ނޮވެމްބަރު 3 : ބައެއް މީހުން މަރުވެދިޔައީ އަހަރެންގެ ކުރިމަތީގައި – މުފީދު

މުފެެދ.jpg

ނޮވެމްބަރު 3ގައި، މުފީދު ތަޖްރިބާ ކުރި ހާދިސާ އިވީއަށް ކިޔައިދެނީ --ފޮޓޯނ :އީވީ

1988ގެ ނޮވެމްބަރު3 ގެ ބިރުވެރި ހާދިސާ ހިނގައިދިޔައީ އޭނާގެ ދިމާ ކުރިމަތީގައެވެ. ދައްކަވަން ހުރި ތަނެއް ދައްކަވާނެއޭ ބުނާހެން ދިމާވި އިއްތިފާގެކެވެ. އަމާންކަމާ ހިމޭންކަމުގެ ސުވަރުގެއެއް ފަދަ މި ދިވެހި ޖައްވު އެރެއާ އެދުވަހު ގުގުމަގުން ދިޔައީ އޭގެ ކުރިން ތަޖްރިބާ ކުރެވިފައި ނެތް، ބަޑިއާއި ބޮމުގެ ގަދަ އަޑުފައްގަނޑުން ރައްޔިތުންނަށް ބިރު ދައްކަމުންނެވެ. މިފަދަ އުދުވާނީ ހަމަލާއަކަށް ދިވެހިން ތިބީ ތައްޔާރުވެގެން ނޫނެވެ. އަދި ކީއްހެއްޔެވެ. ދިވެއްސަކު ހުވަފެނަކުން ވެސް ދެކޭނެ ކަމަކަށް ނުވާނެއެވެ.

ބ.ދަރަވަންދޫ އައްސޭރި، އަބްދުﷲ މުފީދު ވެސް ބުނީ އެހެންނެވެ. ދުވަހަކުވެސް މިފަދަ ކަމަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ހީނުކުރާ ކަމުގައެވެ. އެހެންނަމަވެސް މި އުދުވާނީ ހާދިސާގެ ބޮޑުބައި އަނިޔާވެރި އިނގިރޭސި ފިލްމެއްހެން ހިނގައިދިޔައީ އޭނާގެ ކުރިމަތީގައެވެ. ހާދިސާއާ ކުރިމަތިލާން ޖެހުނު ގޮތް އޭދަފުށީ ވޮއިސްއަށް އޭނާ ކިޔައިދެމުން ދިޔައެވެ.

އެއީ މީގެ 30 އަހަރު ކުރީގެ ނޮވެމްބަރު މަހުގެ 2ވަނަ ދުވަހެވެ. އުމުރުން 28 އަހަރުގެ މުފީދު މާލެ އައީ އޭނާގެ ބަފައިބެ ދުއްވަމުންދިޔަ ދޯންޏެއްގެ އިންޖީނު ހަދަން ބޭނުންވާ ސްޕެއަރ ގަތުމަށެވެ. ދޯނީގައި ދަތުރު ކުރީ ބަފައިބެއާ، މަޖީދުގެ އަންހެނުންނާ އެއްބަނޑު ފިރިހެނަކާއެކު ޖުމްލަ 3 މީހުންނެވެ. މާލެއިން ސްޕެއާ ގަތުމަށް ފަހު ފިހާރައަކު ބެހެއްޓީ އެފިހާރަ ވެރިޔާގެ އެދުމަކަށް ދަރަވަންދޫގައި އޭނާ ހިންގާ ފިހާރައަކަށް ފޮނުވާ މުދާ ކޮޅަކާއެކު ދޯންޏަށް ގެންދިއުމަށެވެ. ރަށަށް ދާން ނިންމާފައި އޮތީ 3ވަނަ ދުވަހު ފަތިހު އެވެ.

ތިން މީހުންވެސް ދޯނީގައި އަރާމުގައި ނިދާފައިތިއްބާ ހޭލައްވާލީ ބަޑީގެ އަޑުންނެވެ. ތަންކޮޅެއް ދުރުގައި އޮތް ބަފައިބޭ، އެއީ ކޮން އަޑެއްތޯ އެހުމުން މުފީދު ބުނީ ހީވަނީ އެއީ ނޮވެމްބަރު 11އަށް ހަދާ ޓްރޭނިންގ އެއް ހެންނެވެ. އެހެންނަމަވެސް ކަންތައްތަކެއް އެބަ ހިނގާކަން ޔަގީންވީ ފަތިހު އިރުއަރާ އަލިވި ފަހުންނެވެ.

“ފެނިއްޖެ ގޮޅިޖެހި ގަމީސް ލާފައި ތިބި ބަޔަކު. ޓައިގަރުންނޯ އެއީ. އޭރަކު ނޭނގެ އެއީ ކޮން ބައެއް ކަމެއް. ފަހުން އެނގިއްޖެ ވެގެން އުޅޭ ގޮތްވެސް. ފަޅުއޮޑި ފަހަރުގަ ތިބި މީހުން ކިޔަން ފަށައިފި ރާއްޖެއަށް މި އުޅެނީ، ބާޣީން އަރައިގެންނޭ. ހަނގުރާމަވެރި ވެރި ބަޔަކު އައިސްގެން ބަޑި ހިފައިގެންނޭ އުޅެނީ.” މުފީދު ބުންޏެވެ.

ކަންހިނގާ ގޮތް ބަލާހިތުން ބައެއް ދޯނި ފަހަރުގެ މީހުންތައް އެއްގަމަށް ފޭބި ނަމަވެސް މުފީދު މެން ތިބީ ދޯނީގައެވެ.

އޭރު ކަސްޓަމް ސަރަހައްދުން ފެށިގެން ބާޣިން ފަހަތުގައި ތިބެގެން ދިވެހީންގެ ބަޔަކު ރަހީނުކޮށް އަތްމައްޗަށް ނަގުވައިގެން އެބަ އާދެއެވެ. މުފީދުމެންގެ ދޯންޏާ އަރާ ހަމަވެފައި ބާޣީންގެ ތެރޭގައި މުގުރު ބުރިއެއް ހިފައިގެން ސޯޓު ބުރިއެއްލާފަ ހުރި ދިވެއްސަކު އެންގީ ދޯނިން ފައިބައިގެން އައުމަށެވެ. ހަތިޔާރުގެ ކުރިމަތީގައި ދެއްކޭނެ ބާރެއް ނޯންނާނެތީވެ ޖެހުނީ ރަހީނު ކޮށްފައިވާ މީހުންނާއެކު އަތް މައްޗަށް ނަގައިގެން އައުމަށެވެ. އެ އަމުރު ކުރި މީހަކީ ސަގަރު ނާސިރު ކަމެއް އޭރަކު ނޭގެއެވެ. ސަގަރޭ ކަން އެނގުނީ އައްޑޫ ބޯޓުފަހަރު އަޅާފައި އޮންނަ މިހާރުގެ އެމްއެމްއޭ އާ ހިސާބަށް އާ ދެވުމުން އެބޯޓުފަހަރުގެ މީހުން ދައްކާ ވާހަކައިންނެވެ.

ސަލާމަތްވާނެ މަގެއް ހޯދުމަށް ނާސިރު ގާތަށް މުފީދު ދިޔައެވެ. ދޯންޏަށް އޮންނާނީ ކާޑު އަރުވާ ބަރާ ކޮށްފައޭ ވަރަށް ދިޔަވެއޭ ކާޑުކޮޅު ޅައިގަ ޖެހިގެން ތެމޭނެއޭ ބުނުމުންވެސް ސަގަރޭ ގަބޫލެއް ނުކުރިއެވެ.

އުއްމީދުގެ ކުޑަ އަލިކަމެއް އޭނާގެ ވާހަކައިން ލިބުނެވެ. ބައިގަޑިއެއްހާ އިރުގެ ތެރޭގައި މިކަންތައް ނިންމާލާފައި ކަލޭމެން ފޮނުވާލާނަމޭ ބުންޏެވެ. އެކަމަކު ކަންތައް ހިނގީ އެގޮތަކަށް ނޫނެވެ. ގެންގޮސްލީ އެދުވަހުގެ އެހާދިސާގެ ފަހުން އޭނާގެ ނަން ދެވުނު (ސަގަރޭ ޕާކް) ނުވަތަ ޖުމްހޫރީ މައިދާނަށެވެ.

މުފީދުމެން އެތަނަށް ގެންދިޔައިރުވެސް ގިނަ އަދަދެއްގެ ބަޔަކު ތިބީ ގަދަ އަވީގާ ބާޣީންގެ ސަލާމަތީ އައްޑަނައަކަށް ހަދާފައި ކޮޅަށް ބައިތިއްބާފަ އެވެ. އެމަންޒަރުގެ ބިރުވެރިކަން މުފީދު ސިފަކޮށްދިނީ މި އިބާރާތަކުންނެވެ.

“އަޅުގަނޑު ދެލޮލުން ދުށިން ޒުވާނަކު ގަންނާކުރައްވާ ބިރުން އެ ހަރު ބިން ދެއަތުން ކޮނެގެން އޭނާގެ ބޯ ވަޅުލަން އިންދާ.”

އަސްލު ބިރުވެރިކަމަށް ފެނުނީ އޭގެ ފަހުން ދެފަރާތުން ހަމަލާ ބަދަލު ކުރަން ފެށުމާ ހަމައިންނެވެ. ދިވެހި ސިފައިން ބަޑިޖަހާ އިރަށް އޭގެ ރައްދުގައި ބާޣީން ވެސް ބަޑިން ރައްދު ދެއެވެ. އެމީހުން ބަޑިޖަހަން ވުމުން ސިންގަޅަ ބަހުން ކޮންމެ ވެސް އެއްޗެކޭ ގޮވާލީމާ ހުރިހާ އެންމެންނަށް ޖެހެނީ ބަނޑު ބިންމަތީގައި ޖަހައިގެން އޮށޯންނާށެވެ.

“އަޅުގަނޑުމެންގެ މަތިން ހުރިހާ ވަޒަނެއް ފޮނުވާލަނީ. މަގު މެދުގަ ބަހައްޓާފަ ހުރި ބޮޑު ރޮކެޓް ބަޑި އިރު އިރުކޮޅާ ގޮއްވާލާ. އެގަދަ އަޑުފައްގަނޑާއެކު ހީވަނީ ދުނިޔެ ގިޔާމަތްވާން އުޅޭހެން. ދުވަހަކު ލޮލުން ދުށް އެއްޗިއްސެއްވެސް ނޫން. ކޮތަޅަށް އަޅާފައިވެސް ވަޒަންތައް ހުރި ބައިވަރު. އެހަމަލާތަކުގެ ތެރޭގައި އަޅުގަނޑުމެން ކުރިމަތީގަ މީހުން މަރުވެދިޔައީ.” ވާހަކަތައް ކިޔައިދެމުން ދިޔައިރު މުފީދުގެ އަޑު މަޑުމަޑުން ބާރުވަމުން ދިޔައީ އަދިވެސް އެ ދުވަހުގެ ބިރުވެރި ހާދިސާ އާ ދުރަށް ނުދެވޭތީ ކަން ފާހަގަ ކުރެވުނެވެ.

އެހެންނަމަވެސް އެހާދިސާ ހިނގީ މިކަހަލަ ދުވަސްވަރެއްގައި ނަމަ އެގޮތަށް ހަދާނެ ގޮތެއް ނުވަތަ ކުރާނެކަމެއް ނެތިގެން އަސީރުންގެ ގޮތުގައި ތިބެން ނުޖެހުނީސްކަމުގައި މުފީދު ބުނެއެވެ. އެތަނުގައި ތިބި ހައެއްކަ މީހުން ފެންނަނީވެސް ފުދޭ ވަރަކަށް ބަލި ކޮށެވެ. އެހާލުގައި ގޮސް ފިހާރަތައް ފަޅާލައިގެން ބިސްކޯދާ ދަޅު ތައް ގެނައީވެސް އެންމެން ގޮހެވެ. ބައެއް ހަތިޔާރުވެސް ބަހައްޓާފައެވެ. މިކަހަލަ ހޭލުންތެރި ދުވަސްވަރެއްނަމަ އެ ހަތިޔާރުތަކުގެ ބޭނުން ކޮށްގެން އެވަގުތަކީ ސަލާމަތްވާނެ ފުރުސަތެކެވެ.

މުފީދުމެން އެތަނުން ސަލާމަތް ވުމަށް މޮޅު ޕްލޭނެއްވެސް ރޭވިއެވެ. ދުވެފަ ގޮސް މޫދަށް ފުންމާލައިގެން ފީނައިގެން ގޮސް އެދިމާލު ތޮށިގަނޑުން ބޭރަށް ދިއުމަށެވެ. އެރުން އެމީހުންނަށް އަތުނުޖެހި ރައްކާވެވުނީއެވެ. އެކަމަކު އަނެއް ދެމީހުން ނަށް މިގޮތަށް ކަންތައް ކުރަން އެއްބަސް ނުވެވުމުން މަޑުމަޑުން ހުންނަން ޖެހުނީއެވެ.

ހަވީރުވާން ފެށުމާއެކު އަސީރުންގެ މޫނުމަތިން ވަރުބަލިވުމާއި ކަރުހިއްކުމުގެ އަލާމާތްތައް ފެންނަން ފެށުމުން ދެން މުފީދު އުޅުނީ އެމީހުންނަށް އެހީވުމަށެވެ. ﷲގެ ކުޅަދުންވަންތަ ކަމާއެވެ. އޭނާއަށް ފެނުނީ ކޮންކްރިޓް މެޝިނަކަށް ފެންއަޅަން ވެގެން ފެންއަޅާ ފުރާފަ ހުރި ތާނގީއެއް އަތިރިމަތީގައި ހުއްޓައެވެ.

“ހެދިގޮތަކީ މީހުން ބޮއިފަ ހުންނަ ދަޅުތައް އެއްކޮށް ހުރިހާ ދަޅުތައް ބަޑުދަށު ލައިގެން ގޮސް އޭގެ ކައިރީގައި އޮށޯވެގެން އޮންނަނީ. އެހެން އޮވެގެން ފަހަރަކު ދަޅެއް ތާގީއަށް ލައިގެން ފެން ނަގައިގެން ކައިރީގައި ބަހައްޓަނީ. ދަނޑިވަޅު ލިބުނީމަ މީހުންނަށް ބަހަނީ.”

އިރު އޮއްސެން ކައިރިވީއިރު މުފީދުގެ ހަކަތަވެސް މަޑުމަޑުން ދާން ފަށައިފިހެން އޭނާ އަށް ހީވެއްޖެއެވެ. ބަނޑުހައި ކަމުގައި މުޅި ދުވަސް ހޭދަކުރަން ޖެހުމާ ރޯއަވީގައި އުޅެން ޖެހުމާވެސް އެކުގަ އެވެ. އެހެންވެ  ފާށަނާ ބިލްޑިންގ ފުރަގަހުގަ ހުރި ދަގަނޑުތަކެއްގެ މަތީގަ ޖައްސާލެވުނީއެވެ. އެހެން އޮއްވާ ނިދުނީއެވެ. އެކަމަކު ނިދޭނެ ހެއްޔެވެ. ކުޑަކުޑަ އިރު ކޮޅަކުން ހޭލެވިއްޖެ އެވެ. ވަށައިގެން ބަލާލިއިރު މަންޒަރު އޮތީ ކުރިންވެސް އޮތް ގޮތަށެވެ. މާހައުލުގައި އަނދިރިކަން ފެތުރެން ފެށިއިރު މަގުމަތީގެ ހޮޅިބުރިތައް ދިއްލެން ފަށައިފިއެވެ. އެހެނަސް ތަން އަނދިރި ކޮށް ބޭއްވުމުގެ ބޭނުމުގައި އެލައިޓްތައްވެސް ބަޑި ޖަހައިގެން އެމީހުން ނިއްވާލީއެވެ.

ނޮވެމްބަރު 3ގެ ބިރުވެރި ހާދިސާ މުފީދު، އީވީއަށް ކިޔައިދެނީ

އިންޑިއާ ސިފައިންގެ ފުރަތަމަ ފްލައިޓް ހުލުލެއަށް ޖެއްސީ މުފީދުމެން އެގޮތުގައި ތިއްބައެވެ. އޭރު ބާޣީންވަނީ އެއާޕޯޓްވެސް ނިއްވާލާފައެވެ. ފްލައިޓް ޖެއްސީ އެބޯޓުން އެއާޕޯޓަށް އަލި ކޮށްގެންނެވެ.  ކީއްކުރަން އައި ފްލައިޓެއްކަމެއް މުފީދަކަށް އަދި އެތަނުގައި ތިބި އެކަކަށްވެސް ނޭނގެއެވެ. އޭނާ ހީކުރީ ބާޣީންނަށް އެހީވާން އައި ފްލައިޓެއް ކަމަށެވެ.

“ފްލައިޓް ޖެއްސުމުން އަލީވަހީދާ ބަފައިބެ ގާތު ބުނިން ފަހު ފަހަރޭ މީ ކަލޭމެން ގާތު ބުނާ. މިހާރު އެއައީ ފްލައިޓެކޭ. ނޭގެއޭ ބާޣީންނަށް އެހީވާން ހަތިޔާރު ހިފައިގެން އައި ބައެއް ނޫން ކަމެއްވެސް. އެހެންވީމާ ސަލާމަތްވާން މަސައްކަތް ކުރަން ހިނގާށޭ. އަހަރެން މި ދުއްވައި ގަންނަނީއޭ. އެކަމަކު ދުއްވައިގަތުމަށް ފަހު ބަޑި ޖަހާ މެރިއަސް ފަހަތަށް އެނބުރި އަންނާނެ ގޮތެއް ނޯންނާނެއޭ. އެހިސާބުން ނިމުނީއޭ. މަރުވާނީ އެއް ފަހަރު އޭ. ”

ދެން ތިން މީހުންވެސް ދުއްވައިގަތީ އެވެ. ގައިގަ ހުރި ބާރަކާއެކު ދުވެފަގޮސް މުފީދު މަޑުކޮށްލީ ތިން ދޯނި ބޭރުން އަޅާފަ އޮތް އެމީހުންގެ ދޯނީގައެވެ. ނަގިލި ނަގާކަށް ނުހަދައެވެ. ދަމައިގަތީއެވެ. އަތްދަށު ދެ ވާ ވެސް އެ ހުރިތަނުން ކަނޑާލީއެވެ.

އިންޖީނު ސްޓާޓް ކުރިތަނާ އަނެއް ދެމީހުން ވެސް އައިސް ދޯންޏަށް އަރައިފި އެވެ. އެވަގުތު ވަރަށް ބައިވަރު ދޯނިތައްވެސް ކޮންމެވެސް ހިލަމެއް ވެގެން ފުރަން ވެގެން ތެޅިފޮޅި ގަތެވެ. ހުރިހާ ދޯނި ފަހަރު އެއްފަހަރާ ފުރަން އުޅުމުން އެތަނުން ނުކުތުމަށްވެސް ދަތިވި އެވެ.

“އެބޮނޑީގަ އަޅުގަނޑުމެން ދޯންޏަށް މާޅޮހު ދެމީހުން އަރައިފި. ޖެހިގެން އޮތް ދޯނިން ވެސް އިތުރު ދެމީހަކު އަރައިފި. އެތައް އުނދަގުލަކަށް ފަހު ދެމިގަނެގެން ނެރުން ނުކުތް ފަހުން ބަޔަކު ހަޅޭއްލަވައިގަތުމުން ބަލާލި އިރު ދޯނީގައި އެލިގަނެގެން ތިބި ދެ މީހުން އަހަރެމެން ނަގާށޭ މި ކިޔަނީ.”

އެމީހުންވެސް ދޯންޏަށް ލައިގެން މުފީދުގެ މާލިމީ ކަމުގައި ދަތުރު ކުރަމުން ދިޔައީ ސީދާ އުތުރަށެވެ.

ރިސޯޓުތަކާ، ރަށްރަށް އޮތީ ނިއްވާލާފައެވެ. އެއްވެސް ރަށަކުން އަލިކަމެއް ނުފެނެއެވެ. ނަމަވެސް ތުޅާގިރި އޮތީ އަލިކޮށްފައެވެ. ހަމަ އެކަނި އެރަށް އަލިކޮށްފަ އޮތުމުން މުފީދަށް ހީކުރެވުނީ އެއީވެސް ނުބައެއް ކަމުގައެވެ. އެކަމަކު އެކަމާ ފަރުވާލެއް ނުބަހައްޓައި ދަތުރު ކުރަމުން ދިޔައީ މާލެ އާ ދުރަށެވެ. ބާޣީންގެ އަތްދަށުން ސަލާމަތް ވުމަށެވެ.

މުފީދު ފުރައިގެން އެދިޔައީ ”ދުރުން އައި ބޭރު ބާޣީ ދުޝްމަނުންގެ” އަޅުވެތިކަމުގައި 12 ވަރަކަށް ގަޑިއިރު ހޭދަކޮށްފައެވެ. އެ 12 ވަރަކަށް ގަޑިއިރު ބާރަ އަހަރަށް ވެ ބާރަ އަހަރުގެ ފަހުން މިނިވަން ކަމުގެ ފުރަތަމަ ނޭވާ ލެވިއްޖެ ކަމުގެ އިހުސާސް ކުރެވުމާއެކު މިނިވަން ކަމާ އަޅުވެތިކަމުގެ ތަފާތު ވަޒަންކުރެވުނެވެ. ގައުމާމެދު ވިސްނާލަން މަޖުބޫރުވިއެވެ. ތުޅާގިރީގެ ދެކުނަށް އަޅައިގެން ހިތުފާހަގައަށް ދަތުރު ކުރަމުން މާލެއާ ދުރަށް ދަތުރު ކުރަމުން ދިޔައީ ގައުމުގެ ހާލަތާމެދު ވިސްނަމުންނެވެ. ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާއިން ސަލާމަތްވުމުގެ އުފަލާވެސް އެކުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top