ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ ހައިސިއްޔަތުން ދައުލަތުން ހަމަޖައްސައިދޭ ރަސްމީ ކާރާއި ސެކިއުރިޓީ ބޭނުންފުޅު ނުވާ ކަމަށާއި، އެ މަގާމުގެ ދައުރު އަދާކުރައްވާނީ އާދައިގެ ގޮތެއްގައި ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ރޭ ވިދާޅުވެއްޖެއެވެ.
މަގާމަށް އިންތިޚާބުވެވަޑައިގަތުމަށްފަހު ޕީއެންސީ ހަރުގޭގައި ރޭ ބޭއްވި ފުރަތަމަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސަލީމް ވިދާޅުވީ މާ މަތީ ފެންވަރުގައި އުޅެން ބޭނުންފުޅު ނުވާ ކަމަށެވެ.
ސަލީމްގެ އަމިއްލަ ދިރިއުޅުމާބެހޭ ގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ، އޭނާއަކީ އަދިވެސް ހިތްތިރި، ސާދާ ދިރިއުޅުމަކަށް ލޯބިކުރާ މީހެއް ކަމަށެވެ. އެގޮތުން، މަޖިލީހުން ކާރު ފޮނުވުމުންވެސް އެ ކާރަށް އަރަން ބޭނުންފުޅު ނުވި ކަމަށާއި، އާންމު ރައްޔިތުންގެ ސައިކަލު ފަހަތުގައި ދަތުރުކުރުމާއި، އިތުރު ސެކިއުރިޓީއަކާ ނުލައި އުޅުއްވުމަށް އިސްކަންދެއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
“އަޅުގަނޑު މިހާރު ވެސް ދާގޮތަށް މީހެއްގެ ސައިކަލް ފަހަތުގައޭ ވަޑައިގަންނަވާނީ. އެހެންވީމަ އަޅުގަނޑަކީ މާ މަތީ ފެންވަރުގައި އުޅެން ބޭނުންވާ ބޭފުޅެއް ނޫން،” ސަލީމް ވިދާޅުވިއެވެ.
މީގެ އިތުރުން ސެކިއުރިޓީއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ އޭނާގެ ސެކިއުރިޓީ ހެއްދެވި ފަރާތާ ހަވާލުކުރައްވާފައިވާ ކަމަށާއި، އިތުރު ސެކިއުރިޓީއެއް ބޭނުންފުޅު ނުވާ ކަމަށެވެ.
ޕީއެންސީގައި ތިއްބެވީ ގައުމަށް އިހްލާސްތެރި ބޭފުޅުންކަން ފާހަގަކުރައްވަމުން ސަލީމް ވިދާޅުވީ، އެ ޕާޓީގެ މެންބަރުންނަކީ މަގާމުގެ ފެންވަރު މަތިވެގެން އުޅެން ބޭނުންފުޅުވާ ބޭފުޅުންނެއް ނޫން ކަމަށެވެ. މިސާލެއްގެ ގޮތުން، ސިއްހީ ހާލަތު ހުރި ގޮތުން ގާބިލް އެހެން ބޭފުޅަކަށް ފުރުސަތު ދެއްވުމަށް ފިނޭންސް މިނިސްޓަރުކަމުން މޫސާ ޒަމީރު އިސްތިއުފާ ދެއްވުމަކީ އެކަމުގެ ހެއްކެއް ކަމަށް ސަލީމް ވިދާޅުވި އެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ސަލީމް އިންތިޚާބު ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު ނާޒިމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ސަލީމް ވިދާޅުވިގޮތުގައި ހަގީގަތުގައި އެ މަގާމު ބޭނުން ނުވާ ކަމަށާއި، ނަމަވެސް ހާލަތާއި ޕާޓީގެ މަސްލަހަތާއި އެކުވެރިކަން ދެމެހެއްޓުމަށްޓަކައި އެ މަގާމާ ހަވާލުވެވަޑައިގަތީއެވެ.
ސަލީމް ވިދާޅުވީ އެބޭފުޅާ މަގާމާ ހަވާލުވީ ޕާޓީގެ ގުޅުން ވަރުގަދަ ކުރުމަށްޓަކައި ކަމަށާއި އެހެން ނޫންނަމަ އެއީ އެއްވެސް ބޭނުމެއްހުރި މަގާމެއް ނޫން ކަމަށެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ޕީއެންސީގެ ބައެއް އެހެން މެންބަރުންގެ ޝައުގުވެރިކަން ވެސް އޮތުމުން ވާދަވެރިކަން ބޮޑުވި ނަމަވެސް، އެންމެ ފަހުން ހުރިހާ މެންބަރުން އެއްބަސްވީ ސަލީމަށް އެ މަގާމު ދެއްވުމަށެވެ.
އެ ނިންމުން ނިންމިއިރު ސަލީމް ހުންނެވީ ހައްޖުގެ އަޅުކަމަށް ވަޑައިގެން މައްކާގައެވެ. ސަލީމް ވިދާޅުވީ އަމިއްލަ ވިޔަފާރިއަށް ވުރެ އޭނާއަށް ގައުމަށްޓަކައި މަސައްކަތް ކުރުން މާ މުހިންމު ކަމަށެވެ.






