ޒަކާތު ފަންޑުގެ 53 ސްކޮލަރޝިޕަށް 185 ދަރިވަރުން

zakat-fund-scholarship-awarding-ceremony-11-1024x683.jpg

ޒަކާތު ފަންޑުން ސްކޮލާޝިޕް ލިބުނު ފަރާތްތަކަށް ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތު - ފޮޓޯ :ވަގުތު އަމީން ފަހުމީ

ޒަކާތު ފަންޑުގެ އެހީގައި މަތީ ތައުލީމަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލި ފުރުޞަތުގައި އެ ސްކޮލަރޝިޕްތަކަށް އެދި 185 ދަރިވަރަކު ކުރިމަތިލާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޒަކާތު ފަންޑުން 25 ދަރިވަރަކަށް އަލަށް ސްކޮލަރޝިޕް ދިނުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވީ، މިއަދު ހަވާލުކުރެވުނު 25 ސްކޮލަރޝިޕްގެ އިތުރުން މިހާރު އަމިއްލަގޮތުން ކިޔަވަމުންދާ 53 ދަރިވަރަކަށް ޒަކާތު ފަންޑުން ސްކޮލަރޝިޕް ދިނުމަށް ނިންމައި އެފަރާތްތަކަށް ސްކޮލަރޝިޕް ދިނުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވީ އިރާދަކުރެއްވިއްޔާ ކައިރި މުސްތަޤްބަލެއްގެ ތެރޭގައި އެ 53 ސްކޮލަރޝިޕް ހާސިލުކުރާ ދަރިވަރުންނަށް ލިޔުން ހަވާލުކުރައްވާނެ ކަމަށެވެ.

ޒަކާތު ފަންޑުން ދެއްވަމުން ގެންދަވާ ސްކޮލަރޝިޕަކީ ގިނަބައެއްގެ ހައްޤު އެކުލެވޭ ފަންޑަކުން ދޭ ތަޢުލީމީ ފުރުސަތަކަށް ވާތީ މި ފުރުޞަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރ ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.

“އެންމެހާ ލޮބުވެތި ކިޔަވާ ކުދިންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މި ފުރުޞަތަކީ މީ ﷲ ސުބުހާނަހޫ ވަތަޢާލާގެ ނިއުމަތެއް. ވަރަށް ގިނަ ބައެއްގެ ހައްޤުތަކެއް. ޒަކާތުގެ ފައިސާއިން ލިބޭ ފުރުޞަތު ރަނގަޅު ގޮތުގައި އަދާކުރެވޭތޯ މަސައްކަތް ކުރަންޖެހޭނެ. އެއީ އަމާނާތެއް. މި ފުރުސަތު  ލިބުނު ކަމުގައިވިޔަސް ކުޅުމާއި މަޖަލުގައި ވަގުތުތައް ހޭދަކޮށްގެން ނުވާނެ. މީ ޒަކާތުގެ ފައިސާއިން ތިމަންނައަށް ކިޔަވަން ލިބުނު ފުރުސަތެއްކަމުގައި އަބަދުވެސް ވިސްނުމުގައި ހުންނަންވާނެ.” މިނިސްޓަރު ޒިޔާދު ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ކިޔަވައި ނިމިގެން ގައުމަށް ޚިދުމަތް ކުރުމުގެ ވިސްނުން ކޮންމެ ކުއްޖަކުވެސް ހުންނަންވާނެ ކަމަށާއި ގައުމަށް ވަފާތެރި ތެދުވެރި ދަރިއަކަށް ވެވޭނީ މި ފަދަ ފުރުސަތުތައް ހެޔޮ ގޮތުގައި ބޭނުން ހިފައިގެން ކަމުގައެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ޒަކާތުގެ މަތިވެރިކަމާއި، މުހިންމުކަމުގެ މައްޗަށްވެސް ވަނީ އަލި އަޅުއްވާ ލައްވާފައެވެ..

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top