“ތިން ރައީސުންގެ” ދައުރުގައިވެސް ނުނިމުނު މިސްކިތުގެ މަސައްކަތް އަނެއްކާވެސް ފަށައިފި

19732178_469737993376874_1139382805641368852_n.jpg

ކިހާދޫގައި އިމާރާތް ކުރަމުންދާ އާމިސްކިތް. މިމިސްކިތުގެ މަސައްކަތް މިހާރު ފެށިގެން ކުރިޔަށްދާކަމަށް ކިހާދޫ ކައުންސިލުން ބުނޭ / ފޮޓޯ: ޑެއިލީ ކިހާދޫ

ތިންރައީސުންގެ ދައުރުގައިވެސް ނުނިމުނު ބ. ކިހާދޫގައި އަލަށް އަޅަމުންގެންދާ މިސްކިތުގެ މަސައްކަތް އަނެއްކާވެސް ފެށިގެން ބާރަށް ކުރިޔަށް އެބަދާކަމަށް ކިހާދޫ ކައުންސިލުން ބުނެފިއެވެ.

ކިހާދޫގައި 300 މީހުންގެ ޖާގައިގެ އާމިސްކިތެއް އެޅުމުގެ މަސައްކަތް ފެށީ ރައީސް ނަޝީދުގެ ވެރިކަމުގެ ދައުރުގެ ތެރޭގައެވެ. އޭރު އެމަސައްކަތް ވަކިވަރަކަށް ކުރުމަށްފަހު ހުއްޓި ގިނަދުވަސްތަކެއް ހުރުމަށްފަހު، ރައީސް ޔާމީންގެ ދައުރުގައި އެމިސްކިތުގެ މަސައްކަތް ފަށާފައިވަނީ ދެހާސް ފަނަރަވަނަ އަހަރުކަމަށް ކިހާދޫ ކައުންސިލުން ބުނެއެވެ. ނަމަވެސް މަސައްކަތުގެ ފެންވަރު ދަށްވުމާއި، ތަފާތު އެކިއެކި ސަބަބުތަކާހުރެ އަނެއްކާވެސް މިސްކިތް މަރާމާތުކުރުން މެދުކަނޑާލާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުކަމަށް ކިހާދޫ ކައުންސިލުން ބުނެއެވެ.

ކިހާދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ އަބްދުﷲ ނަސީމް އީވީއަށް ވިދާޅުވީ މިސްކިތުގެ މަސައްކަތް އަމިއްލަ ފަރާތަކާ ހަވާލުކޮށްގެން ފެށުނީ ރޯދަމަހުގެ ފަހުން ކަމަށާ، މިސްކިތުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް ދާކަމަށެވެ. އޭނާ ވިދާޅުވީ މިސްކިތުގެ މަސައްކަތް އަންނަ ބޮޑުއީދާ ހަމައަށް ނިމުމަކާ ގާތަށް ދާނެކަމަށެވެ.

“ވަރަށް ބާރަށް އެބަދޭ މިހާރު މަސައްކަތް. ދެން ވަރަށް އުފާވޭ މިހާރު އެކަން ދާގޮތުން. އަޅުގަނޑަށް ލަފާކުރެވެނީ ބޮޑު އީދާ ހަމައަށް ނިމުމަކަށް އަންނާނެކަމަށް. މުޅިން ނިންމާލެވޭނީ އީދުފަހުން ކަންނޭގެ”

ނަސީމް ވިދާޅުވީ މިވަގުތު އެރަށުގައި ރައްޔިތުން ނަމާދުކުރުމަށް ބޭނުންކުރާ މިސްކިތަކީ ވަރަށް ކުޑަ، އަދި ދުވަސްވީ މިސްކިތެއްކަަމަށާ، މިސްކިތް ބާވުމުގެ ސަބަބުން މަރާމާތުކޮށް ބެލެހެއްޓުމަށްވެސް ދަތިވެފައިވާކަމަށެވެ.

“ވަރަށް ކުރީގެ މިސްކިތެއް މިއީ، އަނެއްކާ މަރާމާތުކޮށްގެންވެސް މިހާރުގެ މިސްކިތް ބެލެހެއްޓޭވަރެއްނޫން. ކުލަފޮޅުމާ، ވެލިފޭބުން ކަހަލަ ކަންކަން މިހާރު ވަރަށްބޮޑު. ދެން އެނޫންގޮތެއް ނެތީމަ ނަމާދު މިކުރަނީ އަދިވެސް މިމިސްކިތުގައި”

ނަސީމް ވިދާޅުވީ ފައްސަތޭކައެއްހާ މީހުންގެ އާބާދީއެއް އޮންނަ އެރަށުގެ ރައްޔިތުންނަށް އާމިސްކިތް ލިބުމާއެކު، ޖާގައިގެ ދަތިކަން މުޅިން ހައްލުވެގެންދާނެކަމަށެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top