ޕެނަލްޓީ ޖަހައިގެން ކ.ކާށިދޫ އަތުން މޮޅުވެ ހިއުންޑާއި ޗެރިޓީ ޝީލްޑްގެ ޗެމްޕިއަންކަން ބ. އޭދަފުށިން ރޭ ހޯދައިފިއެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ހަމަލާތަކެއް ފެނިގެން ދިޔައެވެ. ނަމަވެސް ދެ ޓީމުގެ ގޯލްކީޕަރުންގެ ފަރާތުން ފެނިގެންދިޔަ ކުޅަދާނަ ކަމުން މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.
މެޗުގެ ވަގުތު ހަމަވެގެން ޕެނަލްޓީއަށް ދިއުމާއެކު އޭދަފުށިން ވަނީ އެ ޓީމުގެ ބަދަލު ކީޕަރު މުހައްމަދު ޝާންގެ ބޭނުން ހިފާފައެވެ. ޝާން ވަނީ ޖުމްލަ ތިން ޕެނަލްޓީ މަތަކޮށް 3-1 އިން އޭދަފުށްޓަށް ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބު ކޮށްދީފައެވެ.
މި އަހަރުގެ ޗެރިޓީ ޝީލްޑްގެ ފައިސާ ދިނުމަށް ހަމަޖެހިފައިވަނީ އިޒްރޭލުގެ އަނިޔާވެރިކަމުން ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށެވެ.
ގޯލްޑެން ފުޓްސަލް މުބާރާތުގެ އަތޮޅު ބުރުގެ މެޗުތައް މިއަދު ހަވީރު ފެށުމަށް ވަނީ ހަމަޖެހިފައެވެ.







