ބ. ހިތާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ ކަމަށް އެމަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން ބުނެފި އެވެ.
އެކުންފުނިން ބުނީ މަސައްކަތް ފެށުމަށް ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށެވެ.
ހިތާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 14،929.60 ކިއުބިކް މީޓަރަށް ބަނދަރު ފުން ކުރުމާއި، 41،101.00 ކިއުބިކް މީޓަރަށް ބަނދަރަށް ވަންނަ ނެރު ފުން ކުރުން ހިމެނެއެވެ.
އަދި 2 މީޓަރު ގްރޮއިން ޖެހުމާއި، 70 މީޓަރ ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި، 425 މީޓަރ ސޭންޑް ފިލް ބްރޭކް ވޯޓަރު ޖެހުން ހިމެނެއެވެ.
އޭގެ އިތުރުން 90 މީޓަރ ރިވެޓްމެންޓް ޖެހުމާއި، ހަތަރު ނެވިގޭޝަން ލައިޓް ހަރުކުރުމާއި، 350 މީޓަރު އެއްގަމު ތޮށި މަރާމާތުކޮށް ޖިއޯޓެކްސައިލް ޖެހުން ހިމެނެއެވެ. މީގެ އިތުރުން ފަސް މޫރިންގް ބޮއި ހަރުކުރުމާއި އެއްގަމު ތޮށިން ބޭރު ތޮށްޓަށް އެރުމަށް ބްރިޖެއް އެޅުމާއި، ކޮންކްރީޓް ޕްލެޓް ފޯމެއް ހެދުން ހިމެނެއެވެ.
އަދި 18 މަގު ބައްތި ހަރުކުރުމާއި، ރޭމްޕް ހެދުމާއި، 1750.00 އަކަ މީޓަރު ޕޭވްމަންޓް ހެދުން ހިމެނެއެވެ.
ހިތާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ އަށްވަނަ ދުވަހު އެވެ.
540 ދުވަހުގެ ތެރޭގައި ނިންމުމަށް ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކުރި މި މަޝްރޫއުގެ އަގަކީ 17.7 މިލިއަން ރުފިޔާ އެވެ.