60 ބިލިއަން ރުފިޔާގެ ދަރަނި ނަގާފައިވާ ކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ވާހަކަ ތަކެއް: ސަލީމް

20240730_233216-850x548-1.jpg

ޕީއެންސީގެ ޖަލްސާއެއްގައި ސަލީމް

މި ސަރުކާރުން 60 ބިލިއަން ރުފިޔާގެ ދަރަނި ނަގާފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދަނީ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށާއި، މިހާތަނަށް ސަރުކާރުން ނަގާފައިވަނީ 24 ބިލިއަން ރުފިޔާގެ ދަރަނި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސަލީމް ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ދައުލަތުގެ ދަރަނި ހުރީ 126 ބިލިއަން ރުފިޔާގައި ކަމަށެވެ. އަދި މިއަދާ ހަމައަށް ދައުލަތުގެ ޖުމްލަ ދަރަނި ހުރީ 150 ބިލިއަން ރުފިޔާގައި ކަމަށްވާއިރު، ހިސާބުތަކުން ސާފުކޮށް ފެންނަން އޮތީ މި ސަރުކާރުން އިތުރުވީ ގާތްގަނޑަކަށް 24 ބިލިއަން ރުފިޔާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސަލީމް ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ދައުރުގައި އިތުރުވި 24 ބިލިއަން ރުފިޔާއަކީ ދައުލަތުގެ ބަޖެޓް ޑެފިސިޓް (އާމްދަނީއަށްވުރެ ޚަރަދު އިތުރުވުން) ފޫބެއްދުމުގެ ގޮތުން ނަގަންޖެހުނު ދަރަންޏެކެވެ.

”އޭގެ މާނައަކީ ގާތްގަނޑަކަށް މިދިޔަ ހުރިހާ ދުވަހެއްގެ ތެރޭގައި މިއޮތީ ގާތްގަނޑަކަށް 24 ބިލިއަން ރުފިޔާ އޭ މިސަރުކާރަށް ދަރަނި ނެގިފަ. އެއީ ބަޖެޓް ޑެފިސިޓް ފޫބެއްދުމުގެ ގޮތުން،” ސަލީމް ވިދާޅުވިއެވެ.

މައްސަލައަކަށް ވެގެން އުޅެނީ ދަރަނި އުފައްދާ މީހުން ދަރަނި ނުދައްކާތީ ކަމަށާއި ދަރަނި އުފައްދާ މީހުން އެ މީހުން އުފައްދާ ދަރަނި ދައްކާނަމަ ދައުލަތުގެ ދަރަނި ބޮޑުވެގެނެއް ނުދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައީސް މުއިއްޒު ވެގެންދާނީ އެއްވެސް ޚިދުމަތެއް ނުކެނޑި، ހުރިހާ ޚިދުމަތެއް ދެމުން، މަޝްރޫއުތައް ކުރިއަށް ގެންދަމުން ދަރަނި ދެއްކި ރައީސަކަށް ކަމަށް ވިދާޅުވިއެވެ.

ދައުލަތުގެ ދަރަަންޏާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ، ސަލީމް ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ސަރުކާރުން 60 ބިލިއަންގެ ދަރަނި ނަގާފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށާއި، ރަސްމީ ހިސާބުތަކުން ފެންނަން ހުރި ތަފާސްހިސާބުތަކަށް ވިސްނުމަށް އޭނާ ރައްޔިތުންނަށް ގޮވާލެއްވިއެވެ.

ސަލީމް އިތުރަށް ވިދާޅުވީ، ދައުލަތުގެ މާލީ ހާލަތާއި ދަރަނީގެ ހާލަތު ހަގީގަތް ހާމަކުރާ ރަސްމީ މައުލޫމާތުތައް ކޮންމެ ދުވަހަކުވެސް ސާފުކޮށް ފެންނަން އެބަހުރި ކަމަށާއި، ހަގީގަތް އޮޅުވައިނުލެވޭނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top