އެންމެ ރިވެތިމަގު

Al-Quran-Kareem-Word-To-Word-Translation-With-Top-Reciter-Qari.jpg

އެޑިޓަރުގެ ނޯޓް : އީވީގެ ފަރާތުން ދީނީ މައުލޫމާތުގެ ނަމުގައި ސަފްހާއެއް ޚާއްސަކުރަން ނިންމީ މުޖްތަމައުގައި ދީނީ ގޮތުން އުފެދޭ ބައެއް ޚިޔާލު ތަފާތުވުން ތަކާއި ދީނުގައި ކަން އޮތްގޮތް ސާފުކުރަން ބޭނުންވާ އެތައް ކަމެއްގެ ސާފު ޖަވާބު ފަސޭހަކަމާއެކު ލިބޭނެ މަގެއް ހުޅުވައިލުމުގެ ގޮތުންނެވެ.

ދީނުގެ ކަންކަމުގައި އަމިއްލައަށް ގޮތް ނިންމުމުގެ ބަދަލުގައި އެކަން ދީނުގައި އޮތް ގޮތް ދީނީ ޢިިލްމުވެރިންގެ އަރިހުން ސާފުކުރުމަށްފަހު އަމަލު ކުރުމަކީ އެކަން ކުރަންޖެހޭނެ އެންމެ ރިވެތި މަގެވެ. ދީނީ ގޮތުން ޚިޔާލު ތަފާތުވާ ނުވަތަ ދީނުގައި ކަން އޮތް ގޮތް ސާފުކުރައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް އީވީގެ މި ޕްލެޓްފޯމަކީ ބޭނުންހިފުމަށް ވަރަށް އެކަށީގެންވާ ތަނެއްކަމުގައި ހެދުމަށް އަޅުގަނޑުމެން މަސައްކަތްކުރާނަމުއެވެ. އެގޮތުން ސުވާލު ހުށަހަޅަން ބޭނުންފުޅުވާ ބޭފުޅުން [email protected] އަށް މެއިލްކޮށްލެއްވުމުން އަޅުގަނޑުމެން ޖަވާބު އަރުވާނަމުއެވެ.

މިހަފްތާގެ ސުވާލުތަކަށް ޖަވާބުދެއްވާފައިވަނީ ފަޟީލަތުއް ޝައިޚް މުހައްމަދު ޙަބީބުއެވެ. ޝައިޚް މުހައްމަދު ޙަބީބުއަކީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީން ތިއެލޮޖީ ނުވަތަ ކުއްލިއްޔަތުއްދަޢުވާ ވަޞޫލުއްދީން ފުރިހަމަކުރެއްވުމަށްފަހު ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއިން އިސްލާމިކް ލޯ އެންޑް ޝަރީއާއިން މާސްޓަރސް ހައްދަވާފައިވާ ބޭފުޅެކެވެ.

ސުވާލު :11 އަހަރު ނުވަތަ ބާލިޣު ނުވާ ކުޑަކުއްޖެއްގެ ފަހަތުގައި އިޤްތިދާވެގެން ނަމާދުކުރުމުގެ ޙުކުމަކީ ކޮބައިތޯ ؟

އެއްނަޒަރަކުން ބަލާއިރު ނަމާދު ބެހިގެންވަނީ  2 ބަޔަކަށް .  އެއީ ފަރުޟު ނަމާދާއި ސުންނަތް ނަމާދު.

ސުންނަތްނަމާދުގެ ތެރޭގައި ބައެއްނަމާދު އެކަހެރިކޮށްނޫނީ ނުކުރެވޭނެ.  އަނެއްބައިނަމާދު ޖަމާޢަތުގައި ނޫނީ ނުކުރެވޭނެ. އަނެއްބައި ނަމާދު ދެ ގޮތުގައިމެވެސްކުރެވޭނެ.

ޖަމާޢަތުގައި ކުރެވޭނެ ސުންނަތް ނަމާދުތަކުގައި ، ތަންދޮރު ދަންނަ ބާލިޣުނުވާ ކުޑަކުއްޖާގެ ފަހަތުގައި ނަމާދު ޞައްޙަވާނެކަމަށް ބުނަނީ ޙަނަފީ މަޛްހަބުނޫން އެހެން މަޛްހަބުތަކުގައި.   ޖުމްހޫރުންގެ ރައުޔަކީ ޞައްޙަވުން.

ފަރުޟުނަމާދުތަކުގައި ، ތަންދޮރު ދަންނަ ބާލިޣުނުވާ ކުޑަކުއްޖާގެ ފަހަތުގައި ނަމާދު ޞައްޙަވާނެކަމަށް ބުނަނީ ހަމައެކަނި ޝާފިޢީ މަޛްހަބުގައި . ޖުމްހޫރުންގެ ރައުޔުއޮތީ ޞައްޙަ ނުވާނެކަމަށް.

ކަމެއް ޞައްޙަވާނެއޭ ނުވަތަ ޖާއިޒޭ ބުނުމުން އެގޮތުގައިހިފައި ޢަމަލިކޮށްފިނަމަ އެކަން އެންމެރަނގަޅަށް ކުރެވުނީކަމަށް ނުވެ ހިނގައިދާނެ. މިކަމަށްބަލާއިރުވެސް ކުޑަކުއްޖާ އިމާމަކަށް އިސްކުރުމަށް ހުއްދަ ދެވުނީ، އަމްރުބުންސަލަމަތު އެކަލޭގެފާނުގެ އުމުރުފުޅުން 6 ނުވަތަ 7 އަހަރުގައި  އެކަލޭގެފާނަށްވުރެ އަޢުލާކަންބޮޑު އެހެން ފަރާތެއް އެޖަމާޢަތުގައި ނެތް ޙާލަތެއްގައި ކަން އެނގޭ . މިކަމުން ދޭހަވަނީ، ބާލިޣުވެފައިހުރި ޤުރުއާން ހިތުދަސް ޢިލްމުވެރިއަކު ހުއްޓާ އެކުއްޖާ އިމާމަކަށް އިސްކޮށްގެން ނުވާނެކަން. އަދި ކިއެއް . ކުޑަކުއްޖާ އިމާމަކަށް އިސްކުރުމަށް ތަރުޙީބުދީ  އޭނާއަކީ މުސްލިމު ޖަމާޢަތެއްގެ އިމާމަކަށް ހެދުމެއްނެތްކަން. އެއީ އެކުއްޖާއަކީ ނަމާދު ވާޖިބުނުވާ އެއްވެސްކަމެއްގައި ޖާމިނު ވާންޖެހޭ ފަރާތަކަށްނުވާތީ.

އިތުރަށް މި މަސްއަލައިގައި ވިސްނާންވީ ފާސިޤެއްގެ ފަހަތުގައިވެސް ނަމާދު ޞައްޙަވާކަން. އެހެންނަމަވެސް އޭނާ އިސްކޮށްގެން ނަމާދު ކުރުމަށް ތަރުޙީބު ނުދެވޭކަން. ކަމެއް ޞައްޙަވުމުން އެއީ އެކަން ކުރާން އޮތް އެންމެ ރަނގަޅުގޮތް ނޫންކަން. ކުޑަކުއްޖަކަށް ވުރެ އަޢުލާކަންބޮޑުމީހަކުހުއްޓައި އެކުއްޖާ އިސްކޮށްގެން ނަމާދުކުރާނަމަ އެކަމާ ސުވާލުއުފެދޭކަން. އެސުވާލުގެޖަވާބަކީ އެހެންމީހުނާ ތަފާތުވުމުގެ ގޮތުން ކުރުންކަމަށްވާނަމަ ފަހުން ދެރަވެ ލަދުވެތިވާން ޖެހޭނެކަން .

ސުވާލު :ރޯދަމަހު ރޭގަނޑު އިމްސާކްގެ ފަހުން އެކަމަކު ބަންގީގެ ކުރިން ކެއުމުން ރޯދަ ގެއްލޭނެތޯ؟

އިމްސާކު، ޢަރަބި ބަހުގައި މާނަކުރާގޮތާއި ޚިލާފަށް ފިޤުހުގައި އޭގެމާނައަކީ ރޯދަގެއްލޭ އެންމެހައިކަންތައްތައް ހުއްޓާލުން. އެކަންކުރުމުގެ ވަގުތުޖެހޭނީ ފަޖުރުއްޞާދިޤުގެ އަލިކަން ފައުޅުވުމުން. ފަޖުރުލްކާޛިބުގެ އަލިކަން ފައުޅުވުމަކުން ނޫން. ފަޖުރުއްޞާދިޤުގެ އަލިކަން ފައުޅުވާ ވަގުތަކީ ފަތިސްނަމާދުގެ ވަގުތު ވަންނަ ވަގުތު. އެވަގުތު ބަންގިގޮވަނީ. ކާންއިންދައި އެވަގުތު ވަންކަމުގައިވިޔަސް އަގައިގައި ހުރި އެއްޗެއް ކައިހުސްކުރެވޭނެ.

އިމްސާކުގެ ވަގުތު މިއަށްވުރެކުރިން ކަނޑައަޅާފައި އޮންނައޮތުން މާނަކުރެވޭނީ ރައްކާތެރިވުމަށްޓަކައި ކަނޑައެޅުނު ކަނޑައެޅުމެއްކަމަށް. އެވަގުތަށް ޢަމަލުކުރުމާއި ނުކުރުމުގެ އިޚްތިޔާރު އޮންނާނެ. އެވަގުތުގެފަހުން ކެއަސް ރޯދައެއްނުގެއްލޭނެ. ރޯދަގެއްލޭނީ ރޯދަހިފާވަގުތު ޖެހުމަށްފަހު ކައިގެން.

ސުވާލު :މާބޮޑު ބައްޔެއް ނޫން. އެކަމަކު ބަލި ބޮޑުވެދާނެކަމަށް ނުވަތަ ދިގުދެމިގެން ހިނގައިދާނެތީ ހަގަޑިން ހަގަޑިން ބޭސްކާން ޖެހޭތީ ރޯދަމަހު ރޯދައަށް ނުހުންނަ މީހާ ނަމާދު ކުރުމާ އެހެނިހެން އަޅުކަންތަކުން ރޯދަވެރިޔާއާ އެއްވަރަށް ސަވާބު ލިބޭނެތޯ ؟

ޑޮކްޓަރަކު ނުވަތަ ޙަކީމަކު ލަފާދިނުމުގެ ސަބަބުން ރޯދަ ދޫކޮށްލާ މީހަކީ ޝަރުޢީ ޢުޛުރުވެރިއެއް. އޭނާއަށް އަދި އެހެންމީހުންނަށްވެސް ، ކަމެއް 83 އަހަރާއި 4މަސް ނުވަތަ އެއްހާސް މަސްދުވަސް ވާންދެން އެކަމެއް ކުރީމާ ޘަވާބުލިބޭމިންވަރަށް ލައިލަތުލްޤަދުރި ވިލޭރޭ ކުރާ ހެޔޮކަންތައްތަކުގެ ޘަވާބު އިތުރުވެދޭ. ރޯދައަށް ހުންނަ މީހަކު ކުރާކަމެއްގެ ޘަވާބު އިތުރު ވާނެކަމެއް އެނގިފައެއްނެތް. އަދި ޢުމްރާ ކުރުންފިޔަވައި ރޯދަމަހުކުރާ އެހެންކަމެއްގެ ޘަވާބު އިތުރުވާނެ ކަމެއް ވެސް އެނގިފައެއްނެތް.

އެއާއިޚިލާފަށް ރޯދައަށް ހުރެ ހެޔޮކަންތައް ގިނަކުރުމުން ރޯދައިގެ ޘަވާބު އިތުރުވާނެ. އަދި އިޚްލާޞްތެރި ކަމާއި ބިރުވެތިކަމާއި އެކު ހެޔޮކަންތައްކުރުމުން އެކަމަކަށް އޮންނަ ފުރިހަމަ ޘަވާބުލިބޭނެ. އަދި މިނޫނަސް ޘަވާބު އިތުރު ވާނެ ގޮތްތައް އެބަހުރި.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top