މަޖިލީހުން އިސްތިއުފާ ދީފާނެކަމަށް ބުނެ، ސަލީމްގެ ހަމަލަތަކެއް ސަރުކާރަށް!

saleem.jpg

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހަށް އިންތިޚާބުވި އިރު ހުންނެވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން، ވަކިވުމުން ނުވަތަ ޕާޓީން ވަކި ކުރުމުން މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމް ކުރުމުގެ ކުރިން، އެ މައްސަލައިގައި އޭދަފުށީގެ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް)ގެ ބަހުގެ ހޫނު ހަމަލާތަކެއް ސަރުކާރަށް ފޮނުވައި، މަޖިލީހުން އިސްތިއުފާ ދީފާނެކަމަށް ބުނާ ވާހަކަތަކެއް ފެންމަތިވެއްޖެއެވެ.

ދައުލަތުގެ ފަރާތުން އަނިލް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައާ ގުޅޭ ގޮތުން، ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ވައިބާ ގްރޫޕްގައި މެމްބަރުންގެ މެދުގައި ދެއްކެވި ވާހަކަތަކެއްގައި ސަލީމް ވިދާޅުވިކަމަށް ރާއްޖޭގެ ނޫހެއް ކަމަށްވާ “މިހާރު” ނޫހުގައި ލިޔެފައިވަނީ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ޕީޕީއެމްގެ 15 މެމްބަރަކު އެ ޕާޓީން ވަކިވެ އަދި ވަކި ކޮށްފައިވާ އިރު، ވިޕްލައިނާ ޚިލާފުވެގެން ގޮނޑި ގެއްލޭ ނަމަ، ޕީޕީއެމްގައި ހުންނަވާކަށް ވެސް ބޭނުން ނުވާ ކަމަށެވެ.

“މިހާރު ވެސް އިސްތިއުފާ ދީފާނަން… ލިބޭ އެއްޗަކަށް ވުރެ ފަސް ގުނަ އިތުރަށް ޚަރަދުކޮށްގެން މިއުޅެނީ،” ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީގެ ދާއިރާގެ މެމްބަރުކަމުގެ ދެ ވަނަ ދައުރު ގުނަމުން އަންނަ ސަލީމް ވިދާޅުވިކަމަށް ލިޔެފައިއެވެ.

އޭނާ ވައިބާ ގުރޫޕްގައި ވިދާޅުވިކަމަށް “މިހާރުގައި” އިތުރަށް ލިޔެފައިވަނީ ޕީޕީއެމްގެ ޕީޖީ ގުރޫޕް އޮތީ ރައީސް އަބްދުﷲ ޔާމީނާއެކު ކަމަށާއި އެކަމަކު އެއްވެސް ފަރާތަކުން ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލަން މަސައްކަތް ކޮށްގެން ނުވާނެ ކަމަށެވެ. އަދި އެކަމަށް ތާއީދު ކުރައްވާ މެމްބަރުންނަށް އަމާޒު ކުރައްވައި ސަލީމް ކުރެއްވީ ސުވާލެކެވެ.

“ރަނގަޅޭ ބުނާ މީހުން ކޯޗެއް އެނގިގެންތޯ ތި ރަނގަޅޭ ބުނަނީ.”

ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާނަށް އަމާޒު ކުރައްވައި ސަލީމް ވިދާޅުވީކަމަށް މިހާރުގައި ވަނީ “ނިހާން ތީ ބޯ ހަމަ މީހެއްތޯ؟،” އެވެ.

އިތުރަށް ސަލީމް ވިދާޅުވިކަމަށް އެނޫހުގައި ލިޔެފައިވަނީ އެޓާނީޖެނެރަލް އަނިލްއަކީ ތަސައްރަފު ނުފުދޭ ކުޑަކުއްޖެއްކަމަށާ، މިކަހަލަ މީހުން ސަރުކާރުން ބޭރުކުރަންވީކަމަށެވެ.

“އޭޖީ އަނިލް އަކީ ތަސައްރަފު ނުފުދޭ 12 އަހަރުން ދަށުގެ ކުޑަކުއްޖެއް. މި ކަހަލަ ލަފާދޭ މީހުން އެއީ ކަނޑުކޮހުން. މި ކަހަލަ މީހުން މިހާރުން މިހާރަށް ބޭރުކުރަން ވީ،” ސަރުކާރަށާއި ޕީޕީއެމްގެ އެކި ކަންކަމަށް ފާޅުގައި ފާޑުވިދާޅުވަމުން ގެންދަވާ ސަލީމް ވިދާޅުވި އެވެ.

ބައެއް ވަޒީރުންނަށް ނިސްބަތް ކުރައްވައި ސަލީމް ވިދާޅުވިކަމަށްވަނީ އެއީ “މިތަން ހަލާކު ކުރާ މީހުން” ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ފައިސާ ދީގެން މެމްބަރުން “ގަންނަ” ކަމަށް މެމްބަރަކު ވައިބާ ގުރޫޕްގައި ވިދާޅުވި އެއްޗަކާ ގުޅިގެން ސަލީމް ވިދާޅުވިކަމަށް ބުނެފައިވަނީ “ކުރިން މީހުން ގަތީ ވެސް އަޅުގަނޑުމެން” ކަމަށާއި މިހާރު ދައްކަނީ ކޮން ވާހަކަތަކެއް ކަމަށެވެ. އަދި ދެކޮޅު ޖެހޭ ވާހަކަ ދެއްކުމަށާއި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގައި ތިއްބަވަނީ މޮޔައިން ކަމަށް ނުހެދުމަށް ސަލީމް އެދިވަޑައިގަތެވެ.

ޕީޕީއެމްގެ ޕާލަމެންޓްރޫ ގުރޫޕުގެ ވައިބާގައި ސަލީމް ސަރުކާރަށާއި ޕީޕީއެމަށް ކެނޑިނޭޅި ފާޑު ވިދާޅުވަމުންދާ އިރު، އެ ޕާޓީގެ ވައިބާ ގްރޫޕް ވެސް މިދިޔަ ހުކުރު ދުވަހު ހޫނުވެ، ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވަނީ އޭނާ އަށް ބަހުގެ ހަމަލާތަކެއް ދެއްވައިފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top