ތުޅާދޫ ކައުންސިލްގެ އަޑުގަދަކުރާއިން ގޮވާ އިސްތިހާރު، އިޢްލާންގެ އަކުރަކަށް 25 ލާރި!

20182661_10155037267588402_1921997698_n.jpg

އޭދަފުށީ ކައުންސިލުން އާންމު ރައްޔިތުންނަށް އަންގަންޖެހޭ އެންގުމެއް އަޑުގަދަކުރާ ބޭނުންކޮށްގެން ގޮވަނީ. ތުޅާދޫ ކައުންސިލުންވަނީ އަޑުގަދަކުރާ ބޭނުންކުރުމަށް އެޫސޫލުތަކެއް ހަމަޖައްސާފައި / ފޮޓޯ: އޭދަފުށީ ވޮއިސް

ބ.ތުޅާދޫ ކައުންސިލް އިދާރާގައި ބަހައްޓާފައިހުންނަ އަޑުގަދަކުރާއިން އިސްތިހާރު، އިއުލާނު، އެނައުންސްމަންޓްފަދަ ތަކެތި ގޮވާދިނުމަށް އަކުރަކަށް 25 ލާރި ނެގުމަށް ތުޅާދޫ ކައުންސިލުން ނިންމައިފިއެވެ.

ތުޅާދޫ ކައުންސިލުން މިގޮތަށް ނިންމީ 2017 ޖުލައި 13 ވަނަ ދުވަހު ބޭއްވި ތުޅާދޫ ކައުންސިލްގެ 03 ވަނަ ދައުރުގެ 05 ވަނަ އާއްމު ޖަލްސާގައެވެ.
 
އެދުވަހު ކައުންސިލުން ފާސްކުރި ތުޅާދޫ ކައުންސިލްގެ އިދާރާގެ އަޑުގަދަކުރާއިން ތަކެތިގޮވާދިނުމުގެ އުސޫލު ވަނީ އަޑުގަދަކުރާއިން ތަކެތި ގޮވާދޭނީ، ގޮވަން ބޭނުންވާ އެއްޗެއް ލިޔެ، ޒިންމާވާ ފަރާތުގެ ސޮއި ނުވަތަ ތައްގަނޑު ޖެހުމަށްފަހު ކައުންސިލަށް ހުށަހެޅުމުންނެވެ. މި ގޮތުން ގޮވުމަށް ހުށަހަޅާ ތަކެތި ތުޅާދޫ ކައުންސިލް އިދާރާއަށް ހުށަހެޅޭނީ ރަސްމީ ދުވަސް ދުވަހު ހެނދުނު 08:30 އާއި މެންދުރުފަހު 01:30 އާއި ދެމެދުގައެވެ.

ތުޅާދޫ ކައުންސިލުން ބުނީ ހުށަހަޅާ ތަކެތި ގޮވާދިނުމަށް ހަމަޖެހިފައި ވަނީ ހުށަހަޅާ ޓެކްސްޓްގައިވާ ކޮންމެ އަކުރަކަށް 25 ލާރި ރޭޓުން ފައިސާ ކައުންސިލަށް ދެއްކުމުންކަމަށް އެ އުޞޫލުގައި ބަޔާން ކޮށފައިވެއެވެ. އަދި މިފަދަ ތަކެތި ގޮވާ ދޭނީ ގިނަވެގެން 05 ފަހަރުއެވެ.

ނަމަވެސް މިއުޞޫލުގައި ދައުލަތުގެ މުއައްސަސާތަކުންނާއި، %100 ރައްޔިތުން ހިއްސާވާ ކުންފުނިތައް ނުހިމެނޭކަމަށް އެކައުންސިލުން ބުނެއެވެ. އެފަދަ ތަނަކުން ގޮވުމަށް ގެންނަ ލިޔުންތައްކަށް ފައިސާއެއް ނުނަގާނެއެވެ. އަދި މީހެއްގެ މުދަލަށް ފުރާނައަށް ގެއްލުމެއްވާފަދަ ކަންކަމުގައާއި، ޤުދުރަތީ އަދި މޫސުމީގޮތުން ދިމާވާ ނުރައްކާތެރި ހާލަތްތަކުގައި އަޑުގަދަކުރާއިން ގޮވާދިނުމަށް އެދޭ ތަކެއްޗަށްވެސް ފައިސާއެއް ނުނަގާނެއެވެ.

ތުޅާދޫ ކައުންސިލުން އަޑުގަަދަކުރާ ބޭނުންކުރާނެ އުސޫލުތައް ފާސްކޮށް ގަވާއިދެއް ހެދިއިރު މިއީ ބ. އަތޮޅުގެ ކައުންސިލަކުން މިފަދަ ކަމަކަށް ގަވާއިދެއް ހެދި ފުރަތަމަ ފަހަރުކަމަށް މައުލޫމާތު ލިބެއެވެ. އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް އަންގަންޖެހޭ މުހިއްމު އެންގުންތައް އެންގުމަށް ބ. އަތޮޅުގެ ގިނަ ރައްރަށުގެ ކައުންސިލްގެ އިމާރާތުގައި އަޑުގަދަކުރާއެއް ހަރުކޮށްފައިހުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top