ގޮއިދޫ ރުއްތަކުގެ މަތިވަރު ރަނގަޅު ވެއްޖެ. މަހަކު 28000ކާށި ލިބޭ

download.jpg

ބ. ގޮއިދޫގެ ރުއްރުކުގެ މަތިވަރު މިދުވަސްވަރު ރަނގަޅުވެ، ލިބޭ ކާށީގެ އަދަދު ވަރަށްބޮޑަށް މައްޗަށް ގޮސްފައިވާ ކަމަށް ގޮއިދޫ ކައުންސިލުން ބުނެފިއެވެ.

ގޮއިދޫ ކައުންސިލުން ބުނީ ރުއްރުކުގެ މަތިވަރު ދަށަށް ގޮސްފައި އޮތުމަށްފަހު މަތިވަރު ރަނގަޅުވީ މިއަހަރު ފެށުނު ތަނާކަމަށެވެ. އަދި ރައްޔިތުންގެ ރުއްގަނޑުން ހަފްތާއަކު ފަސްހާހަށްވުރެ ގިނަ ކާށި މިވަގުތު ލިބޭ ކަމަށްވެސް ކައުންސިލުންމައުލޫމާތު ދެއެވެ.

ގޮއިދޫ ކައުންސިލްގެ މީޑިޔާ ކޯޑިނޭޓަރ އަހްމަދު ނިޔާޒް އީވީއަށް ވިދާޅުވީ ރައްޔިތުންގެ ރުއްގަނޑާއި، އާންމު ފަރުދުންގެ ރުއްތަކުން މިވަގުތު ލިބޭ ކާށީގެ އަދަދަށް ބަލާއިރު މަހެއްގެ މައްޗަށް އަށާވީސް ހާހަށްވުރެ ގިނަ ކާށި ބާޒާރަށް ނެރެވެއެވެ.

“މަތިވަރު ދަށްކޮށް ގިނަދުވަސްތަކެއް މިދޭތެރެއަކުން ދިޔަ. އެހެންނަމަވެސް މިހާރު މިއޮތީ ވަރަށް ރަނގަޅު ދުވަސްކޮޅެކޭ ދެންނެވޭނީ. ރައްޔިތުންގެ ރުއްގަނޑުން ހަފްތާއަކު ފަސްހާހަށްވުރެ ގިނަ ކާށި ނެރެވޭ އެބަ. މުޅި ރަށަށް ބަލާއިރު މަހަކު އަށާވީސްހާސް އޮނަތިރީސްހާސް ކާށި މާލެ ބޭރުކުރެވޭނެ” ނިޔާޒު ވިދާޅުވިއެވެ.

ގޮއިދޫ ކޯރު ސަރަހައްދު ރުއްދަނޑެއް / ފޮޓޯ: ގޮއިދޫ އެފްބީ ޕޭޖް

ނިޔާޒު ވިދާޅުވީ ކާށީގެ މަތިވަރު ރަނގަޅުވެ ކާށިލިބޭވަރު އިތުރުވިނަމަވެސް އޭގެ އަގު ބޮޑު ނުވާކަމަށާ، މިހާރު މާކެޓުން ލިބޭ އަގު ދަށްކަމަށެވެ.

“ކުރިން ފަސްރުފިޔާ ހަރުފިޔާ މާލޭ ބާޒާރުން ލިބެމުން އައީ. ކާށި މާބޮޑަށް ބާޒާރުގައި ގިނަވީކަންނޭގެ މިހާރު. ދެ ރުފިޔާއަށް މިހާރު މިހުރީ އަގު. ބައެއް ފަހަރު ދޮޅަކަށްވެސް އުޅޭކަންނޭގެ”

ބ. އަތޮޅުގައި އެންމެގިނަ ރުއްހުރި ގޮއިދޫގައި މިވަގުތު ދިހަހާހަށްވުރެ ގިނަ ފޯދުނު ރުއް އެބަހުރިކަމަށް އެރަށު ކައުންސިލުން ބުނެއެވެ. ރަށު ކައުންސިލުން ބުނީ ކާށި ވިޔަފާރިކޮށްގެން އެރަށު މާލިއްޔާއަށް އަހަރަކު ލައްކައިން ފައިސާ ލިބެމުންދާކަމަށެވެ. އަދި ޖުމްލަކޮށް ބަލާއިރު ގޮއިދޫގެ ރައްޔިތުންނަށް މިވިޔަފާރިން އަހަރަކު ބައިމިލިޔަނަކާ ގާތްކުރާ އަދަދަކަށް ފައިސާ ލިބޭނެކަމަށް ކައުންސިލުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top