ގަދަމީހުން: ކޮންސްޓްރަކްޝަން ދާއިރާއިން އެންމެ އުހަށް

DSCN2127.jpg

(ގައްޔޫމް+ނަސީރު)   އޭނާގެ ނަމަކީ ރިލްވާނެވެ. ރިލުވާން ޔޫސުފެވެ. އާއްމު ނަމަކީ ސައިއްޓޭ އެވެ. ސައީދު ކިޔާމީހަކަށް ސައިއްޓޭ ކިއުމަކީ މިހާރުގެ ގޮތެކެވެ. ސުވާލަކީ ވަނަން ކިޔާފައި ހުންނަނީ މީހާގެ ނަމާ ގުޅުވައިގެން ކަމަށްވެފައި ރިލުވާނު ކިޔާ މީހަކަށް ސައިއްޓޭ ކިޔަނީ ކީއްވެގެން ހެއްޔެވެ.

”އެންމެ ކުޑައިރުވެސް ރިލުވާނު ބޭނުންވީ ރާނާ ސިމެންތި ޖަހަން މޮޅު މީހަކަށް ވާން. އޭރު އޭދަފުށީގައި މި ފަންނުގެ އެންމެ މޮޅު އެކަކީ މިހާރު ނިޔާވެފައިވާ މިރަށު ތަރިވިދިގޭ ސައީދު ހަސަން (ސައީދުބޭ). ދެން އޭނާ ސައީދު ބޭ ހެދިގެން އަމިއްލަ އަށް ކިޔަން ފެށީ ތިމަންނައަކީ ސައީދުއޭ. ނަން ޒުވާން ކޮށްލާފައި ސައިއްޓޭއަށް ބަދަލުވީ.“ ރިލުވާނަށް ސައިއްޓޭ ކިޔުނު ގޮތް، އޭނާގެ ބޮޑުބޭބެ ހުސެން ސިރާޖް ކިޔައިދިނެވެ.

ސައީދުބޭ މެން މެންދުރަށް މަސައްކަތް ނިންމާލާފައި ގެއަށް ދާވަގުތަކީ އޭނާއަށްލިބޭ ރަނުގެ ފުރުސަތެކެވެ. އެފުރުސަތުގެ ބޭނުން ހިފަނީ ސައީދުބޭ ގެންގުޅޭ ރާނާ ހަނދި ހިފައިގެން ސައީދުބޭ ރާނަމުން ގެންދާ ފާރުން ބައެއް ގާ ނައްޓުވައިގެން އަލުން ހަމަ އެތަނުގައި ގާ ބާއްވައިގެން ރާނަން ދަސްކުރަން ފެށީ އެވެ.

ހުސެން ސިރާޖު ބުނީ ރިލުވާން ކުޑައިރުން ފެށިގެން ދެކެމުން އައި ސައީދަކަށް ނުވަތަ ސައިއްޓޭ އަކަށް ވުމުގެ ހުވަފެން ކިތަންމެ ރަނގަޅަކަށް ވެސް ހަގީގަތަކަށް ވެއްޖެ ކަމުގަ އެވެ. އޭނާ މިހާރު އެހެރީ މިދާއިރާގެ އެންމެ އުހުގައެވެ. ސައީދުބޭ ދުނިޔޭގައި ހުރި ނަމަވެސް އަތުނުވެވޭހާ އުހުގަ އެވެ.

މިހާރު އެއީ އެންމެންގެ ސައިއްޓޭ އެވެ. އޭދަފުށީގެ ޒުވާން މޭސަން އެވެ. އޭދަފުށީގައި އުސްވަމުން މަތިމައްޗަށް ނަގަމުން ދާ ރީތި އިމާރާތްތަކުގެ ކޮންސްޓްރަކްޝަން މަސައްކަތުގައި އެންމެ އިތުބާރުބޮޑު ޔޫވައިއާރު އިންވެސްޓްމެންޓް ގެ ޑިރެކްޓަރެކެވެ.

ކޮންސްޓްރަކްޝަން ދާއިރާއަކީ ޒުވާނުން ބޭނުންވާ އެކަމަށް އެދި ގޮވާ ދާއިރާއެކެވެ. އެކަމަކު ޝައުގުވެރިކަން ކުޑަ ދާއިރާއެކެވެ. ބިދޭސީން އަތްގަދަކުރަމުން އަންނަ މިދާއިރާ އަށް ސައިއްޓޭ ނުކުތުމަކީ އޭނާގެ ފަހަތުން އެހެން ޒުވާނުން އައުމަށް ދިން ދައުވަތެކެވެ. ދިރިއުޅުމަށް ވެސް އައި އުފާވެރި ބަދަލެކެވެ. ތިޔާގި ކަމެކެވެ. ސަރުކާރުގައި 10 އަހަރު އުޅުމަށްފަހު މި ދާއިރާ ޚިޔާރު ކުރީ އެކަމަށް ވިސްނާފަ އެވެ. ކުޑައިރުން ފެށިގެން ޕާޓްޓައިމް މަސައްކަތެއްގެ ގޮތުގައި ކުރަމުން އައި ދާއިރާއަށް ފުލް ޓައިމް ދީގެން އާމްދަނީ އިތުރު ކުރާށެވެ.

”އުމުރުން 12 އަހަރުގައި ހުސެން ސިރާޖު އާއެކު މަސައްކަތު ނުކުމެއްޖައިން. ޝައުގުވެރިކަން ހުރުމުން މޮޅު މީހުން ރާނަން ރާނާ ހަނދި ގެންގުޅޭ ގޮތާއި އެމީހުން އެމަސައްކަތް ކުރާގޮތް ރަނގަޅަށް ބަލައިގެން ރާނަން ދަސްކުރީ.“

މިހާރު އޭނާއަކީ މޮޅު މޭސަން އެކެވެ. ކޮންސްޓްރަކްޝަން މަސައްކަތުގައި ކުރިއަށް ދާހިތްވާތީ އެފަންނުގެ ތެރެއަށް ރަނގަޅަށް ވަނުމުގެ ގޮތުން އޭނާވަނީ ސިވިލް އިންޖިނޭރު ކަމުގެ ޓްރޭނިންގ ހަދާފަ އެވެ. މާލޭގެ އެންމެ ބޮޑެތި އިމާރާތްތަކުގެ ތެރެއިން ވެލާނާ ބިލްޑިންގ ފަދަ އެތައް އިމާރާތެއްގެ ސިވިލް އިންޖިނޭރު، އޭދަފުށީ ރޯޝަނީގޭ އަބްދުލް ބާރީގެ ގާތުންނެވެ.

އޭނާގެ ކަންބޮޑުވުމަކީ މި ދާއިރާގައި މަސައްކަތް ކުރާހިތްވާ ދިވެހިން ނުލިބުމެވެ.

”މަސައްކަތެއް ނުކޮށް ދެއަތް އުރާލައިގެން ތިބޭ ޒުވާނުން ފެނިފަ ހައިރާންވޭ. ފައިސާ އާއި ނުލައި އުޅެނީ ކިހިނެއް ؟ ދަރިން މައިން ބަފައިންނަށް އެހީވާން ޖެހޭ އުމުރު އަދިވެސް އެމީހުންގެ އަތުން ފައިސާ ހޯދުމަކީ ކޮންފަދަ ގޮތްކުޑަ ކަމެއް؟“ސައިއްޓޭ ސުވާލު އުފެއްދި އެވެ.

އޭނާ ބުނީ މިމަސައްކަތަށް ދިވެހިން ލިބުނަސް ކުރީގެ ދިވެހިންގެ އެހުންނަ މުރާލިކަން މިއަދުގެ ޒުވާނުންގެ ފަރާތުން ނުފެންނަ ކަމަށެވެ.

”ވަރަށް ދެރަކަމެއް އެއީ. ބިދޭސީން ގެންގުޅުމަކީ ފަސޭހަ ކަމެއް ނޫން. ބައިވަރު ގޮންޖެހުންތައް އެބަހުރި. ނަމަވެސް މަސައްކަތުގެ ދާއިރާގައި ދިވެހިންނަށް ވުރެ ބިދޭސިން ގެންގުޅެން ފަސޭހަ. ގަޑިއެއް ނުޖެހޭނެ. ވަރަށް ބަލި ނުވާނެ. ގަވާއިދުން މަސައްކަތު ނުކުންނާނެ. އެކަމަކު ދިވެހިން އެއާ ޚިލާފު.“ބިދޭސީން ާއެކު 13 މުވައްޒަފުން ގެންގުޅޭ ސައިއްޓޭ ހިތްހަމަ ނުޖެހުން ފާޅުކުރި އެވެ.

ޑިރެކްޓަރަކަށް ވިޔަސް އޭނާ އިންނަނީ އޮފީހަކު ނޫނެވެ. މަސައްކަތް ކުރާ މީހުންނާއެކު މަސައްކަތުގައެވެ. މުވައްޒަފުންނާ ދެމެދު  ވަރަށް ގާތް ގުޅުމެއް އޮވެ އެވެ. ނުރުހުން ވިޔަސް ހަޅޭއްލަވައިހެދުމެއް ނޯވެ އެވެ. ފަރުވާ ކުޑަވެގެން އެމީހުންނާ ދެކޮޅަށް ބަސް ބުނަނީވެސް މަދު ފަހަރެއްގައެވެ. ކީއްވެގެން ހެއްޔެވެ. ކުންފުނި ހިންގައިދެނީ އެމީހުން ކަމަށް ވާތީ އެވެ. އިންސާނުންކަމަށް ވީތީ ވަރުބަލި ވުމާއި މިސްޓޭކް ހެނދޭނެކަން ގަބޫލު ކުރެވޭތީ އެވެ.

މުވައްޒަފުން ގެންގުޅޭ ގޮތްވެސް އެހެން މީހުންނާ ތަފާތެވެ. އެއްވެސް މުވައްޒަފުން ގާތު މަސައްކަތްކުރަން ދާށޭ ބުނުމުގެ ބަދަލުގައި ބުނަނީ ސައިއްޓޭ ބުނަނީ އޭނާއާއެކު މަސައްކަތް ކުރަން އައުމަށެވެ.

”ދާށޭ ބުނުމާއި އަންނާށޭ ބުނުމަކީ ވަރަށް ތަފާތު ދެކަންތައް. އޭގެ ނަތީޖާވެސް ތަފާތުވާނެ. އަހަރެމެންގެ ކުންފުނީގެ ކުރިއެރުމަކީވެސް އެއީކަމަށް ދެކެނީ. “40 އަހަރުގެ ސައިއްޓޭ މުވައްޒަފުންނާމެދު ބަހައްޓާ އަޚުލާގު ކިޔައިދިނެވެ.

ސައިއްޓޭ ބުނީ މިގޮތަށް ކަންތައް ކުރުމުން މުވައްޒަފުންނާ އޭނާއާއި ދެމެދު ގާތް ގުޅުމެއް އުފެދި މަސައްކަތުގެ ކޮލިޓީ ހިފެހެއްޓުމާއި ކާމްޗޯރު ހެދުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.

ކުންފުނީގެ މަސައްކަތް ކުރިއަށް ދާއިރު އޭނާގެ ބެލުމުގެ ދަށުން ދިހައަކަށް ވުރެ ގިނަ ގެ އިމާރާތް ކޮށްފި އެވެ.

”ބިލްޑިންގ އެއްގައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރަން އެނގޭނެ. ފައުންޑޭޝަނުން ފެށިގެން ގޭ އިމާރާތުގެ ތަޅުދަނޑިއާ ހަމައަށް ހަމަ ހުރިހާ ކަމެއް ވެސް.“

ގެއެއްގައި އޭނާއަށް ނުކުރެވޭނެ މަސައްކަތަކީ ކޮބައިތޯ އަހާލުމުން ބުނީ ނުހުންނާނެ ކަމުގައެވެ.

އަދި ތިން އަހަރު ނުފުރޭ ޔޫވައިއާރު އިންވެސްޓްމެންޓް އިން ސައިއްޓޭގެ ބެލުމުގެ ދަށުން މިހާރުވެސް ހަތްބުރި އިމާރަތާ އެކު ތިން އިމާރާތުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. މަސައްކަތް ކުރަމުން ގެންދަނީ ކުންފުނީގެ އަމިއްލަ މެޝިން ތަކުގައި ޒަމާނީ ވަސީލަތްތައް ބޭނުން ކޮށްގެން ސިވިލް އިންޖިނޭރެއްގެ ބެލުމުގެ ދަށުންނެވެ.

ސައިއްޓޭގެ އަމާޒާއި މުސްތަގްބަލުގެ ޗާޓު ކުރަހާފައި އޮތް ކިޔައިދެމުން ބުނީ އަދިވެސް މިއުޅެވެނީ ފެށުމުގައި ކަމަށެވެ. އަމާޒަކީ މިކުންފުންޏަކީ އޭދަފުށީ ގެ ބޭރުން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ބޮޑެތި އިމާރާތް އެޅޭވަރުގެ ބޮޑު ކުންފުންޏަކަށް ހެދުން ކަމަށެވެ.

”ކުރިއަށްވެސް މިއަހަރު ނިމެންދެން ކުރާނެ މަސައްކަތް އެބަހުރި. ކުންފުނީގެ މާލީ ހާލަތު ރަނގަޅު ވަމުން ދަނީ. އަޅުގަނޑުމެންގެ ހިތްވަރު އެބަހުރި. އިރާދަކުރެއްވިއްޔާ މި ހުވަފެން ލަހެއް ނުވެ ހަގީގަތަކަށް ވާނެ. ބޭނުންވަނީ ކުރިމަގުގައިވެސް މި ދާއިރާއިން ދެވެން ހުރި އެންމެ މައްޗަކަށް ދިޔުން. “ދެބެއިންގެ ހިތްވަރުން ނަގާ ކޮޅަށްޖެހި ވިޔަފާރި އާއި މެދު ސައިއްޓޭގެ އުއްމީދަކީ އެއީ އެވެ.

 

 

 

 

 

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top