މަޖިލީހަށް މިއަދު ވަޑައިގަތީ 22 މެންބަރުން. ނަޝީދު ކަންބޮޑުވެފައި

b_HhmmV33ZKgTvYmvAQRGZ6USEs.jpeg

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --ފޮޓޯ :މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު ފެށިއިރު ހާޒިރުވީ މެންބަރުންގެ އަދަދު މަދުވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރުހުންވެ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ޖުމުލަ 87 މެންބަރުން ހިމެނޭ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށިއިރު ހާޒިރުވެ ތިއްބެވީ ޖުމުލަ 22 މެންބަރުންނެވެ.

”އެއީ ވަގުތު ފަހަނައަޅާ ދިއުމަށްފަހު، ރަނގަބީލު ޖެހުމަށްފަހުވެސް ހާޒިރުވީ މެންބަރުންގެ އަދަދު،” ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކޮށްފައިވާ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުން ވެސް ޖަލްސާއަށް ވަޑައި ނުގަންނަވާތީ ރައީސް މުހައްމަދު ނަޝީދު ރިޔާސަތުގައި އިންނަވާ މި މައްސަލަ ފާހަގަ ކުރެއްވި މިއީ ދެވަނަ ދުވަހެވެ.

މަޖިލީހުގެ ކޮންމެ މެންބަރެއްގެ މުސާރަ އިންތިހާއަށް ބޮޑު ކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ ކޮމިޓީތަކުގެ މެންބަރުންނަށް އަދި އެއަށް ވުރެ ގިނައިން ލިބޭ ކަމަށެވެ. އަދި ކޮންމެ މެންބަރެއް މުސާރައިގެ ގޮތުގައި 80،000 އަށް ވުރެ ގިނައިން ގެއަށް ގެންދާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މެންބަރުން އިންތިހާބުކޮށްފައިވަނީ ރައްޔިތުންގެ ވަކީލުންގެ ގޮތުގައި މަޖިލީހުގައި ތަމްސީލު ކުރުމަށް ކަމަށެވެ. އަދި މަޖިލީހަށް މެންބަރުން ވަޑައިނުގަތުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ އެޖެންޑާގައި ރިޔާސަތުން އަންގާ އެންގުމުގެ ފުރުސަތުގައިވެސް ނަޝީދު ވަނީ މެންބަރުން މަޖިލީހަށް ހާޒިރުވުމަށް އެދިވަޑައިގެންފަ އެވެ.

އިއްޔެގެ ޖަލްސާ ފެށިއިރު ހާޒިރުވެ ތިއްބެވީ 28 މެމްބަރުންނެވެ. ގިނައިން މަޖިލީހުގެ ގޮނޑިތައް ފެންނަނީ ހުހަށް ހުއްޓަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top