ރާއްޖޭގައި ގުރުއާނާއި އަރަބި ކިޔަވައިދޭން އިންޑިއާ ޓީޗަރުން

b_QXLLhX9fm2CShGIZqLhu7ByqM.jpg

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރު ސަންޖޭ ސުދީރު ، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އަދި ހެލްތް މިނިސްޓަރ އަހުމަދު ނަސީމް --- ވަން ފޮޓޯ: މުހައްމަދު އައުޒަމް

އިންޑިއާއިން ރާއްޖެއަށް ފޮނުވާ ގުރުއާނާއި އަރަބި ކިޔަވައިދޭ ޓީޗަރުންގެ ފުރަތަމަ ބެޗު މިހާރު ރާއްޖެ އައިސްފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން މިއަދު ރިޕޯޓްކޮށްފިއެވެ.

އިންޑިއާގެ “ދަ ހިންދޫ” ނޫހުގައި ބުނެފައިވާ ގޮތުން ރާއްޖެ އާއި އިންޑިއާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ގުރުއާނާއި އަރަބި ކިޔަވައިދޭ ޓީޗަރުންގެ ފުރަތަމަ ބެޗު މިހާރު ރާއްޖެ އައިސްފައިވާ ކަމަށެވެ. އެމީހުން އައިސްފައިވަނީ އިންޑިއާގެ ކެރަލާ ސްޓޭޓުންނެވެ. އަދި އެމީހުން ފޮނުވާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީން ބުނެގެން ކަމަށްވެސް އެ ނޫހުގައިވެއެވެ.

މި ޓީޗަރުން ރާއްޖެ ގެނެސްފައި ވަނީ އިންޑިއާގެ ރެކްރޫޓްމަންޓް އެޖެންސީއެއް ކަމަށްވާ ޑިޕާޓްމެންޓް އޮފް ނޮން ރެސިޑެންޓަލް ކެރެލައިޓްސް (ނޮރްކާ) ރޫޓްސް މެދުވެރިކޮށެވެ. މީގެ އިތުރުން ރާއްޖެއަށް ޑޮކްޓަރުންނާއި ނަރުހުން ހޯދުމުގެ މެދުވެރިއަކަށްވެސް ހަވާލުކޮށްފައިވަނީ ނޮރްކާ ރޫޓްސްއާއެވެ.

ނޫހުގައި ވަނީ ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލަކަށް ނަރުހުން ހޯދުމުގެ މަސައްކަތް ނޮރްކާއިން މިހާރު ފަށާފައިވާ ކަމަށާއި ހެލްތު މިނިސްޓްރީން ބޭނުންވެގެން ހޮސްޕިޓަލުތަކާއި ހެލްތު ސެންޓަރުތަކަށް ބޭނުންވާ 400 ސިއްހީ ހިދުމަތްތެރިން ވެސް ހޯދަމުން އަންނަ ކަމަށެވެ.

ހެލްތު މިނިސްޓްރީން ބޭނުން ވަނީ 100 މެޑިކަލް އޮފިސަރުންނާއި 150 ރެޖިސްޑާޓް ނަރުހުންނާއި 100 ސްޕެޝަލިސްޓް ޑޮކްޓަރުން ކަމަށެވެ. ކޮވިޑްގެ ސަބަބުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ މި މި ސިއްހީ ހިދުމަތްތެރިންނާ އެކު ސިއްހީ ދާއިރާއަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބޭނެ ކަމަށް ވެސް އެ ނޫހުގައިވެއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގެ ޑެޕިއުޓީ ހައި ކޮމިޝަނާ ރޯހިތު ރަތީޝް ދަ ހިންދޫ އަށް ވިދާޅުވީ މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ވަރުގަދަ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރައްވާ މަސައްކަތުގެ ދަށުން ފެއްޓެވި މަސައްކަތެއް ކަމަށާއި ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި މި ދެގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގޮސްފައިވާ ކަމަށެވެ.

ކޮވިޑުގެ ހާލަތަށް އެހީވުމަށް މި މަސް ނިމުމުގެ ކުރިން 100 ނަރުހުންނާއި 40 ޑޮކްޓަރުން ބޭރުން ގެނެވޭނެ ކަމަށް ރައީސް ސޯލިހު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top