މޯލްޑިވިއަން އިން ޕްރިމިއަމް އިކޮނޮމީ ކްލާސް ޓިކެޓް

20191229_094421.jpg

މޯލްޑިވިއަންގެ ފްލައިޓެއް ދަރަވަންދޫގައި / އީވީ ފޮޓޯ: އަބްދުލްޤައްޔޫމް

ދިވެހި ގައުމީ އެއާލައިން، މޯލްޑިވިއަން އިން ރާއްޖޭގެ އެތެރޭގެ ދަތުރުތަކަށް ޕްރިމިއަމް އިކޮނޮމީ ކްލާސް ތައާރަފު ކޮށްފި އެވެ.

އެ އެއާލައިންގެ އެތެރޭގެ އުދުހުންތަކުގައި ކުރިން ވިއްކަނީ ހަމައެކަނި އިކޮނޮމީ ކްލާސް ޓިކެޓެވެ.

މޯލްޑިވިއަން އިން ވިއްކާ ޕްރިމިއަމް އިކޮނޮމީ ކްލާހުގެ ޓިކެޓްތައް އަގުތައް މިހާރު ލިބޭ އިކޮނޮމީ ކްލާހުގެ ޓިކެޓްތަކަަށް ވުރެ ބޮޑުވާނެއެވެ.

އައިލެންޑް އޭވިއޭޝަނުން މިއަދު ބުނީ، ޕްރިމިއަމް އިކޮނޮމީ ޓިކެޓްތަކުގައި ދަތުރު ކުރުން އަންނަ އޭޕްރީލް 13 ގައި ފަށަން މިހާރު ނިންމާފައިވާ ކަމަށާއި އެއާ އެކު، ފަސިންޖަރުންނަށް ޑޮމެސްޓިކް ދަތުރުތަކުގައި މިހާރަށް ވުރެ، ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދޭނެ ކަމަށެވެ.

ޕްރިމިއަމް އިކޮނޮމީގެ ދަށުން ދަތުރުކުރާ ފަސިންޖަރުންނަށް 25 ކިލޯގެ ބެގޭޖު އުފުލޭނެ އެވެ. ދަތުރުގެ ދުވަސް ބަދަލު ކުރުމާއި ޗެކިން ކުރުމުގައި ހާއްސަ އިސްކަމެއް ދޭނެ އެވެ. ޕްރިމިއަމް އިކޮނޮމީގައި ދަތުރުކުރާ ނަމަ “މޫނިމާ ލައުންޖް” ގައި މަޑުކޮށްލައި ކެއުމުގެ އިންތިޒާމުތައް ވެސް ހަމަޖެއްސޭނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.

މާލޭގެ އިތުރުން ދަރަވަންދު އާއި އިފުރުން ދަތުރުކުރާ ފަސިންޖަރުންނަށް ވެސް ލައުންޖުގެ ހިދުމަތްތައް ލިބޭނެ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ. ދަތުރުގައި އިކޮނޮމީ ޓިކެޓުގައި ދަތުރުކުރާ ފަސިންޖަރުންނަށް ވުރެ ފެންވަރު ރަނގަޅު ކެއުންތައް ލިބޭނެ އިންތިޒާމު ވެސް މޯލްޑިވިއަން އިން ވަނީ ހަމަޖައްސައިފަ އެވެ. އަދި ދަތުރު ނިމުމަށް ފަހު، އެންމެ ފުރަތަމަ ފޮށި، ދަބަސް ވެސް ލިބޭނީ ޕްރިމިއަމް އިކޮނޮމީގައި ދަތުރު ކުރާ ފަސިންޖަރުން ނަށެވެ.

އަދި މަތިންދާބޯޓުގައި ޕްރިމިއަމް އިކޮނޮމީ ކްލާހުގެ ފަސެންޖަރުންނަށް ހާއްސަ ސީޓްތަކެއް ހަމަޖައްސާފައިވާއިރު، ހިލޭ ސްނެކާއި ބުއިމެއް ލިބިގެން ދާނެއެވެ.

މޯލްޑިވިއަންގެ އެޕްލިކޭޝަން އަދި ވައިބާ ނެޓްވޯކް މެދުވެރިކޮށް ޕްރިމިއަމް އިކޮނޮމީ ކްލާހުގެ ޓިކެޓްތައް ބުކް ކުރެވޭނެއެވެ.

މޯލްޑިވިއަން އިން ވަނީ ޑޮމެސްޓިކް ދަތުރުތަކުގައި ބޭނުން ކުރާ ހުރިހާ ބޯޓެއް މި އަހަރު ތެރޭ އާ ކުރުމަށް ނިންމައި އިތުރު ތިން އޭޓީއާރް ގެނައުމަށް ޕްލޭންކޮށްފަ އެވެ. އިތުރު ތިން ބޯޓާ އެކު، އޭޓީއާރްގެ އަދަދު 8 އަށް އިތުރު ކުރާނެ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top