ހައްވާފުޅު

ރރރރ.jpg

(4 އޯގަސްޓް އާ ގުޅޭ)

ހައްވާފުޅުމެން މިހާރު ދިރިއުޅޭނީ އެމީހުންގެ އަމިއްލަ ގޭގައެވެ. ދެމީހުންގެ މަސައްކަތުން ދެއަހަރުގެ ތެރޭގައި އިމާރާތްކޮށް ނިންމާލި އެވެ.

ހައްވާފުޅު ވަރިކުރި ދުވަހު ހައްވާފުޅު ދުނިޔެއިން މާޔޫސްވެ އަތުންފައިން ގޯސްހެދޭ ހިސާބަށް ކަންތައް ނުދިޔައީ އޭނާގެ އީމާންކަމުގެ ވަރުގަދަ ކަމުންނެވެ. ކޮންމެކަމެއްވެސް ހިނގާނީ ރަނގަޅަށް ކަމުގެ މޮޓޯ އޭނާއަށް ކެތްތެރިވާން ދަސްކޮށްދިނީ އެވެ. އަހުމަދު އޭނާ ނިކަމެތިކޮށް އެއްލާލީ އަތްފޮހެފަ އެއްލާލި ޓިޝޫކޮޅެއް ފަދައިންނެވެ. ނިކަމެތިކަމުގެ ވެސް އިންތިހާ އެވެ. ބީރައްޓެހި އަންހެނަކު އޭނާގެ ތިމާގެ މީހަކުވެސް ނެތް ރަށަކަށް ނިކަމެތިކަމާއެކު ގިނަކޮށްލި އެވެ. މިހުރިހާނކަމެއް ކުރަމުން ދިޔައިރު އަހުމަދަށް ނުވިސްނުނީ އޭނާދެކެ އިންތިހާއަށްލޯބިވި ހައްވާފުޅަށް އެހާބޮޑު އަނިޔާއެއް ދޭއިރު ދޮހޮއްކޮ ބޭގެ ލަވައެއްގައި ކިޔާ ފަދައިން، “ހިތުގެ ގަދަރެއް ނުވާލޯތްބަކީ ފިތުނަކަމާ ފިތުނަވެރިކަމުގެ އަލިފާނަކީ ކަރުނަ “ކަމެވެ.

ﷲގެ ކުޅަދުންވަންތަ ކަމެވެ. އެ ކަރުނަތަކުގެ ސައިލާބުން އުފެދުނު ވިލާގަނޑުން ދެން ވެހެން ފެށީ ރަހުމަތުގެ ވާރެއެވެ. ރަހުމަތުގެ ދޮރުތައް ހުޅުވުނީ އެކި ދިމަދިމާލުން އެއްފަހަރާ އެވެ. އެދޮރުން އެތެރެވުމަށް ފަހު އެޅި ކޮންމެ ފިޔަވަޅަކުން ފެނުނީ ކާމިޔާބު ހިނިތުންވާ ތަނެވެ. މިފަދަ ކޮންމެކަމަކީ އިބްރަތެވެ. ދުންޔަވީ ފިލާވަޅެކެވެ. އޭނާ ދަނީ ކުރިއަށެވެ. ދާނީވެސް ކުރިއަށެވެ.

އެކަމަކު އަހުމަދު…….! އޭނާ ދިޔއީ އެތައް އަހަރެއްގެ ފަހަތަށެވެ. އަޅާ ކޮންމެ ފިޔަވަޅަކުން ލިބުނީ ނާކާމިޔާބެވެ. ދިރިއުޅުން ގެއްލިއްޖެއެވެ. ރީތި އަނބިމީހާ ގެއްލިއްޖެއެވެ. ނުގެއްލި ދެން ބާކީއޮތީ ކޯއްޗެއް ހެއްޔެވެ. އަބުރެއް އޮތްނަމަ އެވެސް ގެއްލި ދިޔައީއެވެ. މިހާބޮޑު ނާކާމިޔާބަކާ ކުރިމަތިލާން ޖެހުމަކީ އަނިޔާ ލިބިފައވާ އަންހެނެއްގެ އާހު ތަކާއި ބަދުދުޢާ ކަމަށް ވެދާނެއެވެ. ވަފާތެރި އަންހެނަކަށް އަނިޔާވެރިވުމުގެ ނަތީޖާކަމަށް ވެދާނެއެވެ. އެދުވަހު ހައްވާފުޅުބުންޏެވެ. “ދުވަހަކުވެސް މާފެއް ނުކުރާނަންް. އަހަރެންގެ މިކަރުނަތައް ކަލޭގެ އުފާތައް ފޭރިގަންނާނެ. އަހަރެންގެ ދިރިއުޅުން ވީރާނާ ކޮށްލިފަދައިން ކަލޭގެ ދިރިއުޅުން ހިތިގޮތަކަށް ނިމިގެންދާނެެ. އަދި އަނިޔާލިބިގެންވާ އަންހެނެއްގެ ދުޢާއަކީ ފަހަރެއްގައިވެސް އަނބުރާ ރައްދުކުރެވޭނެ އެއްޗެއްނޫން. …….. ”

އޭނާ އަރުވާލި މުއްދަތު ހަމަވިޔަސް ދެން އޭދަފުއްޓަށް އައުމުގެ ބޭނުމެއްނެތެއް ނޫންހެއްޔެވެ. އެނބުރި އަންނަންވީ މިތަނުގައި ކޯއްޗެއް އޮވެގެން ހެއްޔެވެ. ގެއެއް ދޮރެއްނެތެވެ. ވަގުތާ ފުރުސަތު ލިބިފަ އޮއްވާ އެކަން ނުކުރީއެވެ. އާއިލާގެ ބަޔަކު އުޅުނަސް އެމީހުންނަށް އޭނާގެ ފާފަވެރި މޫނު ދައްކަން ކެރޭނެ ހެއްޔެވެ. އެމީހުން އޭނާއަށް މާފުކުރާނެ ހެއްޔެވެ. އާއިލާގެ އަބުރު ނަގާލުމަކީ ހާދަހާބޮޑު ކަމެކެވެ. މަރްޙޫމް ބައްޕަ، އޭނާގެ އަތްފައިކޮށައިގެން ބުރަމަސައްކަތުން ހޯދި މުއްސަނދިކަމާ އެމުއްސަނދި ކަމުގެފައިދާ ރައްޔިތުންނަށް ހިއްސާކޮށް މީހުންގެ ލޯބި ހޯދިއެވެ. ފަގީރުންނަށް އެހީވެ ބޭނުންޖެހިފައިވާ މީހުންނަށް މެދުނުކެނޑި އެހީވަމުން އެމީހުންގެ މުހުތާދުތައް ފުއްދައިދެމުން ގެންދިޔައެވެ. އެންމެންގެ އިހުތިރާމާއެކު ދުނިޔެ އުޅެ ނިންމާލާފައި ދިޔަތާ މިހާރު މިއީ ކޮންދުވަހެއް ހެއްޔެވެ. އެކަމަކު މިއަދުވެސް މައިންބަފައިން އެމީހުންގެ ދަރިންނަށް އެވާހަކަތައް މިސާލެއްގެ ގޮތުން ކިޔައިދެއެވެ.

އޭނާގެ އޮތްހައިވެސް އެއްޗަކީ ދަރިންނެވެ. އެދަރިންނަށް ބައްޕަ އެއައީ ދީނުގެ ޙައްދެއް ކަނޑައެޅިފައިވާ ހުކުމެއް ފުރިހަމަކޮށްފައޭ ބުނާއަޑު އިވޭނެއެވެ. ބައްޕަގެ ސަބަބުން އެކުދިންގެ ސާފުތާހިރު ފަސްބަޔަށްް ޝައްކުގެ ނަޒަރަކުން މީހުން ބަލާނެއެވެ.
**********

 

ހުކުމް ތަންފީޒު ކުރުމަށްފަހު އަހުމަދު އެނބުރި ރަށަށް އަތުވެއްޖެއެވެ. ރަށުގެ ފަސްގަނޑުގައި ފައިޖެހުމާއެކު ފުރަތަމަވެސް އިވުނީ ރާއިފާ ބަލިވެއިން ވާހަކައެވެ…….. އޭނާއަށް ލިބުނީ ހަމައެކަނި ހައިރާންކަމެއް ނޫނެވެ. ކުއްލި ސިހުމެއްވެސް ނޫނެވެ. އިންތިހާއަށް ދެރަވެ ބޮލަށްވެސް ފާޑެއްގެ ގޮތްތަކެއް ވީއެވެ. އެކަމުގައި ރާއިފާ ކުށްވެރި ކުރަން ޒަމީރު ދެކޮޅުހެދިއެވެ. ޒުވާން އަންހެނަކު އެކަނި ކޮށްލާފައި ދެއަހަރު ދުވަސް ވަންދެން ބައިންދަން ޖެހުނީ ކީއްވެގެން ހެއްޔެވެެ. އަނބިމީހާގެ ޙައްގުތައް ރައްކާތެރި ކޮށްދޭން ކުރީ ކޮން މަސައްކަތެއް ހެއްޔެވެ؟

ރިހޭފައިމައްޗަށް ފޮއިވެއްޓުނީއެވެެ. ކޮންމެ ކަމެއްވެސް ނިމެނީ ހިތާ ދެކޮޅަށެވެ. ރާއިފާ އެހެން މީހަކަށް ބަލިވެ އިނދެގެން އާއިލާ އޮޅުވާލަފާނެ ހެއްޔެވެ؟ އެހެންވެއްޖެނަމަ ދަރިންނަށް އެދެވުނީ މައިންބަފައިންގެ ފަރާތުން ދެވޭނެ އެންމެބޮޑުއަނިިޔާއެވެ. މައިންބަފައިންގެ ހައްދުފަހަނައަޅާފައިވާ ނުބައި އަމަލުން ދަރިންނަށް ނުބައިމަގު ޚިޔާރު ކޮށްދެވެނީ އެވެ. އެއީ ތެދަކަށްވާނަމަ ރާއިފާގެ އެފާފަވެރި އަމަލަކީ އިތުރަށް އަހުމަދުއާއެކު އުޅެން ބޭނުން ނުވާކަމުގެ ފެހި ސިގްނަލެވެ. މީގެ ސަބަބުން ދެމީހުންގެ މެދުގައި ދަގަނޑުގެ ފާރެއް ހުރަސް ކުރެވުނީއެވެ. އެކަމަކު އިވޭހާ އަޑަކީ ތެދަކަށް ނުވެ ހިނގައިދެއެވެެ. ކޮންމެ ގޮތެއްވިޔަސް އޭނާ ރާއިފާ ގާތަށް ދިއުމަށް ނިންމިއެވެ.

އެގެއަށް ވަނުމާއެކު ހިތުގެ ހިނގުން އަވަސް ވެއްޖެއެވެެ.  ގޭތެރޭގައި މީހަކު ފެންނާކަށް ނެތެވެ. މަޑުމަޑުން ގޮސް ފެންޑާ ހުރަސްކޮށް ރާއިފާގެ ކޮޓަރިއަށް ވަދެއްޖެ އެވެ. ކޮޓަރީގައިހުރި އެނދެއްގައި އޭނާއާއި ރާއިފާގެ ދެވަނަ ދަރިފުޅު ނާޒް ނިދާފައި އޮތެވެ. އޭނާ މިރަށުން ދިޔައިރު ނާޒްއަށް ކިރިޔާ ދެއަހަރު ފުރުނީއެވެ. އެނދު ކައިރިއަށް ގުދުުވެ ރީތިކޮށް ބަލައިލި އެވެ. ހީވަނީ ކުޑަކުޑަ ރާއިފާއެއް ހެންނެވެ.. މަންމަގެ ހުރިހާ ރީތިކަމެއް ޖަމާވެފައެވެ. މާޝާﷲ އެވެ. މިކުއްޖާފުޅު އެސްފިންނާ އާއި ޒަމާނުގެ ނުބައިކަމުން ސަލާމަތްކުރެއްވުން އެދި ހިތުން ދުއާ ކުރިއެވެ.

އޭނާ ހުރީ ނާޒަށް ބަލަހައްޓައިގެންނެވެ. ހަދާނެ ގޮތެއް ނޭގިފައެވެ. ނާޒް އެނދުން ނަގާ މެޔާލާ ބޮނޑިކޮށްލަން ބޭނުންވިއެވެ. ހިތް ފުރެންދެން ރޯން ބޭނުންވިއެވެ. އެގޮތުން އަބުރު ގެއްލިފައިވާ ބަފައެއްގެ ކައްފާރާ އަދާކުރެވިދާނެ ކަމަށެވެ. ކަޅިޖަހާނުލާ އޭނާގެ އަންހެންދަރިފުޅަށް ބަލަމުން ގެންދިޔައެވެ. ދެން އޭނާގެ ހިތުގެ އެންމެ އަޑިން އަޑު ނުކުތެވެ.”ދަރިފުޅާއެވެ. ބައްޕައަށް މާފުކުރާށެވެ.!“

”ދުވަހަކުވެސް މާފެއް ނުކުރާނަން.“ ހީވީ އޭނާގެ ހިތުގެ އަޑު ކޮންމެވެސް މީހަކަށް އިވުނީ ހެންނެވެ. އޭނާ ސިހިގެން ފަސް އެނބުރި ބަލައިލި އިރު ރާއިފާ އޭނާގެ ގާތަށް އަންނަނީއެވެ. ރާއިފާގެ އަޑުގައިހުރި ވޭނީ އަސަރުތައް ދެނެގަތުމުގެ ކުރިން އޭނާގެ ނަޒަރު ގޮސްހުއްޓުނީ ރާއިފާގެ މާބަނޑަށެވެ. ޝައްކު ފިލައިދިޔައިއެވެ. އެކަން ރާއިފާއަށް ފާހަގަކުރެވިގެން ބުންޏެވެ.

”ހުރިހާކަމެއް އެގިއްޖެއެއްނު!.“ އެތައް ދުވަހެއްގެ ފަހުން އިވުނު އެއަޑުގައި ހުރީ ނުރުހުމާއި ދެރަވުމެވެ.

“ބަލަން ބޭނުންވާ ހުރިހާ ތަނެއްވެސްް ފެނިއްޖެއެއްނު!“ އަނެއްކާވެސް ރާއިފާ ބުންޏެވެ. ”އިތުރަށް ބޭނުންވަނީ ކޮންކަމެއް؟ އެކަމެއްވެސް މިއަދު ކޮށްދޭނަން.. އެއަށްފަހު މިގެއާ އަހަރެންގެ ހަޔާތުން އަބަދަށްޓަކާ ޖެހޭނީ ވަކިވާން. މިނިންމުން ބަދަލު ކުރަން ނުވަތަ ދިފާޢުގާ އެންމެ ބަހެއް ބުނާ އަޑުއަހާކަށް އަހަރެން ނުހުންނާނަން. އަދި… “ ރާއިފާ ވާހަކަދެއްކުން މެދުކަނޑާލީ ނިޔާޒް ކޮޓަރިއަށް ވަނުމުންނެވެ.

މަންމަގެ ރަތްވެފައިވާ މޫނާ އިތުރު މީހަކުވެސް ކޮޓަރީގައި އިނުމުން ކޮންމެވެސް ކަމެއް އެބަ ހިނގާކަން އެ ޅަސިކުނޑިއަށް އެނގިއްޖެއެވެެ. ނިޔާޒްގެ ހައިރާންކަން ފިލުވައިދިނީ ރާއިފާއެވެ.

”މިއީ ނިޔާޒްގެ ބައްޕަ. އަވަހަށްދޭ ބައްޕަ ކައިރިއަށް.“ އެހެން ބުނެލިއިރު އަޑުގައި ނުރުހުމެއް ނެތެވެެ. މިދެމެދުގައި މައްސަލައެއް ޖެހުނުހެން ވެސް ހީނުވެއެވެ. ދަރިންނަށް އަންގަން ރާއިފާ ބޭނުން ނުވަނީއެވެ. ރާއިފާގެ މިމާތް ސިފައަށް އަހުމަދުގެ ހިތުގައި ތައުރީފު އުފެދުނެވެ. އޭނާ ހީކުރީ ދަރިފުޅުގެ ކުރިމަތީގައި ފަލީހަތްކޮށް ބޭޒާރު ކުރާނެ ކަމަށެވެ.  ބައްޕައެއްގެ ވާޖިބު އަދާކުރުމުގައި ފެއިލްވެފައިވާ މީހެއްކަމާއި މަންމައަށާއި މުޅިއާއިލާގެ އަބުރަށް ކިސަޑު ބުރުވާފައިވާ މީހެކޭ ބުނާނެ ކަމުގައެވެ.

އަހުމަދުގެ ކަރުތެރެ ހިކިއްޖެއެވެ. ރަންގަނޑެއްފަދަ ދެ ދަރިން މިތިބީ ކުރިމަތީގައެވެ. މާތްކަލާކޯއެވެ. މިފެންނަނީ ހަގީގަތް ހެއްޔެވެ. ރަނގަޅުކާނާ އާއި ލޯބިދީގެން ރަނގަޅު ސިއްހަތުގައި ބޮޑުވަމުން އަންނަކަން ބަލާލުމުން އެނގެއެވެ. އެކަމަކު އެދަރިންނަށް އޭނާ ކޮށްދިނީ ކޮންކަމެއް ހެއްޔެވެ. ޝަރުޢީގޮތުން އަދާކުރަންޖެހޭ ވާޖިބުވެސް އަދާކޮށް ނުދެވުނުއިރު ދަރިންނަށް ރިވެތި ނަމޫނާދައްކަން އޭނާކުރީ ކޮންކަމެއްހެއްޔެވެ. ދަރިންނަށް ކޮށްދިންހައިވެސް ކަމަކީ ބައްޕައެއްގެ މަގާމުގައިހުރެ ނުބައި އަޑުތަކެއް އިއްވީއެވެ. އަންގައިދިނީއެވެ.

އަހުމަދު އޭނާގެ ހަގުދަރިފުޅު ނިޔާޒް ގެނެސް އުނގުގައި ބޭންދި އެވެ. އަދި ދަރިފުޅާއޭ ގޮވާލަން ބޭނުންވިނއެވެ. އެކަމަކު އަޑު އޭނާއާ ދެކޮޅުހެދީއެވެެ. އަޑު ނުނިކުތެވެ. ނިޔާޒް އޭނާގެ ބައްޕައަށް ވަމުންދާގޮތް ބަލަންއިނެވެ. ދެން މަންމައަށް ގޮވާލިއެވެ. ”މަންމާ! ބައްޕައަށް ފެންތައްޓެއް…… ނޫންތަ ބައްޕާ.! ”

ދެންވެސްް އޭނައަކަށް ދުލަކުން ނުބުނެވުނެވެ. ބޯޖަހާލީއެވެ.

ރާއިފާ ފެންތައްޓެއް ބަލާ ހިނގައްޖެ އެވެ. އެވަގުތުކޮޅުގެ ބޭނުންހިފަން އަހުމަދު ގަސްދުކުރި އެވެ. ނިޔާޒްގެ ކަޅުކުލަ ގަދަ އިސްތަށިގަނޑުގައި ފިރުމަން ފެށި އެވެ. އަދި ވަރަށް މަޑުމަޑުން ބުންޏެވެ. ”ބައްޕަ އަށް….” އޭނާ ހިތްވަރު ކޮށްފާ ވާހަކައެއް ބުނެވޭތޯ އުޅުނެވެ. ނަމަވެސް ވާހަކަ ފުރިހަމަ ކުރުމުގެ ކުރިން ރާއިފާ އައިސް ފެންތަށި ދިއްކޮށްލައިފި އެވެ. ނިޔާޒް ހައިރާންވެފައި މަންމަގާތު އަހަނީއެވެ. ”މަންމާ.! އަސްލުވެސް މިއީ އަހަރެންގެ ބައްޕަތަ…..؟ އެކަމަކު ހިއެއް ނުވޭދޯ ބައްޕައަކީ ގޯސް މީހެއްހެން. ނޫންތަ މަންމާ…!“

މިއީ ރާއިފާއަށް އާ ވާހަކައެކެވެ. އެކުދިންގާތު ބައްޕަގެ ނުބައިވާހަކައެއް ނުދައްކައެވެ. ކުރީކޮޅު އަޔާޒް ވަރަށް ގިނައިން ބައްޕަ ކޮބައިތޯއާއި ބައްޕަ ހޯދަދޭށޭ ކިޔައިގެން ރޮއިހެދިއެވެ. އެކަމަކު އޭރުވެސް ބުނަމުން ގެންދިޔައީ ބައްޕަ އެނބުރި އަންނާނެ ވާހަކައެވެ. މަންމަގެ ދޫ ދަރިންނަށް ތަޅުލެވިފައިވަނީ ބައްޕަގެ ވިޔާނުދާ ވާހަކަ ދައްކައިގެން އެކުދިންގެ ކިޔެވުމަށާއި އަޚުލާގަށް ނޭދެވޭ އަސަރެއް ކޮށްފާނެތީ އެވެ. ބައްޕަގެ އަސްލު ސިފަ މަންމަ ހާމަ ނުކުރިޔަސް ކޮންމެވެސް ދުވަހަކުން އެކަން އެހެންގޮތަކުން ދަރިންނަށް އެނގުމަކީ މުޅިން އެހެން ކަމެކެވެ.

އަހުމަދު އިނީ ގަނޑުވެފައެވެ. ނިޔާޒްގެ ވާހަކަ އިވުނުހެންވެސް ހީނުވެއެވެ.

”ކާކުބުނީ ބައްޕައަކީ ގޯސްމީހެކޭ؟“ ރާއިފާ އެހިއެވެ.

”ކްލާސް ކުދިން ކިޔަނީ ބައްޕައަކީ ގޯސް މީހެކޯ. އެހެންވެގެންނޯ ނުފެންނަނީވެސް. ދެން މިރަށަކަށް ނާންނާނެއޭ ވެސް ކިޔާނެ“

”އެކަމަކު ބައްޕަ އެއައީނު. ދެން ބައްޕަ ނުދާނެ ރަށުން ބޭރަކަށް.“ ރާއިފާ އަނެއްކާވެސް ބުނެފިއެވެ.

”އެހެންވިއްޔާ މިހުރިހާ ދުވަހު ބައްޕަ އުޅުނީ ކޮންތާކު؟“ ނިޔާޒް އަނެއްކާވެސް އަހައިފި އެވެ. މިސުވާލަށް ސީދާ ޖަވާބު ދޭކަށް ރާއިފާއަކަށް ނުކެރުނެވެ. ދަރިފުޅުގެ ކުރިމަތީގައި ބައްޕަގެ އަގުވައްޓާލަން ނުކެރުނީއެވެ. އޭނާގެ ވިސްނުން ބަދަލުކޮށްލި އެވެ.

”އަޅެ ބައްޕަގާތު އަހާބަލަ.” ރާއިފާ ބޭނުންވީ އަހުމަދު ވާހަކަ ދައްކުވާށެވެ.

އޭނާ ޖެހިލުމެއްނެތި އަހަިފިއެވެ.”ބައްޕަ ބުނެބަލަ ކޮންތަނަކު މިހުރިހާ ދުވަހު އުޅުނީ..؟“

ނިޔާޒްގެ މޫނަށް އަހުމަދު ބަލައިލިއެވެ. އޭނާ ބުނާނީ ކީކޭހެއްޔެވެ؟ ދަރިފުޅުގެ ކުރިމަތީގައި ހަގީގަތް ހާމަކޮށްގެން ނިކަމެތި ވެ ގަންނަންވީ ހެއްޔެވެ. އެހެން ހަދައިފިނަމަ އެދަރިން އޭނާއަކާ ވާހަކައެއް ނުދައްކާނެ އެވެ. އެކުދިން ބައްޕަދެކެ ރުޅި އަންނާނެއެވެ. އެހެންކަމުން ސޮސައިޓީއާ ސަމާޖްގެ ލަދަށް ޓަކާ އޭނާ ޚިޔާރުކުރީ ހިމޭންކަމެވެ. ނިޔާޒްގެ ވާހަކަ ދެއްކުމުގައިހުރި ރީތިގޮތާއި ބަސްމޮށުންތެރިކަން ފެނިފައި ދަރިންގެ ތަރުބިއްޔަތާ މެދު ރާއިފާއަށް ތައުރީފު އުފެދުނެވެ.

ރާއިފާ ބުނި ފަދައިން އަހުމަދަކީ މާފުލިބުން ހައްގު މީހެއް ނޫނެވެ. އަތަށް ފަޔަށް ލޮޅުމެއް އަރުވާނުލާ ތިންދަރިން ބޮޑުވަމުން އެދަނީ އޭނާގެ ހިއްސާއެއް ނެތިއެވެ. ބައްޕައެއްގެ ހައްގު އޮތްތާ އޮއްވާ އެ ތިންދަރިންނަށް ނަފްސާނީ ބޮޑެތި ގެއްލުން ތަކެއް ދެމުންނެވެ.

”ބައްޕާ.!“ނިޔާޒް ހުރީ އޭނާގެ ސުވާލަށް ޖަވާބު ބޭނުންވެފަ އެވެ. އެކަން އަހުމަދަށް ފާހަގަ ކުރެވުނެވެ. ނަމަވެސް އެވާހަކައަށް ޖަވާބު ދިނުމުގެ ބަދަލުގައި ވާހަކަ ބަދަލުކޮށްލިއެވެ. ”ކޮބާ އަޔާޒް ބޭބެ.؟ “

”އަޔާޒް ބޭބެއޭ…!” އޭނާ ކުޑަކޮށް ހީލިއެވެ. ”ބައްޕައަކަށް ނޭގެތަ؟ އެއީ އަޔާޒްބބޭބެއެއް ނޫނޭ. މަންމަ ބުނީ އެއީ އަހަންނާ ދޮންތައާ ދެމީހުންގެ ދޮންބެއޭ. ދޯ މަންމާ… !” ނިޔާޒްގެ ޅަ އަޑުން އަކުރުތަކަށް ދަމާލަމުން މަންމައަށް ދޯ ދިނެވެ.

”ދޮންބެ ދިޔައީ ޓިއުޝަނަށް ހެން ހީވަނީ.“
” ނޫނޭ..  ދޮންބެ ދިޔައީ ރައްޓެހި ކުދިން ތަކަކާއެކު ހޯމް ވާކްހަދަން . މިހާރު އަންނާނެކަން ނޭގެ.“ އަޔާޒް ވީތަން އޮޅުން ފިލުވައިދިނީ ރާއިފާއެވެ.

”މަންމާ! އަޅުގަނޑު ދަނީ!.“ނިޔާޒް ދަމުން ދަމުން ބުނެލިއެވެ.”މާމަ މިހާރު ހޯދާނެކަންނޭގެ. އެކަމަކު އަޅުގަނޑު އަންނަން ދެން ބައްޕަ ހިފަހައްޓައްޗޭ.“

ރާއިފާ ހިލިއެވެ. އަހުމަދު އެއިން ގޮތަށް އިނެވެ.

ކޮޓަރި ތެރޭގައި ދެމީހުން އެކަނިވީއެވެ. ހިމޭންކަމެވެ. ފުން ހަމަހިމޭންކަމެވެ. ނާޒް އޮތީ އަދިވެސް ނިދާފައެވެ. އަހުމަދުއިނީ މިއާލަމަކު ނޫނެވެ. ގުދުރަތު އޭނާއަށް ދައްކަމުން ގެންދާ މަންޒަރުތައް ދެކޭށެވެ. އަމިއްލަ ނަފްސުގެ ކުށްވެރިކަމަށް ލަދުގަނެ ދެރަވެފައެވެ. ރާއިފާގެ ބަލިވެއިނުމާ މެދުވެސް އެތަކެއް ސުވާލު އުފެދިފައެވެ.

އަހުމަދު މިގެއަށް އައިސްގެން ރާއިފާހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ. އޭނާ ހުރީ މިއަދު މިއަދަށް ހުރިހާކަމެއް ނިންމާ ގޮތަށެވެ. އިތުރަށް ދެން ބައްދަލުކޮށް އަލުން ވިސްނާ ނުވަތަ ކޯޓަށް ގޮސް މައްސަލަ ހައްލުކުރަން ބޭނުން ނުވާތީއެވެ. އެކަމަކު އެ ދެމެދަށް ނިޔާޒް ވަދެ ރާއިފާގެ ރުޅި މައިތިރިކުރީ އެވެ. ބައްޕައާއި ދަރިފުޅުގެ ވާހަކަ ދެއްކުމުގެ ސިލްސިލާ ފެށުމާއެކު އެކަކު އަނެކަކަށް ނޭނގި ނުވެސް ދެނެހުއްޓާ މަންޒަރު ބަދަލުވީއެވެ.

ރާއިފާ އަހުމަދަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. ވަރަށްބޮޑަށް ބަދަލުވެފައިވާ މޫނެކެވެ. އޭނާ ފެންނަނީ ނުވާ ދުވަހު މުސްކުޅިވެފައިވާ މީހެއް ގޮތަށެވެ. މެދުނުކެނޑި ހިތާމަކުރުމާއި ހިތްހަމަނުޖެހޭ ދިރިއުޅުމެއް ވޭތު ކުރުމުގެ ނަތީޖާއެވެ. އަހުމަދުގެ ނިކަމެތިކަން ފެނިފައި ރާއިފާގެ ހިތުގައި ހަމްދަރްދީ އުފެދިއްޖެއެވެ. އެއީ ހަމައެކަނި ދަރިންގެ ބައްޕައެއް ނޫނެވެ. އަލަތު ފިރިމީހާވެސް މެއެވެ. އެގޮތުން އެކަނިވެސް އަހުމަދު އާމެދު އޮންނަ ގުޅުން ކެނޑުމަކީ އެހާ ފަސޭހަކަމަކަށް ނުވާނެއެވެ.

ހަމަކުޑަކުޑަ އިރުކޮޅެއްގެ ތެރޭގައި އެބައަންނަމޭ ބުނެފައި ރާއިފާ ހިގައްޖެއެވެ. އަނެއްކާވެސް އަހުމަދު އެކަނިވީއެވެ. އޭނާ ނާޒްއާއި ކައިރި ވެލި އެވެ. ހިތް ފުރެންދެން ބަލައިލި އެވެ. ގުދުވެލާފައި ނާޒްގެ ނިތްކުރީގައި ބޮސް ދިނެވެ. ދިހުން ކުލައަރާ ރީތި އިސްތަށިގަނޑުގައި ފިރުމާލިއެވެ. ނާޒްއަށް ހޭލެވުނީ އަހުމަދުގެ މިހަރަކާތް ތަކުންނެވެ. އޭނާއޮތީ ދެލޯ ބޮޑުކޮށްގެން އަހުމަދަށް ބަލާށެވެ. ނުދަންނަ މީހަކަށް ބަލާފަދައިންނެވެ. ކޮންމެވެސް ތަނަކުން ދެކެފައިވާ މީހެއްހެން ހީވަނީކަންނ ނޭގެއެވެ. އެންމެފަހުން އޭނާ އެނދުން ތެދުވެއްޖެއެވެ.

“ބައްޕަ އާ ރުޅިތަ؟“ އަހުމަދުގެ އަޑު ބޭރުވެއްޖެ އެވެ.

”ބައްޕަ…….! ” ނާޒްގެ ތުންފަތް ހަރަކާތް ވެލި އެވެ. އެ ޅައަޑު އަހުމަދުގެ ކަންފަތުގައި ޖެހުނެވެ.

”އާނ. ދަރިފުޅާ ތިޔައީ ބައްޕަ.“ ރާއިފާ އައީ އެވެ. އޭނާ އައީ އަހުމަދަށް ސައި ހިފައިގެންނެވެ. ”ކާގެއަށް ދާން ބުނަން ހިތަށް އެރި. އިންކާރު ކޮށްފާނެތީ އެހެން ނުބުނެ ސައި ހިފައިގެން މިއައީ.“

ދެން އޭނާ ނާޒަށް ބުންޏެވެ. ”ދަރިފުޅުވެސް ބައްޕައާ ބައިވެރިވެލާ. އޭރުން ބައްޕަ ވަރަށް އުފާވާނެ.“

އާވި އަރައަރާ ހުރި ސައިތައްޓާއި ހެދިކާ އަޅާ ފުރާފައިވާ ތަބަކަށް ބަލާލުމުން މިއީ ހަވީރުސަޔަށް ހަދާފައިހުރި އެއްޗެތިކަން އެނގުނެވެ. އޭނާ އެތަނުން ފޮޅިއެއް ނަގާ ރަހަބަލައިލި އެވެ. ހަމަ އެރަހައެވެ. ތަފާތެއް ނެތެވެ. މިއީ އޭނާއަށް މީރުވެގެން ވަރަށް ގިނައިން ރާއިފާ ލައްވާ ހައްދުވާ ގަބުޅިފޮޅި އެވެ. އޭރު އެފޮޅި ކަމުންދާއިރު ހާދަމީރޭ ބުނެއެވެ. ރާއިފާ އެކަމާ ފަޚްރުވެރި ކަމާއެކު އަތް ދައްކާލާފައި ބުނެއެވެ. ”މި އަތުގެ ޖާދޫ“ އެވެ. މާނައަކި ތިޔަ ގޮތަށް އެކަކަށްވެސް ގަބުޅިފޮޅިއެއް ނުހެދޭނެއެވެ…… އަހުމަދު މިއަދުވެސް ހަމައެގޮތަށް ހާދަމީރޭ ބުނަން ބޭނުންވިއެވެ. އޭނާ ރާއިފާއަށް ބަލައިލިއެވެ. ހީވަނީ މިއަދުވެސް ރާއިފާ އެހުރީ ހާދަމީރޭ ބުނާއަޑު އަހާހިތުން ހެންނެވެ. ރާއިފާގެ އަތް މިއަދުވެސް ހަމައެގޮތަށް ދައްކާލިއެވެ. އަހްމަދުއަށް އޭގެ މާނަވެސް އެގިއްޖެއެވެ. ރާއިފާގެ މި ހަރަކާތުން އަހުމަދަށް ޔަގީންވީ ރާއިފާގެ ހިތުގައި އޮތް ލޯބި އަދިވެސް ބަދަލުނުވާ ކަމެވެ.

ނާޒް އިނީ ބައްޕަގެ ހަރަކާތްތަކަށް ބަލާށެވެ. ބައްޕަގެ ބީރައްޓެހިކަމާ މަންމައާ އެއްގޮތަކަށްވެސް ވާހަކަ ނުދައްކަނީ ކީއްވެގެންތޯ އަހަން ބޭނުންވެފައެވެ. އެކަމަކު އެއްވެސް ވާހަކައެއް އަހާކަށް ނުކެރުނެވެ. ލަދުން އިނދެ ބައްޕައާއެކު ސައި ބޮމުން ގެންދިޔައެވެ.(ނުނިމޭ)

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top