މަރުގެ އަދަބު ދަންޖައްސައިގެން ދޭގޮތަށް ގާނޫނަށް ބަދަލުގެންނަން ބިލެއް ހުށަހަޅައިފި

377f6a2f-e47e-42ee-bdb5-86226af97723.webp

ރާއްޖޭގައި މަރުގެ އަދަބު އިއްވާ މީހުން ދަންޖައްސައިގެން މަރަން ގާނޫނުގައި ހިމެނުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒުކުރުމާ ބެހޭ މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދެވެ.

މި ބިލުގައިވަނީ، ކުށުގެ އަދަބެއްގެ ގޮތުން ކުށްވެރިޔާ މެރުމަށް ދަށު ކޯޓަކުން ހުކުމްކޮށްފިނަމަ އެ ހުކުމުގެ ހުރިހާ ގާނޫނީ ނުކުތާތަކާއި މައްސަލައިގައި ކަންހިނގިގޮތް މަތީ ކޯޓަކުން ބަލަން ވާނެ ކަމަށެވެ. އަދި މަރުގެ އަދަބު ކަނޑައަޅަންވާނީ ގާނޫނަކުން ގާއިމުކޮށްފައިވާ މިނިވަން އަދި މުސްތަގިއްލު ކޯޓެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭ އާންމުކޮށް ހުޅުވައިލައިގެން ބާއްވާ އަޑުއެހުމެއްގައި ހާމަކަމާއެކު ޝަރީއަތްކުރުމަށްފަހު ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. މި ބިލުގައިވަނީ، ކުށްވެރިޔާގެ މައްޗަށް ސުޕްރީމް ކޯޓުން މަރުގެ އަދަބު ކަނޑައެޅުމުގެ ކުރިން ޝަރީއަތް ހިނގިގޮތް ބަލަންޖެހޭ ގޮތަށް ލާޒިމްކޮށްފައެވެ.

ކުށްވެރިޔާއަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭނެ ކަމަށް ވެސް މި ބިލުގައި ވަނީ، ބުނެފައެވެ.

ބިލުގައި އޮތް ގޮތުން، މަރުގެ އަދަބު ކަނޑައެޅޭނީ މަރައިލި މީހާގެ ހުރިހާ ވާރިސުން އެކަމަށް ކޯޓުގައި އެއްބަސްވާނަމައެވެ.

ދަންޖެއްސުން ކަމަށް ބިލުގައި މާނަކޮށްފައިވަނީ، ކުށްވެރިޔާގެ ފުރާނަ ނެތިކޮށްލުމަށްޓަކައި އޭނާގެ ކަރުގައި މަޅިއެއް އަޅުވައި ބާރުކުރުމަށްފަހު، އެ މަޅީގައި އެލޭނެ ގޮތް ހެދުމަށެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުން ދަންޖެއްސުމަށް ބޭނުންކުރާ އާލާތްތަކާއި ތަކެތި އަދި އެކަން ކުރާ ގޮތަކީ، ކުށްވެރިޔާއަށް އެންމެ ވޭން ކުޑަވާނެ ގޮތަކަށް އަދި އެންމެ އަވަހަށް އަދަބު ތަންފީޒުކުރެވޭނެ ގޮތްތަކަށް ވާންޖެހޭނެއެވެ.

މީގެއިތުރުން ދަންޖެއްސުމުގައި ހަރަކާތްތެރިވާ ފަރާތްތަކަކީ އެކަމުގެ ހާއްސަ ތަމްރީނު ލިބިފައިވާ މީހުންނަށް ވާންޖެހޭނެ ކަމަށްވެސް ބިލުގައި ފާހަގަކޮށްފައިވެއެވެ.

މަރުގެ އަދަބު ތަންފީޒުކުރާ ވަގުތު އެތަނުގައި ކޮމިޝަނަރ އޮފް ޕޮލިސް ނުވަތަ އޭނާ ކަނޑައަޅާ މީހަކާއި، ޕްރޮސެކިއުޓާ ޖެނެރަލް ނުވަތަ އޭނާ ކަނޑައަޅާ މީހެއްގެ އިތުރުން ކޮމިޝަނަރ އޮފް ޕްރިޒަންސް ނުވަތަ އޭނާ ކަނޑައަޅާ މީހަކާއި ޑޮކްޓަރަކު ހާޒިރުވެ ތިބެންޖެހޭނެ ކަމަށްވެސް މި ބިލުގައި ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top