ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ އާމްދަނީގެ މަންފާ ސީދާ ދިވެހި ރައްޔިތުންނަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމުގެ މަގްސަދުގައި، ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ ”ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން (ޑީ.އާރް.އެޗް.ސީ)“ ގެ ނަމުގައި އާ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.
މިއީ ދިވެހި ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި، އެ ސިނާޢަތުން ލިބޭ އިޤްތިޞާދީ މަންފާތައް ދިވެހި އެންމެހައި ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކު ބެހިގެންދާނެ އިންތިޒާމު ހަމަޖެއްސުމަށާއި، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ފަޅުތަކާއި ފަޅުރަށްތަކާއި ޤުދުރަތީ އެންމެހައި ވަސީލަތްތަކުގެ އަގު މަތިކޮށް، ދައުލަތަށާއި އަންނަންއޮތް ޖީލުތަކަށް އެއިން އެންމެ އެދެވޭ ދިގުމުއްދަތުގެ މަންފާ ލިބިދެވޭނެ ފަދަ އިންވެސްޓްމަންޓް ޕޯޓްފޯލިއޯއެއް ބިނާކުރުމުގެ ބޭނުމުގައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެއްވި ކުންފުންޏެކެވެ.
ހަމައެއާއެކު، އިއާދަކުރަނިވި ހަކަތައާއި ތިމާވެށި ރައްކާތެރިކުރުމަށް އިސްކަންދީގެން ބައިނަލްއަގްވާމީ ފެންވަރުގެ ރިސޯޓުތައް ތަރައްގީކޮށް، ދިވެހީންނަށް ވަޒީފާއާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުންވެސް މި ކުންފުނީގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުރިއަށްއޮތް 3 އަހަރު ތެރޭގައި މި ކުންފުނި މެދުވެރިކޮށް މަދުވެގެން 10 ރިސޯޓު ތަރައްގީ ކުރާނެ ކަމަށެވެ. އަދި ގާނޫނަކުން ކަނޑައަޅައިގެން، އެ ރިސޯޓުތަކުގެ ހިއްސާދާރުންނަށް ކޮންމެ ދިވެހި ރައްޔިތަކު ހަދައި، އެތަންތަނުން ލިބޭ ފައިދާގެ ބޮޑުބައެއް އަހަރަކު އެއްފަހަރު ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ބޭރު ފައިސާއިން ޖަމާކޮށްދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.





