ރަށު ކައުންސިލަރުންގެ މުސާރަ، މިއަދުން ފެށިގެން ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އެގޮތުން ކޮންމެ ކައުންސިލަރަކަށް 5،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ފާސްކޮށްފައިވާއިރު ރަށު ކައުންސިލްތަކުގެ ރައީސުންނަށް 30،500 ރުފިޔާ، ނައިބު ރައީސުންނަށް 25،000 ރުފިޔާ އަދި ކައުންސިލް މެންބަރުންނަށް 23،000 ރުފިޔާ ލިބިގެންދާނެއެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަވެސް މިއަދުން ފެށިގެން ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދުވަނީ ފާސްކޮށްފައެވެ.
މި ބަދަލު ގެންނަން ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެކުލަވާލައި މަޖިލިސް ތަޅުމަށް ހުށަހެޅި ރިޕޯޓާ އެއްގޮތަށެވެ.
މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައިވާ ގޮތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ މުސާރައަށް ބަދަލު ގެނައީ އިތުރު އެލަވަންސެއްގެ ގޮތުގައި 22،000 ރުފިޔާ ހަމަޖައްސައިދީގެންނެވެ. މި އެލަވަންސް ދިނުމަށް ކޮމިޓީއަށް ހުށަހެޅުއްވީ ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ޝަރީފެވެ.
ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ 58،500 ރުފިޔާއިން 75،500 ރުފިޔާއަށް ބޮޑުކުރަން ވެސް މިއަދު ވަނީ ފާސްކޮށްފައެވެ. މި އިސްލާހު ގެނެސްފައިވަނީ ޑްރައިވަރުންގެ އެލަވަންސް ޕެކޭޖަށް ބަދަލު ގެނެސްގެންނެވެ. އެގޮތުން ޕެޓްރޯލް އެލަވަންސް 1،000 ރުފިޔާއިން 2،000 ރުފިޔާއަށް، ޑްރައިވަރުގެ މުސާރަ 6،500 ރުފިޔާއިން 12،000 ރުފިޔާއަށް، އަދި ޑްރައިވަރުގެ ލިވިން އެލަވަންސްގެ ގޮތުގައި 3،000 ރުފިޔާ ހިމަނައި، ޖުމްލަ ޕެކޭޖު ވަނީ 7،500 ރުފިޔާއިން 17،000 ރުފިޔާއަށް ބޮޑުކޮށްފައެވެ. މިއީ 2024 ވަނަ އަހަރު ޝަރުއީ ދާއިރާ އާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރައަށް ގެނައި ބަދަލާ އަޅާބަލާއިރު ވަޒީރުންގެ މުސާރަ ކުޑަކަމަށް ފެންނާތީ ގެނައި ބަދަލެއް ކަމަށް ކޮމިޓީން ފާހަގަކުރިއެވެ.





