އޭދަފުށީގައި އީދުގެ މުނާސަބަތުގައި ކުޅެވެމުންދާ ލެވިސްތާ ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި 0-6 ގެ ބޮޑު ތަފާތުން ވެލާސިޓީ ބަލިކޮށް ސައިނޯސާ ފައިނަލަށް ދަތުރު ކޮށްފިއެވެ.
މިމެޗުގައި ސައިނޯސާއަށް ކުޅޭ ރާއްޖޭގެ މަޝްހޫރު ކުޅުންތެރިޔާ އަޝްފާގު (ދަގަނޑޭ)ވަނީ 5 ލަނޑުޖަހައި އޭނާގެ މޮޅު ކުޅުމަށް އަދިވެސް އޮއްސުމެއް ނާންނަކަން ވަރަށް ރީތިކޮށް ދައްކައިދީފައެވެ. ސައިނޯސާގެ އަނެއް ލަނޑު ޖަހައިދީފައިވަނީ ދަގަނޑޭ އާއެކު ގްރީން ސްޓްރީޓްސް އަށް ކުޅެޭ މުހައްމަދު އުމެއިރު އެވެ.
ސައިނޯސާ މި އަހަރުގެ މި މުބާރާތުގައި ބައިވެރިވެފައިވަނީ ރާއްޖޭގެ ނަން މަޝްހޫރު އެތައް ކުޅުން ތެރިންތަކެއްވެސް ހިމަނައިގެންކަން ފާހަގަ ކުރެވެއެވެ. އޭގެ ތެރޭގައި ދަގަނޑޭއާއި އުމޭރުގެ އިތުރުން ފުރަތަމަ ޑިވިޜަންގައި ކުޅޭ މޮޅު ކުޅުންތެރިންތަކެއް ހިމެނެއެވެ.
ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މާދަމާ ބައްދަލު ކުރާނީ އެމްއޭ ޔުނައިޓެޑް އާއި ޔުނައިޓެޑް ވީ އެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.