ގޯތި ދޫކުރުން ލަސްވަނީ ޝަކުވާތައް ބަލަމުންދާތީ – އޭދަފުށީ ކައުންސިލް

DSCN3530-800x490-800x490-800x490-800x490-800x490-800x490-800x490-800x490.jpg

އޭދަފުށީ ހިއްކި ބިމުން ބައެއް--އީވީ ފައިލް ފޮޓޯ

އޭދަފުށިން ގޯތިދޫކުރުން ލަސްވަމުންދަނީ ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓަށް ހުށައެޅުނު ޝަކުވާތައް ބަލައި މުޅިން ނުނިމޭތީ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފިއެވެ. 

އޭދަފުށީ ވޮއިސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ކައުންސިލްގެ ނާއިބު ރައީސް، ހައްވާ ސަމީހާ ވިދާޅުވީ ވަގުތީ ލިސްޓަށް 62 ފަރާތަކުން ޝަކުވާ ހުށައަޅާފައިވާ ކަމަށާ، އެޝަކުވާތައް ބަލަމުންދާކަމަށެވެ. އޭނާ ވިދާޅުވީ ހުށައެޅުނު ޝަކުވާތައް ބަލައި ދިރާސާ ކުރުމަށް ވިލަރެސް ކޮމެޓީއާއެކު މަސައްކަތް ކުރެވެމުންދާ ކަމަށެވެ. 

“ގިނަ ޝަކުވާތަކެއް ލިބިފަ އެބަހުރި. އެކަންކަން ބެލުމަށް ކޮމެޓީން ބައްދަލުވުންތައް ބޭއްވި ސާފުކުރަންޖެހޭ ކަންކަން މިހާރުވެސް ކުރިޔަށް އެބަދޭ.” ހައްވަ ވިދާޅުވިއެވެ. 

އޭދަފުށީ ހިއްކި ބިމުން 158 ގޯތި ދޫކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، ގޯއްޗަށް އެދުނު 631 ފޯމް އިވެލުއޭޓް ކުރުމަށްފަހު ޕޮއިންޓް ދީފައިވާ ވަގުތީ ލިސްޓް ކައުންސިލުން އިއުލާން ކުރީ މިދިޔަ ޖަނަވަރީ 21 ވަނަދުވަހުއެވެ. ޝަކުވާ ހުށައެޅުމުގެ ފުރުސަތު ބަންދުވީ 11 ފެބުރުވަރީ 2021 ވަނަ ދުވަހުއެވެ. 

ނާއިބުރައީސް ހައްވަ ވިދާޅުވީ ފައިނަލް ލިސްޓް ނެރުމުގައި، ހުށައެޅުނު ޝަކުވާތައް މުޅިން ސާފުކުރަން ވަގުތު ބޭނުންވާނެކަމަށެވެ. އެހެންނަމަވެސް އުއްމީދަކީ ވީހާވެސް އަވަހަކަށް ފައިނަލް ލިސްޓް ނެރެ ގޯތި ދޫކުރުން ކަމަށް ހައްވަ ވިދާޅުވިއެވެ. 

“ރޯދައިގެ ކުރިން ގޯތި ދޫކުރެވޭނެ ކަމަށް ވަރަށް އުއްމީދުކުރަން. އަދިވެސް ނުވާނެއެކޭ ނުބުނާނަން” ހައްވަ ވިދާޅުވި އެވެ.  

ބިންފުރި ތޮއްޖެހިފައިވާ އޭދަފުށީގެ ފަޅުހިއްކައި ރަށުގެ ބޮޑުމިން 31 ހެކްޓަރުން 56 ހެކްޓަރަށް ބޮޑުކުރީ 2014 ވަނައަހަރު އެވެ. އޭގެފަހުން ހިއްކި ބިމުގައި 100 ހައުސިން ޔުނިޓް އެޅުމުގެ އަޑުތައް އެރުމަށްފަހު، ގޯތި ދޫކުރަން ސަރުކާރުން ނިންމެވީ 2019ވަނަ އަހަރުއެވެ. 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top