ދޮންފަނު އާއިންޖީނުގޭގެ 50އިންސައްތަ މަސައްކަތް ނިމިއްޖެ

IMG-54c34454ebfcea38d107b4e0811b1c92-V.jpg

ދޮންފަނު އާއިންޖީނުގޭގެ މަސައްކަތް ނިމިފައިވާވަރު ދައްކާދޭ ފޮޓޯއެއް. މިމަސައްކަތުގެ ފަންސާސް ޕަސެންޓް ނިމިފައިވާކަމަށް އެރަށު އިންޖީނުގެއިން ބުނޭ / ފޮޓޯ: އޭދަފުށި ވޮއިސް

ދޮންފަނުގައި ފެނަކައިން އިމާރާތް ކުރަމުން އަންނަ އާއިންޖީނުގޭގެ ފަންސާސް އިންސައްތަ މަސައްކަތް ނިމިއްޖެކަމަށް ފެނަކަ ދޮންފަނު އިންޖީނުގެއިން ބުނެފިއެވެ.

ދޮންފަނު އިންޖީނުގެއިން ބުނީ ސެންޓިކަސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިޔަށްދާ މިމަސައްކަތުގެ ދަށުން އިންޖީނުގޭގެ އިމާރާތްތަކުގެ ރޭނުމާއި ކޮންކްރީޓް މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. އެއިންޖީނުގޭގެ ޑެޕިއުޓީ މެނޭޖަރ ހަނީފް އިބްރާހީމް ވިދާޅުވީ ރަށުގެ އިރުމަތީ ކޮޅުގައި ހަދަމުންއަންނަ އިންޖީނުގޭގެ މަސައްކަތް އަންނަ ޑިސެމްބަރމަހުގެ ތެރޭގައި ނިންމުމަށް ކޮންޓްރެކްޓަރ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

“މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިޔަށްދަނީ، ވިއްސާރަވުމާ ގުޅިގެން ޑިލޭތަކެއްވެސް ވެއްޖެ. އެކަމަކުވެސް އަޅުގަނޑު ދަންނަވާނީ އަންނަ މަސް ތެރޭގައި އާއިމާރާތް އެކީ ނިންމާލެވޭނެކަމަށް.” ހަނީފް ވިދާޅުވިއެވެ.

ހަނީފް ވިދާޅުވީ އާ އިންޖީނުގޭގައި އޮފީސް އިމާރާތަކާއި، 3 ބެޑްގެ އިންޖީނު ރޫމްއެއް އަދި 25000 ލިޓަރުގެ ޑީސަލް ރައްކާކުރާ ޓޭންކެއް ގާއިމްކުރެވޭނެކަމަށެވެ.

ދޮންފަނުގެ މިހާރުގެ އިންޖީނުގެއަކީ ރައްޔިތުންގެ ގޯއްޗެއްގައި މީގެ ވިއްސަކަށް އަހަރުކުރިން އެރަށު ރައްޔިތުން ހިންގަންފެށި އިންޖީނުގެއެކެވެ. ރަށުގެ މެދުތެރޭގައި ހުރި މިއިންޖީނުގެއިން އަޑުގަދަ ވުމާއި، ކާބަންގެ އަސަރު ކުރަމުންދާތީ އެސަރަހައްދުގައި ދިރިއުޅޭ މީހުންނަށ ބޮޑެތި ދަތިތައް ކުރިމަތިވާކަމަށް ދޮންފަނު ކައުންސިލުން ކުރިން ބުނެފައިވެއެވެ.

ފެނަކަ ކޯޕަރޭޝަނުން ބ. އަތޮޅުގެ އިތުރު ރަށްރަށުގައިވެސް އިންޖީނުގެތައް ރީލޮކޭޓް ކޮށް އާއިންޖީނުގެތައް އެޅުމުގެ މަސައްކަތް ހަލުވި ސްޕީޑެއްގައި ދަނީ ކުރަމުންނެވެ. އެގޮތުން ހިތާދޫ އާއިންޖީނުގޭގެ މަސައްކަތް ފެށިގެން ކުރިޔަށްދާއިރު، ފުޅަދޫ އިންޖީނުގޭގެ މަސައްކަތް މިމަހުތެރޭގައި ފެށޭނެ ކަމަށް ވެއެވެ. އަދި އޭދަފުށީ އިންޖީނުގޭގެ އިންޖީނު ރޫމް ބޮޑުކޮށް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ފެނަކައިން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top