ބ. ކަމަދޫ ބަނދަރު ހަދަން ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފައިވާ ކަމަށް އެމްޓީސީސީން ބުނފި އެވެ.
މި މަޝްރޫއު، ޖުމުލަ 47 މިލިއަން ރުފިޔާ އަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކުރީ ޖަނަވަރީ 20, 2022ގައެވެ.
އެމްޓީސީސީން މިއަދު ބުނީ, އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ހަދަންޖެހޭ އެންވަޔަރަމަންޓް އިމްޕެކްޓް އެސަސްމެންޓް (އީއައިއޭ) މިހާރު ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި މިދިޔަ ހޯމަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށް ބުންޏެވެ.
މި މަޝްރޫއުގެ ދަށުން 636,25 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 180 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށް ހަމަޖެހިފައިވެއެވެ.
އަދި 628 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 346 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުމާއި ޕޭވްމަންޓެއް ހެދުމާއި، ރޭމްޕެއް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.