ކުޑަކުދިން ދިވެހި ބަހަށް ޝައުގުވެރި ކުރުވުމަށް ދިވެހި ލިޔުންތައް އިތުރުކުރުމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.
ލިޔުންތެރިކަމުުގެ ދުވަހާ ގުޅުވައި އެ މަނިކުފާނު ވިދާޅުވީ ދިވެހިންގެ އަދަބީ ތަރިކަ ރައްކާތެރިކޮށް ދިވެހި ބަސް ދިރުވައި އާލާކުރުމަށް މަސައްމަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. ކުޑަކުދިންނާއި ޒުވާނުން މިހާރަށްވުރެން އިތުރަށް ދިވެހިބަހަށް ޝައުގުވެރިކަން އިތުރު ކުރުވުމަށް ވެސް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.
“ކުޑަކުދިންނާ ޒުވާނުން ދިވެހި ބަހަށް ޝައުގުވެރި ކުރުމަށް އިލްތިމާސްކުރަން.” ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި ލިޔުންތެރިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ އަށް ވަނަ ދުވަހުއެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ލިޔުންތެރިންގެ ދުވަހެއް ފާހަގަކުރެވުނީ 1993 ވަނަ އަހަރުގެ ޖުލައި މަހުގެ އަށް ވަނަ ދުވަހުއެވެ. މި ދުވަސް ޚާއްސަ ވަނީ ރާއްޖޭގައި އެންމެ ފުރަތަމަ ޗާޕު ކޮށްގެން ނެރުނު މަޖައްލާ “އަލްއިޞްލާޙް” ނެރުނު ތާރީޚީ ދުވަހަށް ވާތީއެވެ.