2027 ވަނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ފެށިފައިވާ މަޝްރޫޢުތަކުގެ 70 އިންސައްތަ ނިންމުން :ރައީސް

4802e1ce-5965-4fde-93ca-bde44062f683-scaled.jpg

ކުރިއަށް އޮތް 2027 ވަނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ފެށިފައިވާ މަޝްރޫޢުތަކުގެ ތެރެއިން މަދުވެގެން 70 އިންސައްތަ މަޝްރޫޢު އެއްކޮށް ނިންމައި ޙަވާލުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ޕީއެސްއެމްއިން ގެނެސްދޭ ”ނޭޝަން ޗެޓް“ސިލްސިލާ ޕޮޑްކާސްޓުގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް މުޢިއްޒު ވިދާޅުވިގޮތުގައި ކުރިއަށް އޮތް 2027 ވަނަ އަހަރުގެ ބަޖެޓު ތައްޔާރުކޮށްފައިވަނީ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ކަމަށްވާ ހޮސްޕިޓަލްތަކާއި ސްކޫލްތައް ނިންމުމަށް އިސްކަންދީގެން ކަމަށެވެ. މީގެ އިތުރުން އަދުގެ ސަރުކާރުން ހަވާލުވިއިރު ގައުމުގެ އިގުތިސާދު އޮތީ ޑިފޯލްޓްވުން، ނުވަތަ ދަރަނި ނުދެއްކި ބަނގުރޫޓުވުމުގެ ތުންފަތްމަތީގައި ކަމަށާއި، ފުރަތަމަ އިސްކަން ދެއްވީ އެކަމުން ގައުމު ސަލާމަތްކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. ނަތީޖާއެއްގެ ގޮތުން، މިއަހަރު ފެށިގެން އައިއިރު ރެކޯޑް މިންވަރަކަށް ގްރޮސް ރިޒާވް އަދި ޔޫސަބަލް ރިޒާވް އިތުރުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމަމިއާއެކު، ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ބަޖެޓުގެ ޑެފިސިޓް ނުވަތަ ދަރަނި ކުޑަކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އާމްދަނީ އިތުރުކުރެވޭނެ އައު ގޮތްތައް ހޯދުމާއި، ފިސްކަލް ޒިންމާދާރުކަން އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަމުންދާކަންވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫޢެއްގެ ސަބަބުން ބަޖެޓަށް ދަރަނި ބޮޑުވެގެން ނުދާނެކަމަށެވެ. ރައީސް ވަނީ، ބޯހިޔާވަހިކަމުގެ މަޝްރޫއަކީވެސް މިފަދަ ގޮތަކަށް ކުރިއަށްގެންދެވޭ ކަމެއްކަން ފާހަގަކުރައްވާފައެވެ. މިގޮތުން، ރަސްމާލެ މަޝްރޫޢަށް ގެންނަ އިންވެސްޓްމަންޓަކީ ސަރުކާރުގެ ބޮލުގައި އިތުރު ދަރަންޏެއް ނުވަތަ ލޯނެއް އެޅޭނެ ކަމެއް ނޫންކަން ކަށަވަރުކޮށްދެއްވަމުން، އެ މަސައްކަތް ކުރިއަށްގެންދަނީ ފިއުޗަރ ރެވެނިއު (މުސްތަޤުބަލުގައި ލިބޭނެ އާމްދަނީ) އިން ކެނޑޭ ގޮތަށް ކަމަށްވާތީ، ދައުލަތުގެ ބަޖެޓަށް އޭގެ ސަބަބުން ބުރައެއް އުފުލަން ނުޖެހޭނެކަންވެސް އެމަނިކުފާނު ކަށަވަރުކޮށްދެއްވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top