އޭދަފުށީގެ ބޮޑެތި މަގުތައް ތާރުއަޅައިގެން ހެދުމުގެ މަސައްކަތް ފެށުމަށްފަހު ކާނުތަކާއެކު ވަޅުލަން ޖެހޭ ހޮޅިއާއި ކާނުތަކުގެ ސްޓޮކްވެސް ހުސްވުމުގެ ސަބަބުން މަސަައްކަތް މެދުކެނޑފައިވާތާ ދެމަހާ ކައިރިވެފައި ވަނިކޮށް މިއަދު ބޮޑު ދެދޯނި ބަރުކޮށް އެކަމަށް ބޭނުންވާ އެސްލޯން ހޮޅިތައް ހިފައިގެން އޭދަފުށްޓަށް އަތުވެއްޖެއެވެ.
އޭދަފުށީ ކައުންސިލް މެންބަރު މުހައްމަދު ރިޒާ ވިދާޅުވީ މިއަދު އައި ދެ ދޯނީގައި ހުންނާނީ 4އިންޗީގެ 375 ހޮޅިއާއި ހަ އިންޗީގެ 1557 ހޮޅިއާއި އަށް އިންޗީގެ 375 ހޮޅިކަމުގައެވެ.
ރިޒާ ވިދާޅުވީ މަގު ހެދުމުގެ މަސައްކަތަށް ބޭނުންވާ ކާނުގެ އާ ސްޓޮކެއް ވެސް އަންނަ ހަފްތާގައި ލިބޭނެކަމަށް އެމްއާރްޑީސީއިން ބުނެފައިވާ ކަމަށާއި ހޮޅިތައް ލިބުމާއެކު މާދަމާ އަލުން މަގު ހެދުމުގެ މަސައްކަތް ބާރު ސްޕީޑްގައި ފަށާނެކަމުގައެވެ.
އޭދަފުށީގެ 15 މަގު ރަނގަޅު ފެންވަރުގައި ތާރު އަޅައިގެން ހެދުމަށް އެމްއާރްޑީސީއާއި ހަވާލުކޮށްފައިވަނީ މަސައްކަތް ފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 2015 ވަނަ އަހަރުގެ ޖޫންމަހުގައެވެ. އެހެންނަމަވެސް އެކި ސަބަބުތަކާ ހުރެ މަސައްކަތް ނުފެށި ދިގުލައިގެން ދަމުންގޮސް މަސައްކަތް ފަށާފައިވަމީ ފާއިތުވި ސެޕްޓެމްބަރުމަހުގެ 30ގައެވެ.
އެމްއާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުއްރައްޒާގް ހަލީމް މި މމަހުގެ 5ގައި ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވީ މިހާރު އެމްއާރްޑީސީގެ ފަރާތުން މަދުހެދުމުގެ މަސައްކަތް ކުރިއަށްގެންދާ 11 ރަށުގެ ތެރެއިން ގިނަ ރަށްރަށުގެ މަސައްކަތުގެ 95 އިން ސައްތަ ނިމިފައިވާކަމަށާއި އަންނަ މާޗްމަހު މި 11 ރަށުގެ މަސައްކަތް މުޅިން ނިމޭނެކަމުގައެވެ.
އެމްޑީ މިހެން ވިދާޅުވިއިރު އޭދަފުށީގެ މަގުހެދުމުގެ މަސައްކަތުގައި ކުރެވިފައިވާ ހަމައެކަނި ކަމަކީ އުތުރު ފަރާތު ބަނދަރުމަގުގައި ކާނުތައް ވަޅުލުމެވެ.
ެ