ޒުވާންކަން ދެމެހެއްޓުމަށް ގެންގުޅެވިދާނެ 10 އާދަ

margot-robbie-age-1.jpg

 

ކޮންމެ މީހަކުވެސް ޒުވާންކަންމަތީ ހުރުމަށް ބޭނުންވާނެއެވެ. އެހެންނަމަވެސް އުމުރުން ދުވަސްވާވަރަކަށް  މުސްކުޅިވުމަކީ އިންސާނީ ފިތުރަތެވެ. އެއުސޫލަށް ބަދަލެއް ނުގެނެވޭނެއެވެ.

އުމުރުން ދުވަސްވާވަރަކަށް މުސްކުޅިވުމުގެ އަލާމަތްތައް ފެނުން ގިނަވާނެއެވެ. މީގެ ތެރެއިން ފާޅުކަން ބޮޑުގޮތެއްގައި ފެންނަންހުންނާނީ އިންސާނާގެ ހަށިގަނޑަށާއި ހަންގަނޑަށް އަންނަ ބަދަލުތަކެވެ. އުމުރުން ދުވަސްވާވަރަކަށް ހަންގަޑު ތުނިވުމާއިއެކު ހަނގަނޑުގެ ބާރު ދެރަވެ ރޫޖެހި ތާޒާކަން ގެއްލުމުގެ އިތުރުން ގައިބާރު ދެރަވެ އެކި ބަލިތަކާ ކުރިމަތިލާންޖެހެއެވެ. ނަމަވެސް އުމުރަށްވުރެ ތިމާ މުސްކުޅިކަމަށް ނުވަތަ ދުވަސްވެއްޖެކަމަށް ދައްކާނަމަ އޭގެ ސަބަބަކީ ގެންގުޅެވޭ ނުރަގަޅު އާދަތައްކަމުގައި ގަބޫލު ކުރާށެވެ. އާންމު ދިރިއުޅުމުގެ ވައްޓަފާޅި، އުޅޭ މާހައުލު އަދި ކެއުން ބުއިމުގައި ގެންގުޅޭ އާދަތަކަކީ މިގޮތުން ބަލާލަންޖެހޭ ކަންކަމެވެ. އުފާވެރި ހަބަރަކީ މިހެން ގެންގުޅެވޭ ނުރަގަޅު އާދަތައް ރަގަޅުކޮށްލައިގެން ކުރިއަށް އޮތް ތަނުގައިވެސް ޒުވާންކަންމަތީ ދެމިހުރުމަށް މަސައްކަތް ކުރެވިދާނެއެވެ.

މިގޮތުން ކުރެވިދާނެ 10 ކަމެއް ތިރީގައި މިވަނީއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުން:

ދުންފަތުން ލިބޭ ގެއްލުންތަކުގެ ވާހަކައަކީ އެއްވެސް ބޭފުޅަކަށް އާވާހަކައަކަށް ނުވާނެއެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އިންސާނާގެ އެތެރެހަށްޓަށް ގިނަ ގެއްލުންތަކެއް ދޭކަމެއްގެ އިތުރުން މީހާ މުސްކުޅި ކުރުމަށް ދިމާވާ އެންމެ ބޮޑު އެއް ސަބަބު ކަމުގައި ދިރާސާތަކުން ވަނީ ދައްކާފައެވެ. ދުންފަތުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ މިންވަރަށް އޮކްސިޖަން ލިބުމަށް ހުރަސް އެޅި ހަންގަނޑު ހަލާކުކޮށްލާ ހަމުގެ ގުދުރަތީ ކުލައަށް ބަދަލު އާދެއެވެ. އަދި ހަންގަނޑު ދޫވެ ބައްޓަން ގެއްލެން ދިމާވާ ސަބަބަކަށްވެސް ދުންފަތް ވެއެވެ. ސިގިރޭޓް، ގުޑުގުޑާ ފަދަ ތަކެތި ބޯއިރު ހަންގަޑުގެ މަސްތަކަށް އެއަންނަ ހަރަކާތްތައް ގިނަ އަދަދަކަށް ތަކުރާރުވުމުގެ ސަބަބުން ހަނގަޑު ދޫވެ ރޫޖެހޭގޮތްވެއެވެ. ގިނަ ދިރާސާތަކަކުން ދައްކާގޮތުގައި އުމުރަށްވުރެ މުސްކުޅި ކަމަށް ދައްކާ ގިނަ މީހުންނަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނެވެ. ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމުން ހަނގަޑު ރީތިވެ ކުރިން ހުރި ބައްޓަމަށް އައުމުގެ ޗާންސް ވަރަށް ބޮޑެވެ. އެހެން ކަމުން ރީތި ޒުވާން ހަންގަނޑެއް ބޭނުންނަމަ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާށެވެ.

މޫނުމަތިން އުފާވެރިކަން ދެއްކުން

މާފުކުރުމަކީ އެންމެންވެސް ދަންނަ އެންމެ ރީތި އަދި އެންމެ މާތްސިފައެވެ. މާފު ކުރުމުން އެކަކު އަނެކަކުގެ ގުޅުން ބަދަހިވުމުގެ އިތުރުން މީހާގެ ބުރުސޫރަވެސް ރީތިކޮށްދެއެވެ.

50-and-celebrities-who-suffer-from-anxiety-u1މީހުންދެކެ ރުޅިއައިސް މޫނު ހަދާފައި ހުރުމުން މީހާ ސްޓްރެސްވެ ކޯޓިސޮލްއޭ ކިޔާ ނުރަގަޅު ހޯމޯންއެއް ހަށިގަނޑުގައި ގިނަވެއެވެ. ކޯޓިސޮލް ހޯމޯންއަކީ ހަށިގަނޑުގެ ބަރުދަން އިތުރުވެ، ލޭގެ ޕްރެޝަރ މައްޗަށް ގޮސް ހަކުރުބައްޔަށް މަގުފަހި ކުރުވާ ކަމެކެވެ. އަދި ހަމަ އެއާއި އެކު ސްޓްރެސްވެ، ރުޅިއައިސް އުފާވެރިކަން ނެތް މޫނަކަށް މީހުން ބަލާލާހިތް ނުވުމުގެ އިތުރުން މޫނުމަތީގައި ރޫޖެހި މުސްކުޅި ކަމަށް ދައްކާނެއެވެ. އުފާވެރި ދިރިއުޅުމަކަށް ބޭކާރު ކަންކަން ހަނދާން ނައްތާލާ މާފް ދީ ހިނިތުންވެފައިވާ މޫނަކާއެކު މީހުނާ ކުރިމަތިލެވޭތޯ ބަލާށެެވެ. އުފާވެރި މޫނެއް ބަލާލަން ރީތިވާނެއެވެ.

އަވިން ސަލާމަތް ކުރުން

ހަންގަނޑާ އެންމެ ރުޅި އަދި ހަންގަނޑުގެ އެންމެ ބޮޑު ހަތުރަކީ ހޫނު ނުވަތަ އިރުގެ އަވި ކަމުގައި ބުނެވިދާނެއެވެ. ތިމާގެ ހަންގަޑަށް ދެވޭނެ އެންމެ ބޮޑު ގެއްލުމަކީވެސް ގަދަ އަތްވަށް ތިމާގެ ހަންގަނޑު ދޫކޮށްލުމެވެ. ގިނަވަގުތަށް ހަންގަނޑު އަތްވަށް ހާމަކޮށްލުމުން އިރުގެ އަލްތްރާ ވައިލެޓް ރޭޒްގެ ސަބަބުން ހަނގަޑު ހަލާކުކޮށްލައެވެ. އަދި ހަނގަނޑު ކުރަކިވެ ކަޅުވެ އެކި ކަހަލަ ލައް ޖެހުމުގެ އިތުރުން ހަންގަނޑުގެ ގުދުރަތީކަން އެއްކޮށް ނައްތާލައެވެ. އަދި ހަމުގެ ކެންސަރު ޖެހުމަށް ދިމާވާ އެންމެ އާންމު ސަބަބު ތެރޭގައި އިރުގެ އަވި ހުރަހެއް ނެތި ހަންގަޑުގައިޖެހުން ހިމެނެއެވެ. ހަންގަނޑު އަވިން ސަލާމަތް ކުރުމަށް އަތްވަށް ނުކުތުމުގެ ކުރިން ރަނގަޅު ސަންލޯޝަން އެއް ބޭނުންކުރާށެވެ. އަދި ހަމަ އެއާއި އެކު ލޮލުގެ އަދި ހަމުގެ ރައްކަލަށް އަވި ކުޑައެއް ނުވަތަ ތޮތްޕެއްފަދަ އަވިން ސަލާމަތްވާނެ އެއްޗެއް ހިޔާރުކުރާށެވެ.

ނިދި ހަމަނުވުން

އެންމެ ރެއެއްގެ ނިދި ނުލިބުނު ކަމުގައިވިޔަސް ހަށިގަނޑު ވަރުބަލިވެ މޫނުމަތި މިލާ މޯޅިވާވަރު ކޮންމެ ބޭފުޅަކުވެސް އަމިއްލައަށް ވާނީ އިހުސާސްކުރެވިފައެވެ. ލޯކައިރި ދުޅަވެ ކަޅުވެފައިވާނަމަ އެއީ ނިދިމަދުވުމުގެ އެއް އަލާމާތެވެ. އެހެން ކަމުން ހަމަނިދި ނުލިބި ގިނަ ދުވަސްތަކަކަށް ދެމިގެންދާނަމަ ދެން ލިބޭނެ ގެއްލުން އިހުސާސްކޮށްލާށެވެ.

ނިންޖަކީ ހަށިގަނޑަށް އަރާމުދީ ހަށިގަނޑުގެ ހަކަތަ އިތުރުކޮށް އަދި ހަށިގަނޑުގައި ބަލިވެ ހަލާކުވަމުންދާ ބައިތައް މަރާމާތުކުރުމަށް އެހީވެދޭ ކަމެކެވެ. މީގެ އިތުރުން ނިދިމަދުވުމުން ހަށިގަނޑުގައި ކްރިސްޓޯލް ލެވެލް އިތުރުވެ ހަންގަޑު ބަލިވެ މުސްކުޅިވުމަށް މެދުވެރިވެއެވެ.

ނިދާއިރު ގިނައިރު އެއްގޮތަކަށް ބާލީހުގައި މޫނު ބާއްވައިގެން ނިދުމުން މޫނުގައި ރޫޖެހޭގޮތް ދިމާވެއެވެ. އަދި ހަރު ބާލީހުގެ ބަދަލުގައި މަޑު ބާލީސް ބޭނުންކުރާށެވެ. ނިންޖަކީ ސްޓްރެސް ލެވެލް ހިފެހެއްޓުމަށާއި މީހާ ތާޒާކޮށް ހުރުމަށް ވަރަށް މުހިންމު ކަމެކެވެ. އެހެން ކަމުން ކިތަންމެ ބިޒީ ކަމުގައިވީނަމަވެސް އަދި ހޭލާ ހުރުމަކީ މަޖާކަމެއް ކަމުގައިވީނަމަވެސް  މަދުވެގެން ރެއަކު7 ގަޑިއިރާ 9 ގަޑި އިރާ ދެމެދުގެ ވަގުތަކަށް ނިދިލިބޭތޯ ބަލާށެވެ. އަދި ރޭގަނޑުގެ އަރާމު ނިދި ދުވާލުގަޑީގައި ނުލިބޭނެކަންވެސް ހަނދާނުގައި ބަހައްޓާށެވެ.ކަމުގެ މާހިރުން އެއްބަސްވާގޮތުގައި ރޭގަނޑުގެ އެންމެ އަރާމު ނިދި ލިބޭނީ މެންދަމުގެ ކުރިންނެވެ.

ފޮނި ކާތަކެތިން ދުރުވުން

ފޮނިއެއްޗެއް ކާލުމުން ވަގުތީ ގޮތުން ލިބޭ ހިތްހަމަޖެހުމަށްވުރެ ދިގުމުއްދަތުގައި ލިބޭ ގެއްލުން މާބޮޑެވެ. ފޮނި ކާތަކެތީގެ ސަބަބުން ފަލަވުމުގެ އިތުރުން މީހާގެ ހަންގަނޑަށް ގިނަ ގެއްލުންތަކެއްލިބި ހަންގަޑު ކުރަކިވެ މުސްކުޅިވުމަށް މަގުފަހިކޮށްދެއެވެ. މިހެން ދިމާވަން ޖެހެނީ ގްލައިކޭޝަން އޭ ކިޔާ ޕްރޮސަސްއެއްގެ ސަބަބުން ހަކުރުގެ މާއްދާތައް ހަމުގައި ތަތްވެ ހަމުގައި ހުންނަ ޕްރޮޓީންތަކަށް ގެއްލުންދޭތީއެވެ. ޕްރޮޓީން އަކީ ހަންގަނޑު އޮމާންކޮށް ހަންގަނޑު ދޫނުވެ ބައްޓަމަށް ބެހެެއްޓުމަށް ބޭނުންވާ އެންމެ މުހިންމު މާއްދާއެވެ. ފޮނި އެއްޗެހި ކާހިތްވާނަމަ މޭވާ އަކަށް ބަދަލުކޮށްލާށެވެ. ނޫނީ ޑާކް ޗޮކްލެޓް ކެއުމަށް އާދަކުރާށެވެ. ޑާކް ޗޮކްލެޓަކީ އެންޓިއޮކްސިޑެންޓްގެ މާއްދާތައް ގިނަ ހަށިގަނޑަށް ފައިދާހުރި އެއްޗެކެވެ. ހަކުރުގެ ބާވަތްތަކާ ދުރުވުމުން ހަށިގަނޑަށް އަންނަ ރަނގަޅުބަދަލު މަދު ދުވަސްކޮޅެއްގެ ތެރޭގައި އިހުސާސްވެ ފެންނަމުންދާނެއެވެ.

ސްޓްރެސް

ސްޓްރެސް ވާ ކޮންމެ ފަހަރަކު މޫނު މިލާ މޯޅިވާކަން އިހުސާސް ކުރެވޭހެއްޔެވެ؟ މިގޮތަށް މޫނުގެ އުޖާލާކަން ގެއްލިދިޔުމަކީ މޫނުގެ ރީތިކަމަށް އަސަރުކުރާނެކަމެކެވެ.

stress-woman-optއަދި މިގޮތަށް އަބަދު ތަކުރާރުވަމުންދާނަމަ މޫނުގެ މަސްތައް އެގޮތަށް ބަދަލުވެ އުމުރުން ދުވަސްވާވަރަކަށް މޫނުމައްޗާއި ނިތްކުރީގައި ރޫޖެހި މުސްކުޅިކަމަށް ދައްކާނެއެވެ. މީގެ އިތުރުން ސްޓްރެސް އަކީ ގުދުރަތީ ގޮތުންވެސް ހަންގަނޑަށާއި ހަށިގަނޑަށް ގެއްލުން ދޭކަމެކެވެ. ސްޓްރެސްގެ ސަބަބުން ދިމާވާ އެންމެ ނުރައްކާތެރި ކަމަކީ ހަށިގަނޑުގައި ހުންނަ “ކޮލާޖަން” ކިޔާ ޓިޝޫތައް އެކުލަވާލާ ސްޓްރަކްޗަރަލް ޕްރޮޓީންއެއް ހަލާކުކޮށްލައި، މުސްކުޅިވުމުގެ އަލާމާތްތައް ފެންނަން ފެށުމެވެ.

ސްޓްރެސްއަކީ ގިނަ ބަލިތަކަކަށް މަގުފަހިކުރުވާ ކަމެކެވެ. މީގެ ތެރޭގައި ލޭގެ ޕްރެޝަރ މައްޗަށް ދިއުމާއި ފަލަވާ ބަލި (އޮބޭސިޓީ) އަދި ހިތުގެ ބަލިތައް ހިމެނެއެވެ.

ސްޓްރެސް ވުމަކީ ހަންގަނޑަށް ނުހަނު ގެއްލުންދޭ ކަމަކަށް ވިޔަސް އެކަން އެއްކޮށް ދުއްވާލުން އެއީ ފަސޭހަކަމަކަށް ނުވެހިނގައިދާނެއެވެ. ނަމަވެސް މިކަން މެނޭޖްކުރުމަށް ނުވަތަ ވަކި މިންވަރެއްގައި ހިފެހެއްޓުމަށް މެޑިޓޭޝަން އާއި ޔޯގާ އަދި ރިލެކްސް ވުމަށް ބޭނުންކުރާ އެކި ކަހަލަ ކަސްރަތުތައް އެހީވެދެއެވެ. އަދި އެމީހަކު ހިތްހަމަ ޖައްސާލުމަށް ކުރާހިތްވާ ކަންކަން ދެނެގަނެ އެކަންކަމުގައި މަޝްޣޫލުވެ އުޅުމުން ސްޓްރެސްލެވެލް ވަރަށް ބޮޑަށް ދަށްކުރެވޭނެއެވެ.

ހަންގަޑަށް ފަރުވާތެރިވުން

ދުޅަހެޔޮކަމާއެކު ހަންގަނޑު ރީތިކޮށް ބެލެހެއްޓުމަށް ރަގަޅު އާދަތަކެއް ގެންގުޅެން ޖެހެއެވެ. އެކި ކަހަލަ ހަންގަޑަން ބޭނުންވާނީ ތަފާތު ފަރުވާއާއި މާއްދާތަކެވެ. އެހެންކަމުން ހަންގަނޑު ރަގަޅަށް ބެލެހެއްޓުމަށް އެންމެ ފުރަތަމަ ވިސްނަން ޖެހޭނީ  ލިބިފައިވާ ހަމުގެ ބާވަތް ނުވަތަ ވައްތަރު ދެނެގަތުމެވެ.

ކޮންމެ ކަހަލަ ހަންގަޑެއް ލިބިފައިވީނަމަވެސް ދުވާލަކު މަދުވެގެން ދެފަހަރު މޫނު ދޮންނަން ޖެހޭނެއެވެ. އަދި ކަސްރަތު، ކެއްކުން، ބުރަމަސައްކަތެއް ކުރުން ފަދަ ގަދައަށް ދާހިއްލާ ކަންކަން ކުރުމަށްފަހު ރީތިކޮށް މޫނު ދޮވެލަންވާނެއެވެ. ދާ ހިއްލުމަކީ ހަންގަޑު ކުރަކިކޮށްލާ އަދި ޖައްވުގައި އުޅޭ އެކިކަހަލަ ކުނިބުނި، ހަންގަޑުގައި ތަތްލުމަށް ދިމާވާ އެއްސަބަބެވެ. މޫނު ދޮވެލުމުން ހަންގަނޑު އޮމާންވެ ސާފުކޮށްލައެވެ. ނަމަވެސް މާގިނައިން މޫނު ދޮވުމަކީވެސް ރަގޅު ކަމެއް ނޫނެވެ. އެއީ އެކަމުގެ ސަބަބުން މޫނުގައި ހުންނަ ގުދުރަތީ ރީތިކަން ގެއްލި ހަންގަޑު ހިކިވެ ކުރަކިވާން ދިމާވެދާނެތީއެވެ.

މޭކަޕް ކުރާނަމަ ނިދަން ދިއުމުގެ ކުރިން މޭކަޕް ސާފުކޮށްލުމަކީ ވަރަށް މުހިންމު ކަމެކެވެ. މޭކަޕްގައި ހިމެނޭ ކެމިކަލްތައް މޫނުގެ ޕޯޒްތައް(ވަޅުތައް) ބްލޮކް ކޮށްލާ ހަންގަނޑުގެ ދިރުމަށް އަސަރުކުރުވާ، ބާރު ދުއްވާލައެވެ. ހަމައެއާއެކު މޫނުގެ އުޖާލާކަން ދެމެހެއްޓުމަށް މޭކްޕްއާއި ދުރުވުން ނުވަތަ ވީހާވެސް މަދުން މޭކަޕްކުރުން އެދެވިގެންވެއެވެ. އަދި މޭކަޕް ކުރާނަމަވެސް އެމީހެއްގެ ހަމަކާއި ގުޅޭ، ކެމިކަލް މަދު، ގުދުރަތީ މާއްދާތައް އެކުލެވޭ މޭކަޕްގެ ބާވަތްތައް ހިޔާރު ކުރާށެވެ.

މޫނު ރީތިކޮށް ބެހެއްޓުމަށް އަދި މަރުވެފައިވާ ހަންތައް ނައްތާލުމަށް ހަފްތާއަކު އެއްފަހަރު މޫނު އެކްސްފޮލިއޭޓް ކުރަންޖެހެއެވެ. އެކްފޮލިއޭޓް ކުރުމަކީ ސްކްރަބްއެއް ނުވަތަ ޓޯނަރ އެއް ބޭނުންކޮށްގެން މޫނު ރީތިކޮށް ސާފުކޮށްލުމެވެ. ސްކްރަބް ކުރާއިރު މަޑުމަޑުން ފަރުވާތެރިކަމާއެކު މޫނު ސާފުކުރުން މުހިންމެެވެ. އެހެން ނޫންނަމަ ހަންގަޑު ހަލާކުވެ ހަންގަޑުގެ ރީތިކަން ގެއްލިދާނެއެވެ. ހަމައެއާއެކު ހަންގަޑު ތެތްކޮށް ބެހެއްޓުމަށް އަބަދުވެސް ރަގަޅު މޮއިސްޗަރައިޒަރ އެއް ބޭނުން ކުރާށެވެ.

މޫނުގައި މާގިނައިން އަތްލުމުގެ އާދަ ދޫކޮށްލާށެެވެ. ހާއްސަކޮށް ލޯކައިރިފަދަ ސެންސިޓިވް ހިސާބުތަކުގައި މާގިނައިން އަތްލެވޭނަމަ އަތުގައި ހުންނަ ޖަރާސީމު މޫނުގައި ހޭކި އެކަމުގެ ސަބަބުން މޫނު ހަޑިވެ ލޯކައިރި ކަޅުވުމަށް މެދުވެރިވެއެވެ. މީގެ އިތުރުން މޫނުން ވަކިވެފައި ހުންނަ ކުދިކުދި ހަންކޮޅު ނުވަތަ ހަލާކުވާ ތަންކޮޅެއް ނޫނީ ބިއްސެއް އިންނަމަވެސް ކޮށްޓާ ނުހަދާށެވެ. ކޮށްޓުމުން ނުވަތަ ހަލާކުކުރުމުން ލަކުނުލާ މޫނުމަތި ހަޑިވާނެއެވެ.

ކަސްރަތު ކުރުން

އިގިރޭސިން ބުނާ ގޮތުންނަމަ “ކައުޗް ޕޮޓޭޓޯ” އަކަށްނުވެ ތަންކޮޅެއް ހެލިފެލިވެ އުޅޭށެވެ. މީހާގެ ބުރުސޫރައާއި އެތެރެހަށީގެ ސިއްހަތަަށް ކަސްރަތަށް ވުރެ ވަކި ފައިދާހުރި ކަމެއް ނޯންނާނެއެވެ. ކަސްރަތުގެ ސަބަބުން ހަށިގަނޑުގެ އަދި މޫނުގެ މަސްތައް ހުންނަށް ޖެހޭ ގޮތަށް ބައްޓަންވެ ލޭ ހިނގުމަށް އެހީވެދެއެވެ. ނަތީޖާއަކަށްވަނީ ހަށިގަނޑުގެ ހުރިހާ ހިސާބަކަށް ބޭނުންވާ މިންވަރަށް ލޭ ދައުރުވެ ހަންގަޑަށް ބޭނުންވާ މުހިންމު ހުރިހާ މާއްދާއެއް ފޯރުކޮށްދީ ހަންގަނޑުގެ ސިއްހަތު ރަގަޅުވުމެވެ. މީގެއިތުރުން ކަސްރަތުގެ ސަބަބުން މީހާގެ ބާރުގަދަވެ އަމިއްލައަށްވެސް ޒުވާންކަން އިހުސާސް ކުރެވޭނެއެވެ.

ކަސްރަތަކީ ގާތްގަޑަކަށް ހުރިހާ ބައްޔަކުންވެސް ސަލާމަތްވެ ހުރުމަށް އޮތް މުހިންމު އެއް ހައްލެވެ. އާއްމުކޮށް ކަސްރަތު ކުރުމުން  ވަކި މިނެއްގައި ސްޓްރެސް ހިފަހައްޓައިދިނުމާއެކު ހިތުގެ ބަލިތަކުން ދުރުކޮށްދެެއެވެ. އަދި ސިކުނޑު ތާޒާ ކޮށްދީ ހަކުރުބައްޔާއި ފަލަވުމުގެ ބަލިތަކުން ދިފާއުކޮށްދީ ޒުވާންކަންމަތީ ބެހެއްޓުމަށް އެހީވެދެއެވެ.

ކޮންމެ މީހަކުވެސް އެމީހެއްގެ އެދުވަހެއްގެ ތާވަލުގައި ކަސްރަތު ހިމަނާށެވެ. މިގޮތުން ދުވާލަކު 30 މިނިޓް ކަސްރަތަށް ހުސްކޮށްލާށެވެ. މީގެ ތެރޭގައި ހިނގުން، ދުވުން، ފެތުން ނުވަތަ ނެށުންވެސް ހިމެނިދާނެއެވެ. އެއަށް ފަހު ހަށިގަނޑަށް އަންނަ ބަދަލު ތަޖުރިބާކޮށްލާށެވެ.

ރަގަޅު ކާނާ

ކާނާއަކީ އިންސާނާގެ ހަށިގަނޑު ބައްޓަން ކުރުމުގައި އެންމެ މުހިންމު ރޯލު އަދާކުރާ އެއްޗެވެ. ރަގަޅު ސިއްހަތެއްގައި ހުރެވޭނީ ރަގަޅު ކާނާ ބޭނުންކޮށްގެންނެވެ. މިގޮތުން ތިމާގެ ހަންގަނޑު ޒުވާންކޮށް ރީތިކޮށް ބެހެއްޓުމަށް އެންމެ ބޮޑު ރޯލެއް ކުޅެނީ ތިމާ ކައިބޮއި އުޅޭ ބާވަތްތަކެެވެ.

ރަގަޅު ހަންގަނޑެއްގެ ވެރިއަަކަށް ވުމަށް ބައެއް ކާނާއާއި ދުރުވާން ޖެހެއެވެ. މީގެ ތެރޭގައި ތަރުކާރީ ތެޔޮ، މާޖިރިން، ރަތްކުލަގަދަ މަސް، އާދައިގެ ޕާން، ހަކުރުގިނަ ކާނާ، އަދި ތައްޔާރީ ކާނާ ހިމެނެއެވެ. މިފަދަ ކާނާއަކީ ހަށިގަނޑު ހޫނުވުމަށް މަގުފަހިކޮށްދޭ ކާނާއަށް ވެފައި މިފަދަ ކާނާގެ ސަބަބުން ހަންގަނޑުގެ ޒުވާންކަމާއި ތާޒާކަން ގެއްލުން އަވަސްވެއެވެ.

ހަނގަޑަށް ފައިދާހުރި ކާނާ ތަކުގެ ތެރޭގައި އޮމެގާ-3 ފެޓީ އެސިޑްއިން މުއްސނަދި ވެފައިވާ ކާނާ ހިމެނެއެވެ. މީގެ ތެރޭގައި ފްލެކްސް ސީޑް އާއި ފްލެކްސީޑް ތެޔޮ، އެވަކާޑޯ، ސަލްމޮން (ކަނޑުގެ އަޑީގައި ދިރިއުޅޭ މަހެއް )، ޑާކް ޗޮކްލެޓް އަދި ޒައިތޫނިތެޔޮ ހިމެނެއެވެ. މީގެ އިތުރުން ތަރުކާރީއާއި މޭވާއަކީ ހުރިހާ ވައްތަރެއްގެ ހަމަށްވެސް ބޭނުންތެރި މުހިންމު މާއްދާ ތަކެކެވެ. ހަމަ އެއާއިއެކު ޕްރޮޓީން ހިމެނޭ ބާވަތްތައް ކެއުމުގައި ބޭނުންކުރުމަކީ ހަންގަނޑު ޒުވާންކޮށް ތާޒކަމާއެކު ބެހެއްޓުމަށް އެހީވެދޭނެކަމެކެވެ. ޕްރޮޓީން ގިނައިން ހިމެނޭ ކާނާގެ ތެރޭގައި ބިހާއި ސަރުބީގެ ބާވަތްތައް މަދު މަސް އަދި ބީންސް ހިމެނެއެވެ. އަދި ހަމައެއާއި ޖަންކްފުޑް ކެއުން ދޫކޮށްލާށެވެ. ޖަންކް ފުޑަކީ ގިނަ އަދަދަކަށް ލޮނާއި ކޮލެސްޓްރޯލް ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ ހަށިގަނޑަށް ފައިދާއަށްވުރެ ގެއްލުން ބޮޑު ތައްޔާރީ ކާނާއެކެވެ.

އެންމެ މުހިންމު ކަމެއްގެ ގޮތުގައި ސަމާލުކަން ދޭންވީ ފެން ބުއިމަށެވެ. ހަށިގަނޑަށް ބޭނުންވާ މިންވަރަށް ވީހާވެސް ގިނައިން ފެންބޯށެވެ. ފެނުގެ ސަބަބުން ހަންގަޑު ތެތްކޮށް ޒުވާންކޮށް ތާޒާކޮށް ބަހައްޓާދީ މުޅި ހަށިގަނޑުގެ ސިއްހަތު ދުޅަހެޔޮކޮށްދެއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top