25 އަހަރަށްފަހު ރާއްޖެދޫކޮށް ލޯރެންސް ފުރަނީ

DSCN7968.jpg

ލޯރެންސް އޭނާގެ ރަސްމީ ވެހިކަލްގައި ރަސްމީ ވަޒީފާއަށް އައސް ބ. އަތޮޅު ތައުލީމީ މަރުކަޒު ކައިރިއަށް މަޑުކޮށްލަނީ. މިދިޔަ 25 އަހަރުދުވަހު އޭނާ ހޭދަކުރީ ރާއްޖޭގައި / އީވީ ފޮޓޯ: އަބްދުލް ޤައްޔޫމް

ރާއްޖޭގައި 25 އަހަރު ހޭދަކުރުމަށްފަހު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އިނގިރޭސި ޓީޗަރ ،ލޯރެންސް ރާއްޖެ ދޫކޮށްދަނީއެވެ. އުމުރުން 65 އަހަރުވުމާ ވަޒީފާގައި 25 އަހަރު ވުމުން ރިޓަޔަރ ކުރެއްވީއެވެ.

ލޯރެންސް އަހަރެމެންނާ ވަކިވެގެންދިއުމަކީ ސްކޫލްގެ ބެލެނިވެރިންނާއި ދަރިވަރުން ފަދައިން އޭނާއަށާއި އެ އާއިލާ އަށްވެސް ލިބުނު ފުންހިތާމައެކެވެ. އެވާހަކަ ބުނީ ލޯރެންސެވެ. ރާއްޖެ އާމެދު އޭނާ ދެކެނީ އަމިއްލަ ގައުމުގެ ގޮތުގައެވެ. މިއީ އޭނާގެ ގެއެވެ. އޭނާއަށް ދިރިއުޅުން ހޯދައިދިނީ ރާއްޖެއިންނެވެ. ގެއްލިފައި އޮތް މުސްތަގުބަލާ އުފާވެރި ދިރިއުޅުމެއް ހޯދައިދިނީ ރާއްޖެއިންނެވެ. އާއިލާ ބިނާކޮށް ދަރިންގެ ތައުލީިމު ފުރިހަމަ ކޮށްދިނީ ރާއްޖެއިންނެވެ. އަދި އާއިލާއެކުގައި ރާއްޖޭގައި ދިރިއުޅެން ނިންމައިގެން ފިރިހެން ދަރިފުޅުގެ އުމުރާ އެކަށީގެންވާ ގޮތަށް ގްރޭޑް 4އަށް އަލަށް ވެއްދިއިރު އަންހެންދަރިފުޅު ނާސަރީ އިން ފެށިގެން ކިޔެވުން ނިންމާލީވެސް ރާއްޖޭގައެވެ. އެކުދިންގެ އެންމެ ޅައުމުރުން ފެށިގެން އުޅެބޮޑުވެ ދިރިއުޅުން ދަސްކުރީ ވެސް ރާއްޖެއިންނެވެ. އެކުދިންގެ އެކުވެރިންތިބީ ރާއްޖޭގައެވެ. އެހެންވެ އެދަރިންވެސް ދިވެހި ރާއްޖެ ދެކެނީ އެކުދިންގެވެސް ގައުމުގެ ގޮތުގައެވެ. ކިޔެވުން ނިންމައި ރާއްޖެ ދޫކޮށް ދިއުމުގެ ބަދަލުގައި ވަޒީފާ ހޯދީ ރާއްޖެއިންނެވެ. ފިރިހެން ދަރިފުޅަކީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑޮކްޓަރެކެވެ. އަންހެން ދަރިފުޅު ރާއްޖެއިން އޯލެވެލް ނިންމައި ސިންގަޕޯރގައި އިންޖިނިއަރިންގ ޑިގްރީ ފުރިހަމަކުރުމަށްފަހު މިހާރު މަސައްކަތް ކުރަމުން ދަނީ ސިންގަޕޯރގެ ސީގޭޓް އިންޓަނޭޝަނަލް ގައެވެ. އެނބުރި އަންނާނީ ރާއްޖެއަށެވެ. އެހެންވީމާ ރާއްޖެ ދޫކޮށްދިއުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ.

ސްރީލަންކާގެ ޖެފްނާއަށް އުފަން ލޯރެންސް ރާއްޖެއައީ އެގައުމުގައި 25އަހަރަށް ދިގުދެމިގެން ދިޔަ އަހުލީ ހަނގުރާމަ އެންމެ ގަދައަށް ހިނގިދުވަސްވަރު ހަނގުރާމައަށް ފިލަންވެގެންނެވެ. އޭރުވެސް ރާއްޖެ މަޝްހޫރު ވެފައިވަނީ އަމާންކަމުގެ ސުވަރުގެއެއްގެ ގޮތުގައެވެ. ރާއްޖެއަންނަ ހިތް ޖެހުނީ އެހެންވެގެންނެވެ. އެކަނިމާއެކަނި ހުސްއަތާ ރާއްޖެއައިއިރު އަނބިމީހާއާއި ކުޑަކުޑަ ދެ ދަރިން ފިޔަވައި ހުރިހާ އެއްޗެއް ވަނީ ހަނގުރާމައިގެ ސަބަބުން ގެއްލި ވީރާނާވެގެން ގޮސްފައެވެ.

އެއީ 1994ވަނައަހަރެވެ.

ރާއްޖެއިން ކުރަން ޖެހުނު ފުރަތަމަ ތަޖުރިބާއަކީ ވަޒީފާ އެއް ހޯދުމެވެ. އެހެންނަމަވެސް އެހާ އުނދަގުލެއް ނުވިއެވެ. އެކަމަށް އެހީވެދިނީ އަތުގައި އޮތް ޑިގްރީއެވެ. އެކަމަކު މާލެ އަށްވުރެ ބޮޑަށް ގަޔާވީ އަތޮޅުތެރެއެވެ.

ށ.ކޮމަންޑޫ ސްކޫލްގެ އިނގިރޭސި ޓީޗަރއަކަށް އެރަށަށް އައިއިރު ރަށްފުށު ދިރިއުޅުން ކިތަންމެ ބީރައްޓެހި ނަމަވެސް އެދިރިއުޅުން މާބޮޑަށް ކަމުގޮސްފިއެވެ. ހެނދުނު ހޭލެވުމާއެކު ކުރިން އިވެމުންދިޔަ ބަޑީގެ ބިރުވެރި އަޑުތަކާއި ޒަޚަމްވެ މަރަށްތެޅޭ މީހުންގެ ވޭނީ ރުއިމުގެ ބަދަލުގައި އަތޮޅު ތެރޭގެ ހިމޭން ދުނިޔެއިން އިވެމުންދިޔައީ ފަތިހަށްގޮވާ ހާލާއި ކޮވެލިތަކުގެ ރީތި ރާގަށް އެއް ހަމައެއްގެ މިއުޒިކީ އަޑެވެ. މީސްކޮޅު މަދު ކުޑަކުޑަ ކޮމަންޑޫގެ ހިތްހެޔޮކަން މިމާހައުލަށް މޮޔަކޮށްލަން ނެގީ މަދު ދުވަސްކޮޅެކެވެ. ދުނިޔޭގައި އޮތް އެންމެ އަމާން ތަނަކީ މިއީ ކަމުގައި ޝައްކު ނުކުރެވޭވަރަށް އޭނާގެ ހިތް މި މާހައުލު ދެކެ ހިތާވެވުނީއެވެ.

ދެއަހަރު ހޭދަކުރުމަށްފަހު އަންހެނުންނާއި ދެދަރިންވެސް ރާއްޖެ ގެނަސް ސްކޫލަށް ވެއްދިއެވެ.

އެކަމަކު އެރަށުގައި ތިން އަހަރުވީތަނާ ސަރުކާރުން ބަދަލު ކުރެއްވީ ތުޅާދޫ ސްކޫލަށެވެ. ތުޅާދުގައި ހަތަރު އަހަރު ހޭދަކުރުމަށްފަހު އަނެއްކާވެސް ށ.އަތޮޅަށެވެ.

“އަހަރެން ހުރި ކޮންމެ ތަނެއްގައިވެސް މުހިއްމު މަސައްކަތްތަކެއް ހިންގާފައިވާނެ. ށ. މާކަނޑުދޫ މީހުން މިލަންދުއަށް ބަދަލު ކުރިއިރު ވެސް ހުރީ އެތަނުގަ. މާކަނޑުދޫގައި ސައިންސް ސްޓްރީމް ފެށީސީދާ އަހަރެން ކިޔަވައިދީގެން. އިނިގިރޭސީ ޓީޗަރުގެ މަގާމުގައި ހުރިނަމަވެސް ކެމިސްޓްރީއާއި ފިޒިކްސްއާއި  ބަޔޮލޮޖީ ކިޔަވައިދީގެން ސައިންސް ސްޓްރީމް ފެށީ.” ރީތި ދިވެހިބަހުން ފަސޭހަ ކަމާއެކު ލޯރެންސް ވާހަކަ ދައްކަމުން ދިޔައެވެ.

އެހިސާބުން ގދ.ތިނަދޫއަށް ބަދަލުވީ އަމިއްލައަށް އެދިގެންނެވެ. ތިނަދޫއިން އޭދަފުއްޓަށް ބަދަލުވީ ފިރިހެން ދަރިފުޅު ސައިންސް ސްޓްރީމަށް ކިޔެވުމަށެވެ.

ލޯރެންސްގެ އަންހެން ދަރިފުޅާއި ފިރިހެން ދަރިފުޅުގެ ކިޔެވުން ރާއްޖޭގައި ނިންމާލިއިރު އޭނާ ފަޚުރުވެރިކަމާއެކު ފާހަގަކުރާ ކަމެއް އެބައޮތެވެ. އެހެނީ އޭނާގެ ދެދަރިން އޯލެވެލްގައި ބައިވެރިވެ އާއްމުކޮށް ދިވެހި ދަރިވަރުން ނުހޯދޭ ފަދަ ރަނގަޅު ނަތީޖާއެއް ދިވެހިން މި ދެކުދިންވެސް ހޯދާފައިވުމެވެ. އަންހެން ދަރިފުޅު ބީ، ފިރިހެން ދަރިފުޅު ސީ އެކެވެ.

ލޯރެންސް ގަބޫލު ކުރަނީ މިހާ ދިގު މުއްދަތެއްގައި މިހާ އަމާންކަމާއެކު ގިނަ އަހަރުތަކެއް ހޭދަކުރެވުނީ ދިވެހިންގެ ހިތްހެޔޮކަމާ ކޮންމެ މީހަކުވެސް އޭނާއާމެދު ބަލާފައިވަނީ އާއިލީ މެންބަރެއްގެ ގޮތުގައި ދެކޭތީއެވެ.

“އަހަރެމެންގެ އާއިލާ އުޅުނީ ވަރަށް ހިތް ހަމަޖެހިގެން. ވަރަށް ވަރަށް އުފަލުން. އަބަދުވެސް ރާއްޖެ މިސްވާނެ. ދިރިއުޅުމުގައި ކުރެވުނު ހުރިހާ މަޖަލަކާއި އުފަލެއް ގުޅިފައި އޮތީ ރާއްޖެއާ. އަހަރެން މަސައްކަތް ކުރި ރާއްޖޭގެ އުތުރާއި ދެކުންގެ ކޮންމެ ރަށަކުންވެސް ބެހެއްޓި އަމިއްލަ އެދުމެއްނެތް ހިތްހެޔޮކަމާ ލޯބި އެއީ އަހަރެންގެ ހެޔޮ ނަސީބު.” ލޯރެންސް ބުނީ އެކަމަށްޓަކާ ޝުކުރު އަދާކުރާނެ ގޮތެއްވެސް ނޭގޭ ކަމަށެވެ.

ވޭތުވެ ދިޔަ 25 އަހަރު ލޯރެންސް ވަނީ ރާއްޖޭގެ އުތުރާއި ދެކުނުގެ އަށް ރަށުގައި އިނގިރޭސި ޓީޗަރެއްގެ ވަޒީފާ އަދާކޮށްފައެވެ. އޭދަފުއްޓަކީ 8ވަނަ ރަށެވެ. ހަމައެކަނި އިނގިރޭސި ޓީޗަރެއްގެ ގޮތުގައެއް ނޫނެވެ. ” ބ.އަތޮޅު ތައުލީމީ މަރުކަޒުގެ އިންގްލިޝް ޓީޗަރަކީ ރަސްމީ މަގާމު ކަމަށްވިޔަސް މިހާރުވެސް އަޅުގަނޑަކީ ސްކޫލް ސެޝަން އިންޗާޖް. އަދި އޭލެވެލް ކޯޑިނޭޓަރ ވެސްމެ. ކުދިންނާ މުވައްޒިފުންގެ ވެލްފެއަރ ބަލަހައްޓަނީވެސް ވެސް އަޅުގަނޑު.” ދިވެހި ބަހުގެ ގަވާއިދާ އެއްގޮތަށް ވާހަކަދައްކަމުން ލޯރެންސް ކިޔައިދިނެވެ.

ލޯރެންސް ބ. އަތޮޅު ތައުލީމީ މަރުކަޒު ޕްރިންސިޕަލް ރަފީއުއާ ވާހަކަ ދައްކަނީ. ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ކިޔަވައިދިނުމުގެ އިސްދައުރެއް އޭނާ އަދާކުރޭ / އީވީ ފޮޓޯ: އަބްދުލްޤައްޔޫމް

އޭނާ ރާއްޖައައި އިރު ރާއްޖޭ އޮތްގޮތާ 25 އަހަރުފަހުން ރާއްޖެއަށް އައި ބަދަލާބެހޭ ގޮތުންވެސް އީވީ އާ މައުލޫމާތު ހިއްސާ ކުރިއެވެ.

“އަހަރެން މިތަނަށް އައިއިރު ވަރަށް އަމާން، އޮމާން ކޮށް އޮންނަނީ. މިހާރު އެކަމެއް ނެތް. މިސާލަކަށް ތުޅާދޫ އާ ކޮމަންޑޫގައި އުޅުނު އިރު އެދެރަށުގައި ވަޒީފާ އަދާކުރާ ބިދޭސީ ޓީޗަރުން ދިރިއުޅޭ އެއްވެސް ކޮޓަރިއެއް އަހަރެމެން މަސައްކަތް ނުކޮށް ހަދާފައެއް ނުހުންނާނެ. ވެލި ބަލާދިއުމާ އަކިރި ބަލާދިއުމާ ރޭނުމާ ސީލިންގ ކުރިކަމަށް ވިޔަސް އަހަރެމެން އެންމެން ކުރި މަސައްކަތް ހުންނާނީ. ރައްޔިތުންނާ އަހަރެމެންނާ އޮންނަނީ ވަރަށް ގާތް ގުޅުމެއް. އެކަމަކު މިހާރު އެ އެކުވެރިކަމެއްނެތް.”

އެހެން ވާންވީ ކީއްވެގެން ހެއްޔެވ؟ އޭނާ އަހަރެމެންނާ ކުރީ އެސުވާލެވެ. އެއަށްފަހު އެތައް ދުވަހަކުން ފެށިގެން ހިތުގައި އުފެދިފައި އުދާސްތައް ބޭރު ކޮށްލުމަށް ފުރުސަތުގެ ބޭނުން ހިފިއެވެ.

“ކުދިކުދި ރަށްތަކެއް. އެ އެކުވެރިކަން ކޮބާ؟ އަހަރެމެން އެކުގައި ނުތިބެވުނީ ކީއްވެގެން؟ އަހަރެމެންގެ ކުދިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިން އެމީހުންގެ ޒިންމާ އަދާ ކުރެވޭތަ؟ މުޖްތަމައު ބައިބައިވެ މިތުރުން ހަތުރަށް ވެގެންދިޔައިރު ކައުންސިލު އިސްނަގައިގެން ހޭލުން ތެރިކަމުގެ ޕްރޮގްރާމް ތަކެއް ނުހިންގަނީ ކީއްވެ؟ “ހިނދުކޮޅަކަށް މެދު ކަނޑާލުމަށްފަހު އަނެއްކާވެސް ކުރިއަށް ގެންދިޔައެވެ.

”ކުރީގަ ނަމަ ރޭގަނޑު 9ގެ ފަހުން ކިޔަވާ ކުދިން މަގުމަތިން ނުފެންނާނެ. މިހާރު އެކަން ބަލަހައްޓާނެ ބަޔަކު ނެތުމުން އެއީ އާއްމު ކަމަކަށްވެ އެކުދިން އެ އުޅެނީ ބޭނުން ގޮތަކަށް. އިތުރަށް ބުނާނަމަ ފިހާރައަށްގޮސް ސްކޫލް ކުދިން ސިނގިރެޓްވެސް ގަންނަނީ. މީގައި ބެލެނިވެރިންގެ އިހުމާލުވުންވެސް ކުޑައެއްނޫން. ” ލޯރެންސް ބުންޏެވެ.

ލޯރެންސް ބުނަނީ ކިތަންމެ ގިނަ ވާހަކައެއްވެސް ދެއްކިދާނެ ކަމަށާއި އެކަމަކު މިރީތި ރަށްރަށާ މި ހިތްފަސޭހަ މާހައުލުގައި މިނިވަން ކަމާއެކު ދިރިއުޅޭ ދޫނިތަކާ މިވެއްޓަށް ނޭވާލާ އަހަރެމެން އެންމެންނަކީވެސް ނިކަން ގޮތްހުރި ކުރީގެ އުޅުން ލިބިފައިވާ ބަޔަކަށް ވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ ވަގުތު މިހާރު މިއޮތީ އައިސްފާ ކަމުގައެވެ.

އޭނާ ރާއްޖެއިން ފުރައިގެން އެދަނީ ޝަކުވާ ތަކަކާވެސް އެކުގައެވެ. ނުފުދިފައިވާ ބޮޑު އެދުމެއް ކޮންމެވެސް ދުވަހަކުން ފުދޭނެކަމުގެ އުއްމީދާވެސް އެކުގައެވެ.

“އަހަރެން އުޅުނިން ސަލީމްގާތު ބުނެގެން (އޭދަފުށީ ދާއިރާގެ އެމްޕީ) ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައަޅަން. ސިންގަޕޫރަކީވެސް ހަމަ މިކަހަލަ ކުޑަކުޑަ ރާއްޖެއަކަށްވެފައި ސިންގަޕޫރުގައި މަސައްކަތް ކުރާތާ 25 އަހަރުވެއްޖެނަމަ އެތަނުގައި ލިބޭ ޕީއާރްއޭ ނުވަތަ ޕާމަނަންޓް ރެސިޑެންޓް. އެ އުސޫލުން އަހަރެމެންވެސް ބޭނުންވޭ މިރާއްޖޭގައިވެސް 25 އަހަރު ރައްޔިތުންނަށް ޚިދުމަތްކޮށްފިނަމަ ދިވެހި ރައްޔިތަކަށް ވެވޭ ގޮތަށް ގާނޫނެއް ފާސްވާން.”

ލޯރެންސް ބުނަނީ އެއީ އެއީ ކޮންމެހެން ދިވެހި ރާއްޖޭގައި ދާއިމަށް އުޅެން ބޭނުންވާތީއެއް ނޫންކަމަށާއި މިރީތި ރާއްޖޭގެ ރައްޔިތަކަށްވުމީ އެއަށްވުރެ މާބޮޑު އުފަލަކާ ހިތްހަމަޖެހުން ލިބޭނޭ ކަމަށްވާތީ ކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top