އެންމެ ފިޔަވަޅެއްވެސް ފަހަށްޖެހުމެއް ނެތް

photo_2022-05-12_10-41-45-1.jpg

(ގައްޔޫމް ނަސީރު)

އެއީ ޝާޒްމަރީ (ޝާޒްލީން މުހައްމަދު) ގެ ވާހަކައެވެ. އޭދަފުށީގައި ގާޑިޔާ ވިޔަފާރި ތައާރަފްކޮށް އެގާޑިޔާ ވައިގާ ހިއްޕުވާލި ކުޅަދާނަ އަންހެނަކީ އެއީ އެވެ. ކާޑަމަންޗައި ބޮންބޭ ޗައިގެ އިތުރުން ވެސް މީރު ސަޔަކަށް އިންސާފު ކޮށްލެއްވުމަށް މަރީގެ ފެމެލީ ގާޑިޔާވަރެއް ހަމަ ނޯންނާނެއޭ ބުނާ މީހުން އޭދަފުށީގައި މަދެއް ނުވާނެ އެވެ.

މަރީ، މަރީއެއްގެ ގޮތުގައި މީހުންނަށް ފެނުނީ އޭނާގެ ފެމިލީ ގާޑިޔާއިންނެވެ. އެހެންނޫންނަމަ އާދައިގެ އާއިލާއަކުން އައިސް ހުރި ކުޑަކުޑަ މަރީއެއް ބޮޑު މަރީ އެއްގެ ގޮތުގައި އޭދަފުށީ އަންހެނުންގެ ކޮމިޓީގެ މެންބަރަކަށް ރައްޔިތުންގެ ބޮޑު މެޖޯރިޓީއަކުން ނާންނާނެ ނޫން ހެއްޔެވެ.

އެކަމަކު ދެންއޮތީ ހިތާމަވެރި ވާހަަކަ އެކެވެ. ޝާޒްމަރީ އޭދަފުއްޓަށް ތައާރަފް ކުރި ފެމެލީ ގާޑިޔާގެ ދުވަސް ހިނގައްޖެ އެވެ. އެތަނަކުން އެންމެ މީރު ހެދިކާއާއި މީރުބުއިން ތައް ލިބުނު މަރީގެ މަޝްހޫރު ފެމެލީ ގާޑިޔާގެ ވިޔަފާރި ހުއްޓާލަން ޖެހުނީއެވެ. އެކަމާ އޭނާ އިނީ މޮޅިން މޮޅިސާލު ލައިގެންނެވެ. ލިބުނު އާމްދަނީ ގެއްލުމަކުން އެކަންޏެއް ނޫނެވެ. އިރުއަރާ އޮއްސޭ ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކަށް ހިދުމަތް ދިނުމުގައި ވަރުބަލި ވުމެއްނެތި އެއްމޭޒުން އަނެއް މޭޒަށް ހިނގާލަހިނގާލައި ހުރެ ކަސްޓަމަރުންނަށް ދެއްކި ހިނިތުންވުމާ ހިތްހެޔޮކަމާއެކު އޭނާއަށް ލިބުނު އެތައް ރައްޓެހިންވެސް ގެއްލި ދިޔައިތީއެވެ. އެއީ ދުނިޔޭގެ ސުންނަތެވެ. އައުމާއި ދިއުމެވެ. ޖާރީވަމުން ދާ މި ސިލްސިލާ އަކަށް ނިމުމެއް ނޯންނާނެ އެވެ. އެހެން ނަމަވެސް އޭނާ ހުރީ މިކަން ހުއްޓާލާ ގޮތަކަށް ނޫނެވެ. ވެއްޓުމުން އެއަށް ވުރެ އަވަހަށް ކޮޅަށް ތެދުވެ އަނެއްކާވެސް ކުރިއަށް ވުރެ ބާރަށް ދުއްވައިގަތުމަކީ ދިރިއުޅުމުގައި އޭނާ ގެންގުޅޭ އުސޫލެވެ. ފެމެލީ ގާޑިޔާގެ އެރީތި ހަވީރުތައް އޭދަފުށީގެ ސްޓޭޖު ސަރަހައްދުން ދައްކައި ނުދެވުނަސް ކޮންމެވެސް އެހެން ދިމާއަކުން އެދުވަސްތައް އަނބުރާ ގެނައުމަށް އޭނާ ހުރީ ނިކަން ރަނގަޅަށް ތައްޔާރު ވެގެންނެވެ.

އެކަމަކު ބުނަން ހެއްޔެވެ. ގާޑިޔާ ވިޔަފާރިއަކީ އޭނާގެ ކެރިޔަރެއް ނޫނެވެ. ގަސްދުގައި ފެށި މަސައްކަތެއް ވެސް ނޫނެވެ. ފެށުނު މަސައްކަތެކެވެ. މަންމައާއެކު ދިރިއުޅުނު މަންމަގެ އާއިލީ ގޯތި ބެހުމުން ލިބުނު ބައިގާ ދިރިއުޅެވެން އޮތީ އިމާރާތެއް ކޮށްގެން ކަމަށް ވާތީ އެކަމަށް ހެސްކިޔާފައި ފައިސާ ބޭނުންވާތީ ފެށި މަސައްކަތެކެވެ. މަންމަ ދެއްކި މަގެކެވެ. އެހެންވެ ކަނޑިކިން އެއްދަރު ލިބާހުން ދެދަރު ބަނދެގެން މަރީ މަސައްކަތުގެ މައިދާނަށް ނުކުތީ ފިސާރި އަންހެނަކަށް ވެގެންނެވެ. އަމިއްލަ ގެއެއް އެޅެންދެން އެހެން ގެއެއް ކުއްޔަށް ހިފައިގެންނެވެ.

މަސައްކަތް ފެށުމުގެ ގޮތުން ވަށައިގެން އޮތް ފަސް މަންޒަރު ބަލައިލުމުން ފެންނަނީ އުއްމީދުގެ އަލިކަމެވެ. ކޮންމެ ކަމެއްވެސް ކާމިޔާބު ކުރެވިދާނެފަދަ ބުންވަރާއި ފަންވަރު ހުރި ޒުވާން ޓީމެކެވެ. އެންމެ ގާތުގައި ދެ ނޯޖަވާނުން ނެވެ. ގައިބާރު ހުރި އެއްކަށި ވީރުންނެވެ. ފުލުހުންގެ ވަޒީފާގައި ގައުމީ ހިދުމަތުގައި އުޅުއްވާ ފިރިމީހާ، އަލީ އާއި ފެނަކައިގާ ވަޒީފާ އަދާކުރާ ފިރިހެން ކޮއްކޮ އަލީއެވެ. ދެ އަލީއާއި މަންމައާއި މަރީ އެކުވުމުން އެއޮތީ އެއްވަނައިގެ ޓީމެކެވެ. މަންމަގެ އުމުރުން ފަންސާހުގެ އަހަރުތައް ގުނެވެމުން އައި ކަމަށް ވިޔަސް އަދިވެސް މަންމަ ހަމަ ޒުވާނެވެ. މަރީއަށް އެންމެ ތަންކޮޅެއްވެސް ދުލެއް ނުކުރެއެވެ. ހެދިކާ ހަދަން ވިޔަސް އެހެން މަސައްކަތެއް ކުރަން ވިޔަސް މަންމަގެ މުރާލިކަމާމެދު ފާޑު ކިއުމުގެ ޖާގައެއް ނެތެވެ. ވަޒީފާގައި އުޅޭތާ އެތައް އަހަރެއް ވީއިރު އޭނާގެ މަަސައްކަތާމެދު ހިތްހަމަނުޖެހިގެން ޝަކުވާއެއް ނާދެއެވެ. ހެދިކާ ހަދައިގެން ވިއްކުމުގައިވެސް އޭދަފުށީގައި މަޝްހޫރު މީހެކެވެ. އޭނާގެ މަސްރޮށީގެ މީރު ރަހައަށް ދެވި ހިފާފައި ތިބި އެތައް ޒުވާނުންނެވެ. އިގްތިސާދު ކުރަން ދަންނަ މީހެކެވެ. އެހެންވީމާ މަންމަގެ އަތުުގައި އާއިލާ އަށް ފުދޭވަރުގެ ގެއެއް އަޅައިލެވޭހައި ފައިސާ ޖަމާވެފައި ހުންނާނެއެވެ. އެކަމަކު މަރީ އެގޮތް ބޭނުން ނުވީއެވެ. މަންމަގެ ފައިސާ ހުރިތަނަކު ބަހައްޓާނީއެވެ. މަންމައަށް ބޮޑު ކަމެއް ޖެހިދާނެކަމަށް ބަލާފަ އެވެ.

”އަސްލު މަންމަގެ ފައިސާ އިން އެއްވެސް ވަރެއް ހަރަދު ކުރަން އަހަރެމެން ދެބެއިން ބޭނުންނުވީ. އެއީ މިހާ ދުވަސް ވަންދެން މަންމަގެ ބުރަމަސައްކަތުން ހޯދި ފައިސާ. ބޭނުން ވަނީ އަހަރެމެން ހަތަރު މީހުން މަސައްކަތް ކޮށްގެން ހޯދާ ފައިސާ އިން ގެއެއް އަޅަން.“ މަރީ ބުންޏެވެ.

މަންމަގެ ފައިސާގައި ނުޖެހި ހަތަރު ބުރި އިމާރާތެއް އެޅުމަށް އެެންމެން ވެސް އެއްބަސްވީ މި ޓީމުގެ މަސައްކަތުން އެންމެ ކުޑަމިނުން އެވަރު ކޮށްލެވެން ޖެހޭނެ ކަމަށް އިއްތިފާގު ވެގެންނެވެ.

”ގެއިން ނުކުމެ ކުއްޔަށް ތަނެއް ހިފުމާހަމައަށް މަންމަ ކޮންމެވެސް ވަރަކަށް ހެދިކާ ހަދައިގެން ވިއްކަމުން ގެންދޭ. ފޮނިރޮށި ކުޅިރޮށި، ރުއްބުޑު. މާލެއަށްވެސް ފޮނުވަން. އެއްބަނޑު އަންހެނަކު މާލޭގައި އިންނާތީ އެތަކެތި މާލޭގައި ވިއްކުމަށް އެއީ ލިބުނު ނަސީބެއް.“ މަންމަގެ ގާތުގައި އިނދެގެން މަރީ އީވީއަށް މައުލޫމާތު ދިނެވެ.

އެކަން ހުއްޓާލަން ޖެހުނީ ގެއިން ބަދަލުވާން ޖެހުމުންނެވެ. އޭރުވެސް ގާޑިޔާ ވިޔަފާރީގެ ހިޔާލު އުފަން ނުވެއެވެ. އެކަމަކު ގެ އެޅުމަށް ލޯނެއް ނެގީ އެލޯނު ދެއްކުމަށް ހަތަރު މީހުންނަށް ލިބޭ މުސާރައިގެ އިތުރުން އާމްދަނީ ލިބޭނެ މަސައްކަތެއް ފެށުމަށް ނިންމައިގެންނެވެ. ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ދެމައިން އަނެއްކާވެސް ހެދިކާ ވިޔަފާރިއަށް ނުކުތެވެ. އެންމެ 1500 ރުފިޔާގެ އިންވެސްޓަކުންނެވެ. ވިޔަފާރި ރަނގަޅުވާން ފެށުމުން ދެން ބޭނުންވީ ފުޅާކޮށް ތަފާތު ކޮށްލާށެވެ. ރަށު ކައުންސިލަށް ދަންނަވައިގެން އޭދަފުށީގެ ސްޓޭޖް ސަރަހައްދުން 1200 އަކަފޫޓުގެ ބިން ކުއްޔަށް ހިފައި މަރީގެ ”ފެމެލީ ގާޑިޔާ“ގެ ނަންބޯޑު އަޅުވައިލިއެވެ.

”ކުރިމަތީގައި އޮތީ ހަތަރުބުރީގެ އިމާރާތުގެ ކުރެހުމެއް. ލޯނަކާވެސް އެކު. އެހެންވެ ﷲ އާ ވަކީލުކޮށް  ފެމިލީ ގާޑިޔާ ނަމުގައި ރަޖިސްޓްރީކޮށްގެން މަސައްކަތް ފެށީ.“

ހިތްވަރުގަދަ ހަތަރު ފަހުލަވާނުންގެ އިތުރުން އާއިލާގެ އެހީތެރިކަމާއެކު ކުރަން ފެށި މި މަސައްކަތް އެމީހުން އިންތިޒާރު ކުރިވަރަށްވުރެ އަވަހަށް ވައިގާ ހިފިއެވެ. އާދައިގެ ހޮޓަލަކުން ނުލިބޭނެ ގިނަ ހިދުމަތް ތަކެއް ފޯރު ކޮށްދިނުމުގެ ނަތީޖާއެވެ. މަދު ހެދިކާ ކޮޅަކާއި ލުއިކާނާ ކޮޅަކުން ފެށި ގާޑިޔާގެ އުމުރުން ދެއަހަރު ވީއިރު މުޅި ރަށުގައި ދައްކަނީ މަރީގެ ފެމެލީ ގާޑިޔާގެ ވާހަކައެވެ. އެތަނުން ލިބޭ ރަނގަޅު ހިދުމަތްތަކާއި ހިތްހަމަޖެހުމުގެ ވާހަކަ އެވެ.

ބާރު ދުވެލީގައި ކުރިއަރަމުން އައި ފެމެލީ ގާޑިޔާގެ ވިޔަފާރީގައި ނިމުމުގެ ސިއްކަ ޖަހަން ޖެހުނީ މި ހިސާބުންނެވެ. ރަށު ކައުންސިލުން ދީފައިވާ މި ބިމުގެ މުއްދަތު ހަމަވުމާވެސް ތަން ކައުންސިލަށް ނެގީއެވެ. އެކަމަކު މަރީ ބުނަނީ މި ދާއިރާގައި ހަރަކާތްތެރިވާ އެހެން މީހުނަށް ހަޖަނުވީ ކަމަށެވެ.

މިކަން މިމަގަށް ހިނގާނެކަން މަރީއަށް އެނގެއެވެ. އެހެންނަމަވެސް ޝައުގުވެރިކަމާއެކު ނިކަން ކުރާހިތުން ކުރަމުން އައި ކަމެއް ނިންމާލަން ޖެހުމުން ދެރަވެ މާޔޫސްވިއެވެ. މުޅި ޓީމުގެ ހިތްވަރު އެލުނެވެ.

އުފަލަކީ މި މަސައްކަތް ފެށި މަގުސަދު ހާސިލުވުމެވެ. މަރީމެންގެ ހަތަރު ބުރީގެ އިމާރާތުގެ މަސައްކަތް ނިމެނީއެވެ. މިހާރު ހިނގަމުން ދަނީ ފިނިޝިންގ މަސައްކަތެވެ. ގެއަށް ބޭނުންވާ ދޮރާއި ދޮރުފަތާއި ތަށިމުއްޓާއި ފަރުނީޗަރު ގެނައީ ރާއްޖެއިން ބޭރުންނެވެ. އެ ކޮންޓޭނަރު މާލެ އަތުވެއްޖެ އެވެ. ލޯނު އަދާ ކޮށް ނިމެން، ދެން އޮތީ އެންމެ ދެތިން މަހެވެ.

ގެއެއް އެޅުމަށް ފައިސާ ހޯދުމުގެ ގޮތުން މަރީމެން ފެށި މިމަސައްކަތް ނިންމާލާފައިި ދެން މިހާރު ދެއަތް އެލުވާލައިގެން ތިބެވިދާނެއެވެ. މަރިބުނާހެން މަގްސަދު ހާސިލުވެއްޖެއެވެ. އެކަމަކު މަރީހުރީ މިކަން ހުއްޓާލާ ގޮތަކަށް ނޫނެވެ. ބައިވަރު ސަބަބު ތަކެއްވެސް ހުރެގެންނެވެ. ކަސްޓަމަރުން ބޭނުންވަނީ އެމީހުން ފަންޑު ކޮށްގެން ކަމަށްވިޔަސް ނޫނީ ހިލޭ ސާބަހަށް މަސަައްކަތް ކޮށްދީގެން ކަމަށް ވިޔަސް މަރީގެ ފެމެލީ ގާޑިޔާ ހިންގާށެވެ. ކޮންމެހެން ސްޓޭޖްސަރަހައްދަށް ވާކަށް ނުޖެހެ އެވެ. ހިދުމަތް ރަނގަޅުނަމަ ކޮންމެ ތަނަކު ހިންގިޔަސް އެތަނަކަށް މީހުން ދާނެ އެވެ. ދެވަނަ ސަބަބަކީ މަރީމެންގެ މަސައްކަތް ހުއްޓުވާލުމަށް މަސައްކަތް ކުރި މީހުންނަށް ސާޒްމަރީ އަކީ އެހާ ފަސޭހައިން ބަލި ގަބޫލުކޮށް އެންމެ ފިޔަވަޅެއްވެސް ފަހަށް ޖެހޭނެ މީހެއް ނޫންކަން ދައްކާލާށެވެ. ހަމައެހެންމެ ފެމެލީ ގާޑިޔާ، ލަގްޒަރި ފެންވަރުގައި ހިންގަން ހޯދާފައި ހުރި މެޝިންތައްވެސް ހުރީ އާރޯ ތާނާ އެވެ.

ހަރަކާތްތެރި އަތަށް ބަރަކާތް އިތުރުވާނެއޭ ބުނާ ބަހުގެ ތެދުކަމާއެވެ. މަރީ ކުއްޔަށް ހިފާފައި އޮތް ގޯތީގެ އެއްފަރާތުގައި ފަޅުވެ އެކަނިވެރިވެފައި އޮޮތް ބިން ސާފުކޮށް އެ ބޮޑު ހުސް ބިމުގައި އަނެއްކާވެސް ހަމަ ފެމެލީ ގާޑިޔާގެ ނަމުގައި ހިންގަން ފަށައިފި އެވެ. ދުވާލު 9 އިން ފެށިގެން ރޭގަނޑު 12 ޖަހަންދެން  ޚިދުމަތްދެމުން ދާއިރު ކޮފީއާއި ކާބޯތަކެތީގެމީރު ވަހުން މުލިސަރަހައްދު އެއްވަސް ވެ، ހޯލުގައި ހުރި 65 އިންޗީގެ ބޮޑު ޓީވީއިން ދައްކާ ޝޯތަކުން މުޅި މާހައުލު އުފާވެރިކޮށްލައިފި އެވެ.

ހައިރާން ވާން ޖެހޭކަމަކީ ފެމެލީ ގާޑިޔާ ހިންގުމުގައި ފެމެލީ ނޫން މީހަކު ނުގެންގުޅޭތީއެވެ. އެއީ ކުރިންވެސް މަރީ ބޭނުންވި ގޮތެވެ. ފެމެލީ ގާޑިޔާގެ ނަން ކިޔަން ޖެހުނީވެސް އާއިލާގެ އެއްބާރު ލުން ލިބޭތީއެވެ.

”އަމާޒަކީ ލޯނު ނިންމައި ގެދޮރު ހަދައި ނިމެންދެން އިތުރު މީހަކު ނުގެންގުޅުން. އަމިއްލަ މަސައްކަތް އަމިއްލައަށް ކުރުން މަގްސަދަކީ. އެހެން ނަަމަވެސް މީ ވަރަށް ބުރަ މަސައްކަތެއް. ލޯނު ނިމުނީމާ މިހާ ބުރަކޮށް ނުކުރާނަން. އިތުރު މީހުން ލައިގެން އަހަރެމެންނަށް ލުއިކޮށްގެން މަސައްކަތް ކުރާނީ.“

ކުރިމަގުގައި ފެމެލީ ގާޑިޔާއިން ލިބޭ ހިދުމަތްުގެ ފެންވަރު ރަނގަޅު ކުރުމުގެ ޕްލޭނެއްވެސް މަރީ ވަނީ ހަދާފައެވެ. އެންމެ ފާހަގަ ކުރެވެނީ ތަނުގެ ނަންޖަހައިގެން ޕިއްޒާ ފޮށިވެސް އުފެއްދުމާއި ތަނުގެ ނަން ޕްރިންޓް ކޮށްފައި ހުންނަ ތަށިތަކުގައި ހިދުމަތް ދިނުމަށެވެ. ހަމައެހެންމެ އިތުރު ވައްތަރުގެ ކާތަކެތިވެސް ތައާރަފް ކުރުމެވެ.

”ދުރުރާސްތާގެ އަމާޒަކީ ފެމެލީ ގާޑިޔާ ގެ ނަމުގައި ކުރަމުން އައި ވިޔަފާރި ރެސްޓޯރެންޓް ވިޔަފާރިއާ ހަމައަށްގެންދިއުން. “މަރީގެ ފިރިމީހާ އަލީ، އިތުރު ކޮށްލި އެވެ.

މިހާ ކުރު މުއްދަތެއްގައި ކާމިޔާބާއެކު މިހާ ހިސާބަށް އާދެވުނީ ކީއްވެގެން ކަން މަރީ ސާފުކޮށްދިނެވެ.

”ފިރިމީހާގެ ހިތްވަރު. ޕްލަސް އައްޔަ (ކޮއްކޮ). ފިރިމީހާ ބުނާނެ އަހަރެން ވަކިވެގެން ދިޔަ ނަމަވެސް މަންމަމެންނަށް ކޮށްދިން މަސައްކަތެއް ވީމާ އުވި ނުދާނެ ނޫންހޭ. އަދި މާދަމާ މަރީ ވަކިވެގެން ދިޔައަސް މަންމަމެންނަށް ކަމެއް ކޮށްދެވިފަ އޮތިއްޔާ ނުވާނެ ދޯއޭ ގޯހެއް.“

ހަމައެހެންމެ ކުޑަ އަންމަ (ބޮޑުދައިތަ ޒާހިރާ) ގެ ހިދުމަތް ޝުކުރުވެރިކަމާއެކު ފާހަގަކުރާ ކަމަށް މަރީ ބުންޏެވެ. ”އެއުމުރުގެ މީހަކާ އަޅާ ބަލާއިރު އެއީ ހަމަ ލާމަސީލު މިސާލެއް.“މަރީގެ ވާހަކަ ނިންމާލި އެވެ.

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top