”ހިޕް“ ބްރޭންޑްގެ ކުޑަކުދިންގެ ކާނާ ބޭނުން ނުކުރަން އިލްތިމާސްކޮށްފި

826ee65c-345c-4f18-9e0e-012c7bcee889.jpg

Screenshot

ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ ”ހިޕް“ބްރޭންޑްގެ ކުޑަކުދިންގެ ކާނާ ބޭނުންނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެމްއެފްޑީއޭއިން ބުނި ގޮތުގައި ‘ހިޕް’ އިން ވަނީ އޮސްޓްރިއާގެ ބާޒާރުގައި ހުރި އެ ކުންފުނީގެ އުފެއްދުންތައް ބޭނުން ނުކުރުމަށް އަންގައި، ބާޒާރުން އަނބުރާ ނަގަން ފަށަން އަންގާފައެވެ.

މި ފިޔަވަޅު އަޅާފައިވަނީ އެ ކުންފުނީގެ ކުޑަކުދިންގެ ކާނާގެ ފުޅިއަކުން މީދާ މަރަން ބޭނުންކުރާ ބޭސް ނުވަތަ ވިހަ އެކުލެވިފައިވާ ކަމަށް ޝައްކުކުރެވޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ.

މި މައްސަލައާ ގުޅިގެން އޮސްޓްރިއާގެ ފުލުހުން މިހާރު ޚާއްޞަ ތަހުގީގެއް ފަށާފައިވާކަން ވެސް އެމްއެފްޑީއޭއިން ފާހަގަކުރެއެވެ.

އެމްއެފްޑީއޭއިން ބުނީ މި ބްރޭންޑުގެ އުފެއްދުންތަކަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ތަކެތި ނޫން ކަމަށެވެ. ނަމަވެސް، އަމިއްލަ ބޭނުންތަކަށް މީހުން ރާއްޖެއަށް މިފަދަ ތަކެތި އެތެރެކޮށް ބޭނުންކުރުމުގެ ފުރުސަތު އޮތުމާއެކު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ބްރޭންޑުގެ އެއްވެސް އުފެއްދުމެއް ރާއްޖެއަށް އެތެރެނުކުރުމަށާއި، ނުވިއްކުމަށާއި، އަދި ބޭނުން ނުކުރުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސް ކޮށްފައެވެ.

މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެމްއެފްޑީއޭގެ ނަންބަރު 3034213 ނުވަތަ 7603204 އަށް ގުޅުމަށް އެ އިދާރާއިން ވަނީ އަންގާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top