްކަތް ކޮށްފައި ނުވާ ކަމެވެ. 2008 ގައި ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ތާއީދާ އެކު ކޯލިޝަން ހަދައިގެންނެވެ. އެކަމަކު ހޯމް މިނިސްޓަރަކަށް ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް މަގާމުން އިސްތިއުފާ ދެއްވީ އެ ވެރިކަމަށް އެންމެ 21 ދުވަސް ވެސް ނުވެ އުޅެނިކޮށް ކޯލިޝަން ގައި މައްސަލަ ޖެހިގެންނެވެ.

މި ސަރުކާރުގައިވެސް ކަން ހިނގާފައިވަނީ ހަމަ އެ މަގުންނެވެ.

އިބޫ އަކީ ޝައްކެއްވެސް ނެެތް ގޮތުގައި މަޑު މައިތިރި ބޭފުޅެކެވެ. އަޚްލާގު ރަނގަޅު ބޭފުޅެކޭވެސް ބުނާތީ އިވެއެވެ. އެކަމަކު އޭނާއަކީ ރައީސް ނަޝީދުގެ އާއިލީ މެންބަރެއްކަން ހަނދާން ނައްތާލައިގެން ނުވާނެއެވެ. އޭގެ އިތުރުން ރައީސް ނަޝީދުގެ ގާތް އެކުވެރިއެއްގެ އިތުުރުން އިބޫ ދަންނަމީހުން އޭނާ ސިފަކޮށްފައިވަނީ ރައީސް ނަޝީދުގެ “ޔޭސް މޭން” އެއްގެ ގޮތުގައެވެ.

މިއީ ތެދެއްކަމަށް ބާރު ލިބެނީ ރައީސް ނަޝީދުގެ ސަރުކާރުގައި ހިނގާ ދިޔަ ގޯސް އެތައް ކަމަކާއެކު ޗާޓުން ބޭރުވެ ނުލަފާކަން ދައްކާލާނަމޭ ވިދާޅުވި އިރުވެސް އިބޫ އިންނެވީ ރައީސް އަރިހުގައި ޔޭސް ސަރ ކިޔާލަ ކިޔާލަ އެވެ. ނުވަ އަހަރުގެ އަންހެން ކުދީންނާ ފިރިހެނުން ކައިވެނި ކުރުވާކަށް ތިމަންނާ މެން ނޫޅެމޭ ކިޔައިގެން، ނުސީދާ ކޮށް ކީރިތި ރަސޫލުﷲ އަށް ހަޖޫ ޖެއްސެވިއިރު ވެސް އަތް ޖައްސަވަން އާރޓިފިޝަލް ބީޗްގައި އެންމެ އަރިހުގައި ހުންނެވިއެވެ. ވެރިކަމުން އިސްތިއުފާ ދެއްވުމަށް ފަހު ޖެހިގެން އައިދުވަހު މުޅި ގައުމުގެ އެކި ދިމާތަކުގައި ދިވެހިން އެތައް އަހަރަކުން ހޯދާފައިވާ ތަރައްގީ އާއި ކުރިއެރުން ތަކުގައި ހުޅު ޖަހާ ރޯކޮށްލިއިރު ވެސް އިބޫއަށް ޗުއްޕުވެސް ބުނެލާކަށް ނުކެރުނެވެ. ޖީއެމްއާރަށް މި ގައުމުގެ އިގްތިސާދީ މައިދޮރޯށި ކަމުގައިވާ އެއަރޕޯރޓް ނުއަގުގައި ވިއްކާ، ހުޅުލޭގައި އިންޑިއާ ނަސްލުގެ މީހުންގެ ސިޓީއެއް ހަދަން ހުއްދަދީ، ދިވެހީން އަތުން އެތައް ޓެކުހެއް ނެގުމުގެ ހުއްދަ އާއި ދިވެހި ރާއްޖެ އަޅުވެތި ކުރުމުގެ ބާރު ނުސީދާކޮށް އިންޑިޔާ އަށް ދިންއިރުވެސް އިބޫ އިންނެވީ ހަމަ އަރިހުގައި “ޔޭސް ސަރ” އޭ ކިޔާލަ ކިޔާލައެވެ. މި ހަގީގަތަށް ބަލާއިރު އިބޫއަށް ވެރިކަން ލިބިއްޖެ ނަމަ ދެންވާނެ ގޮތް އެކަކަށްވެސް ނޯޅޭނެއެވެ.

ވޯޓު ނަގަން މިއުޅެނީ މަޑުމައިތިރި އަޚްލާގު ރަނގަޅު މީހަކު ހޯދަން ހެއްޔެވެ. ވިސްނާށެވެ. މިއުޅެނީ ގައުމު ހިންގޭފަދަ ގަޓު ހުރި ކުރިންވެސް ދެންނެވި ފަދައިން ހަރުކަށި ވާންޖެހޭ ތަންތަނުގައި ހަރުކަށިވެ ނޫނެކޭ ބުނަން ޖެހޭ ތަންތަނުގައި ނޫނެކޭ ބުނުމުގެ ހިތްވަރު ހުރި ގާބިލު މީހަކު ހޮވާށެވެ. އެހެންކަމަށް ވާނަމަ އިބޫ އަކީ ގައުމެއްގެ ރައީސް ކަމަށް ގެންނަންއެކަށީގެންވާ ބޭފުޅެއް ހެއްޔެވެ؟

އިބޫ ވެރިކަމަށް އަތުވެއްޖެނަމަ ހަގީގަތުގައި ހުރިހާ ބާރަކާއި އަމުރެއް ހިންގާނީ ރައީސް ނަޝީދު އެވެ. އޭގެ މާނައަކީ އިންޑިއާ އާއި މިއީ މުސްލިމް ގައުމަކަށްވެފައި އިސްތިއުމާރުން ސަލާމަތްވެފައިވާ ގައުމަކަށް ވީތީވެ މި ގައުމު އިސްތިއުމާރުކޮށް އެވެރިން ބޭނުން ވާ ގޮތަށް ބަދަލު ކުރަން އުޅޭ ގައުމުތަކުގެ އުނގަށް ވެއްޓުނީއެވެ. ރައީސް ނަޝީދު އަދާކުރަނީ މެދުވެރިއެއްގެ ރޯލެވެ. މިއީ ސައްކުލާ ރައްދެއް ހުރިކަމެއް ނޫނެވެ.

އިންޑިއާ އާމެދު ރައީސް ނަޝީދު ގެންގުޅޭ ސިޔާސަތަކީ މި ގައުމުގެ ކުޑަކުދިން ވެސް ދަންނަ ކަމެކެވެ. ދިވެހިންގެ މިނިވަން ކަމާއި އިސްތިގުލާލަށް ބެލުމެއް ނެތި ތަފާތު އެކި ހާލަތްތަކުގައި ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމަށް އިންޑިއާއަށް ވަނީ ދައުވަތު ދީފައެވެ. އިންޑިއާ ސިފައިން ރާއްޖެ އެރުމަށް ގޮވާލެއްވިއެވެ. މިހާރުވެސް ކުރައްވަމުން އެގެންދަވަނީ އެމަސައްކަތެވެ. އިންޑިއާ ސަރުކާރުގެ ނުފޫޒު ގަދަ މެންބަރަކުވެސް ދާދި ފަހުންވެސް ވަނީ އެމްޑީޕީ އަށް ވެރިކަން ނުލިބިއްޖެ ނަމަ ރާއްޖެއަށް އަރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދު ބޭނުންވަނީ ހަމައެކަނި ވެރިކަމެވެ. އެއީ ގައުމު ވިއްކާލައިގެން ކަމަށްވިޔަސް ގައުމަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނަސް މެއެވެ. އެހެން ނޫންނަމަ އިންޑިޔާ ސިފައިން ރާއްޖެ އެރުމަށް ގޮވައެއް ނުލާނެއެވެ. އިންޑިއާގެ ސިއްރު އެޖެންޓުން މެދުވެރިކޮށް ދިވެހިންގެ މިނިވަން ކަމާ ކުޅޭކަށް މަސައްކަތެް ނުކުރާނެއެވެ. އިބޫ ވެރިކަމަށް ގެންނަން ފޫގަޅައިގެން މިއުޅެނީ މި ސިއްރު އެޖެންޑާ ތަންފީޒު ކުރުމަށެވެ. މި ހަގީގަތް ބަދަލެއް ނުކުރެވޭނެއެވެ.

އަޅުގަނޑުމެން ރައީސް މައުމޫންގެ ތިރިސް އަހަރު ދެކެފީމުއެވެ. ރައީސް ނަޝީދުއާއި ރައީސް ވަހީދުގެ ވެރިކަންވެސް ދެކެފީމުއެވެ. މިހާރު ތަޖްރިބާ ކުރަމުން މިދަނީ ރަޢިސް ޔާމީންގެ ފަސްއަހަރުގެ ފަހު ދުވަސް ތަކެވެ.

ރައީސް މައުމޫން ވަނީ ގައުމު ބިނާ ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ރައީސް ނަޝީދުގެ ތިން އަހަރުގައިވެސް ތަރައްގީގެ މަޝްރޫއު ތަކެއް ހިންގެވިއެވެ. ހަމައެއާއެކު ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދިނުމަސް ފަހު ޖެހިގެން އައި ފެބްރުއަރީ 7ވަނަ ދުވަހު އެމްޑީޕީ އިން ވަނީ ރައީސް މައުމޫންގެ 30 އަހަރުގެ ތަރައްގީގެ ބޮޑު ބައެއްގައި ހުޅުޖަހާ ރޯކޮށް އަންދާލާފައިކަން ތާރީޚަށް ތެދުވެރިވުމުގެ ގޮތުން ބުނަން ޖެހެ އެވެ.

ރައީސް ޔާމީންގެ ފަސް އަހަރަކީ ރާއްޖެ ދުށް ތަރައްގީގެ ރަން ޒަމާނެވެ. ހަމައެއާއެކު ފަސާދައާއި ކޮރަޕްޝަންގެ ވާހަކަވެސް މިއަށްވުރެ އަޑު ހަރުކޮށް ދެއްކި އެއްވެސް ދައުރެއް އަދި ނުދެކެއެވެ.

ވޯޓު ލާވަގުތު ކުޑަތަން ވެފައިވާ އިރު ގައުމުގެ ހާލުގެ ދުލުން މިއަދު ގޮވަމުން ދަނީ ގައުމުގެ ހާލަތު އެއްދުވަހުން އަނެއް ދުވަހަށް ރަނގަޅު ކޮށްދޭނޭ ވެރިއަކަށެވެ .ބޭރުގެ އިސްތިއުމާރު ތަކަށް ބޯލެނބުމެއްނެތި ކާބަފައިން ގެނެސްދެއްވި މިނިވަން ކަމާއި އަމާންކަން ، ރައްކާތެރިކަމާ އެކު އަންނަނިވި ޖީލުތަކާ ހަމައަށް ގެންގޮސްދޭނެ ވެރިއަކަށެވެ. އެވެރިއަކު ވާން ޖެހޭނީ އެބޭފުޅާގެ އަސްލު ސައިޒަށް ވުރެ އަމިއްލަފުޅު ހައިބަތު ބޮޑުވެގެން ނުވާނެ ވެރިއަކަށެވެ. ދީނާއި ގައުމު އިސްކުރާ ވެރިއަކަށެވެ. ދިވެހި ކޮންމެ ރައްޔިތަކީވެސް ގައުމުގެ ތަރައްގީގެ ފޮނިކަމުގެ ހިއްސާ ލިބޭ ރައްޔިތަކަށް ހަދައިދެވޭ ފަދަ ވެރިއަކަށެވެ.

ރައްޔިތުންގެ ކުރިމައްޗަށް ހުށަހެޅިފައި އޮތީ ދެނަމެވެ. ގައުމުގައި ސިޔާސީ ގޮތުން އޮތީ ދެ ފިކުރެވެ. އެއީ ރައީސް މައުމޫން ވިދާޅުވެފައިވާ ފަދައިން ފަނާ ކުރަނިވި ފިކުރާއި ބިނާ ކުރަނިވި ފިކުރެވެ. ވޯޓް ދެއްވާނީ ކޮން ފިކުރަކަށް ތޯއެވެ؟ ނުވަތަ ކާކަށްތޯއެވެ؟

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު