ލޮކްޑައުންއަށްފަހު ކިހާދޫގެ ދަނޑުވެރިކަން ފުޅާވަމުން އަންނަކަމަށް އެރަށު ކައުންސިލުން ބުނެފި

59716030_10158511607773009_3427234583374987264_n.jpg

ކިހާދޫ ދަނޑެއްގައި ކަރާތަކެއް ބަހައްޓާފައި. އީވީ ފައިލް ފޮޓޯ މުހައްމަދު ޒުބައިރު

ކޮވިޑް 19 އާއި ގުޅިގެން މާލެ ލޮކްޑައުންކޮށް ރިސޯޓްތައް ބަންދުކުރިފަހުން ބ. ކިހާދޫގެ ދަނޑުވެރިކަން އިތުރަށް ފުޅާވެ، ދަނޑުވެރިކަން ކުރާ ޒުވާނުން އިތުރުވަމުން އަންނަކަމަށް ކިހާދޫ ކައުންސިލުން ބުނެފިއެވެ.

ކިހާދޫ ކައުންސިލްގެ ރައީސް އިބްރާހީމް ފަޒީލް އީވީއަށް ވިދާޅުވީ ދަނޑުވެރިކަން ކުރާ މީހުން އިތުރުވެ، މަސައްކަތް ފުޅާވަމުން އަންނާތީ، މިދިޔަ ޖޫންމަހު ތެރޭގައި އިތުރަށް ދަނޑުތަކެއްވެސް ދޫކޮށްފައިވާކަމަށެވެ. އޭނާ ވިދާޅުވީ މިމަސައްކަތަށް ޒުވާނުންގެ ޝައުގުވެރިކަން އުފެދިގެން ދިޔައީ ރިސޯޓްތައް ބަންދުވުމާއެކު، މިއީ ރަށުގައި ތިބެގެން އާމްދަނީ ހޯދޭނެ ގޮތެއްކަމަށް ފެނިގެންކަމަށެވެ.

“ކުރިން ދަނޑުތައް ދޫކުރަމުން އައީ އަހަރުދުވަހަށް ކޮންޓެކްޓް ކޮށްގެން. މިހާރު މިކަން ވައިގަ ހިފައިފަ އޮތީމައާވެސް އެކު މިހާރު ދަނޑުތައް މިދޫކުރަނީ ދެއަހަރަށް އެގްރީމެންޓް ހަދައިގެން. ދާއިމީކޮށް ދަނޑުވެރިކަން ކުރަމުން އަންނަ ފަރާތްތަކުގެ މުއްދަތު ހަތަރު އަހަރަށް އިތުރުވެގެންދާނެ. ދެންނެވޭނީ ގިނަ ޒުވާނުން ހަމަ މިކަމުގައި މިހާރު ޝާމިލްވެގެން އެބައުޅެއޭ” ފަޒީލް ވިދާޅުވިއެވެ.

ފަޒީލް ވިދާޅުވީ ދަނޑުވެރިކަން ފުޅާވަމުން އައުމާއެކު، މޭވާއާއި، ތަރުކާރީ މާކެޓް ކުރުމަށްވެސް އިތުރު ގޮތްތަކެއް ހޯދުމަށް ކައުންސިލާއި، ދަނޑުވެރިން ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށެވެ.

“މިހާރު ގިނަ އެއްޗެތި މިވިއްކަނީ އަތޮޅުގެ ރަށްރަށަށާއި، މާލެއަށް. އެކަމަކު ތަކެތި މާކެޓަށް ނެރުމަށް އަމިއްލަ ބަޔަކާއެކު ދަނޑުވެރިން އެގްރީމެންޓް ކުރުމާބެހޭ ގޮތުން މަޝްވަރާ ކުރެވެމުންވެސް އެބަދޭ. އަދި އެހެން މަގުތައްވެސް ބަލަމުން އެބަގެންދެވޭ. ވަރަށް އަވަހަށް ބަޔަކާއެކު އެގްރީމެންޓެއް ހެދި އުފެއްދޭ ބާވަތްތައް ގަވާއިދުން ބޭރުކުރެވެން ފަށާނެ”

ކިހާދޫ ކައުންސިލުން ބުނީ ޖޫންމަހު ދޫކުރި 44 ދަނޑާއެކު، މިވަގުތު ރަށުގައި ދަނޑުވެރިކަން ކުރާ 84 ދަނޑު އެބައޮތްކކަމަށެވެ.

ހަސަތޭކައެއްހާ މީހުންގެ އާބާދީއެއް އޮތް ކިހާދޫއަކީ ގޮއިދޫގެ އިތުރުން ބ. އަތޮޅުގައި، ދެން އެންމެ ފުޅާކޮށް ދަނޑުވެރިކަން ކުރާ މީހުން ދިިރިއުޅޭ ރަށެވެ. ކިހާދޫގައި އާންމުކޮށް ހައްދާ ބާވަތްތަކުގެ ތެރޭގައި ކަރާ، ބަށި، ބަރަބޯ، ކިއުކަމްބާ އަދި ގިތެޔޮމިރުސްފަދަ ތަކެތި ފާހަގަކުރެވެއެވެ. މިދެރަށުގެ އިތުރުން، ދަރަވަންދޫއާއި، ހިތާދޫ އަދި ކަމަދޫއަކީވެސް ދަނޑުވެރިކަން ފުޅާވަމުން އަންނަ ރައްރަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top