އޭދަފުށީގައި އިމާރާތްކުރާ އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފި

b3e0c3c6-42ae-4edf-a6dd-9cb4e24bcf61.jpg

ބ. އޭދަފުށީގައި އިމާރާތްކުރާ އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ މަރުކަޒުތައް ގާއިމުކުރުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމުގެ ގޮތުން ކުރިއަށްދާ މި މަޝްރޫޢުގެ ބިންގާ އަޅައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އާއި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުޙައްމަދު ޝުޖާއު ޢަބްދުލްޙަކީމެވެ.

565 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް އޭދަފުށީ އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއެވެ.

މިއިމާރާތް ބިންގާއެޅުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝުޖާއު ވިދާޅުވި ގޮތުގައި ދެބުރިއަށް އިމާރާތް ކުރެވޭ މިއިސްލާމީ މަރުކަޒަކީ އެއްފަހަރާ ގާތްގަނޑަކަށް 700 މީހުންނަށް ނަމާދުކުރެވޭނެ މިސްކިތަކާއެކު، އިސްލާމީ ތައުލީމާއި، ދީނީ ޙަރަކާތްތަކާއި، އިޖުތިމާޢީ މުހިންމު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް އެކުލެވިގެންވާ ގޮތަށް ބިނާކުރެވޭ މަރުކަޒެކެވެ. މި މަރުކަޒުގައި މަލްޓިޕާޕަސް ހޯލަކާއި، ތިން ކިލާސްރޫމާއި، އިސްލާމީ ކުތުބުޚާނާ އަކާއި، އިދާރީ އޮފީހަކާއި، ޚާއްޞަ ހިފްޡު ކްލާސްރޫމެއްގެ އިތުރުން އެކަށީގެންވާ ހިނަވާގެއެއް ހިމެނޭނެއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކުރިން ވިދާޅުވެފައިވާ ގޮތުގައި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިސްލާމީ މަރުކަޒުތައް ތަރައްޤީކުރުމުގެ މައިގަނޑު ބޭނުމަކީ އިސްލާމީ ހިދާޔަތާއި ނޫރު ފެތުރުމެވެ.

ސަރުކާރުން މިހާރުވެސް ރާއްޖޭގެ 10 ރަށެއްގައި އިސްލާމީ މަރުކަޒުތައް އިމާރާތް ކުރުމަށް އެކި ފަރާތްތަކާ ހަވާލުކޮށް، ބައެއް މަރުކަޒުތަކުގެ ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top