ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން، ޕްލޭނިން މިނިސްޓްރީއަށް ހުށައަޅާތާ ތިން މަސްވުމުން މިނިސްޓްރީން ފާސްނުކުރިޔަސް ފާސްވާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މިއަދުގެ ރައްޔިޔުންގެ މަޖިލީހުގެ ޖަލްސާގައި، ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ހަދައި ޕްލޭނިން މިނިސްޓްރީއަށް ފޮނުވާތާ އެތައް ދުވަހެއް ވާއިރުވެސް މިނިސްޓްރީން އެ ފާސްނުކުރާތީ ރަށްރަށުން ކަންބޮޑުވުން ފާޅުކުރަމުން ދާކަމަށާއި އެހެންކަމުން އެންމެ އަވަހަށް ލޭންޑް ޔޫސް ޕްލޭން ފާސްކުރެވޭނެ މުއްދަތަކީ ކޮބައިތޯ ނޮޅިވަރަމު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވަނީ މިނިސްޓަރާއި ސުވާލު ކުރައްވާފަ އެވެ.
ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ލޭންޑް ޔޫސް ޕްލޭން ހަދައި މިނިސްޓްރީއަށް ހުށައެޅުމަށްފަހު ތިންމަސް ވާއިރު މިނިސްޓްރީން އެ ޕްލޭން ފާސް ނުކުރި ނަމަވެސް ފާސްވާނެ ކަމަށެވެ.
”ގާނޫނު ގައި އޮންނަނީ އެހެން. ތިންމަސްވީމާ ހުށައެޅީމާ ފާސް ނުކުރިޔަސް ފާސްވީ. އެއާއެކު ކުރިއަށް ދާންވީ“
އެހެންކަމުން އެއްވެސް ރަށަކުން ލޭންޑް ޔޫސް ޕްލޭން ހުށައެޅުމަށްފަހު ތިންމަސް ވެގެން ދާއިރު ވެސް މިނިސްޓްރީގެ ޖަވާބެއް ނުލިބޭނަމަ އެއާއެކު ކުރިއަށް ދެވޭނެކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.