ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާ 12 ކްލާސްރޫމްގެ ހަތަރު ބުރީގެ އިމާރާތުގެ މަސައްކަތް އެކަށީގެންވާ ބާރުމިނުގައި ކުރިޔަށްދާކަމަށް އެމަރުކަޒުން ބުނެފިއެވެ.
9.3 މިލިޔަން ރުފިޔާގެ އަގަކަށް މާރިސް ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން މިދިޔަ އަހަރުގެ ޖެނުއަރީމަހު ފެށި މިމަސައްކަތުގެ ދަށުން މިހާރު ކުރެވެމުންދަނީ އިމާރާތުގެ އެތެރޭގެ ޕޮލިޝިންގް މަސައްކަތްތައް ކަމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނެއެވެ. އެމަރުކަޒުގެ ސްކޫލް އެޑްމިނިސްޓްރޭޓަރ އަހްމަދު އަލީ އީވީއަށް ވިދާޅުވީ ކަނޑައެޅިފައިވާ ޓާގެޓަށް މަސައްކަތް ކުރިޔަށް ދާކަމަށާ، އަންނަ ސެމިސްޓާތެރޭގައި އިމާރާތް ބޭނުންކުރަން ފެށޭނެކަމުގެ ބޮޑު ޔަގީންކަމެއް އެބައޮތްކަމަށެވެ.
“އިމާރާތުގެ އެތެރެ ކްލާސްތައް ނިންމުމުގެ މަސައްކަތް މިހާރު އެދަނީ. މިދޭތެރެއިން ހުއްޓުނު މަސައްކަތް ތަކެތި ނުލިބިގެންނޭ ކިޔާފަ. އެކަމަކު މިހާރު މަސައްކަތް އެބަހިނގާ. ހަމަ ރަނގަޅު ސްޕީޑްގައި އެބަހިނގާ. ވަރަށް ބޮޑަށް ޔަގީންކުރެވޭ އަންނަ ސެމިސްޓާ ފެށޭއިރު ބޭނުންކުރަން ފެށޭނެކަމުގެ” އަހްމަދު އަލީ ވިދާޅުވިއެވެ.
އަހްމަދު އަލީ ވިދާޅުވީ މިއިމާރާތް ނިމުމާއެކު، ސްކޫލްގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރެވޭނެކަަމަށާ، އެހެން ވެއްޖެނަމަ، ސްކޫލްގެ އިތުރު ހަރަކާތްތަކާ، އެހެނިހެން ކަންކަމަށް ލިބޭ ފުރުސަތުތައް ވަރަށް ބޮޑުވާނެކަމަށެވެ. އޭނާ ވިދާޅުވީ މިއިމާރާތް ނިމޭއިރު، ސަރުކާރުން އޭދަފުށީގައި އެޅުމަށް މަސައްކަތް ކުރަމުންދާ އިތުރު ސްކޫލްގެ މަސައްކަތާ، ދަނާލުގެ މަސައްކަތް ފެށުމަށް އެޑިއުކޭޝަނަށް ބާރުއަޅުއްވަމުންދާކަމަށާ، އެކަމަށް މަގުފަހިވަމުންވެސް ދާކަމަށެވެ.
“ވަރަށްފަހުން އެދިޔައީ އެޑިއުކޭޝަންގެ ޓީމެއް އައިސް ސްކޫލް އަޅާ ސަރަހައްދު ކަނޑައެޅުމާމެދު މަޝްވަރާކޮށްފައި. މިކަން ހަމަ ނިމޭއިރަށް އެކަމާ ދެން އުޅޭނީ”
1978 ވަނައަހަރުން ފެށިގެން ތައުލީމް ދެމުންއަންނަ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ވޭތުވެދިޔަ އަހަރު 800 އަށްވުރެ ގިނަކުދިން ތައުލީމް ހާސިލް ހާސިލްކުރިއެވެ. އަދި އެއަދަދު މަތިވަމުންދާތީ، މިއަހަރު ސްކޫލަށް ބާރުބޮޑުވެފައިވާކަމަށް އަހްމަދު އަލީ ވިދާޅުވިއެވެ.